"ހީލާ ހަދާލަން" ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ފްލައިޓެއްގައި!

"މީ ލޯތްބަކީ" ގެ ލީޑު ރޯލުން ފެނިގެންދާނެ އައްޒަ އަދި ޖުމައްޔިލް ފިލްމުގެ ޕޯސްޓަރެއްގައި---

ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ތައްޔާރުވަމުން އަންނަ ކޮމެޑީ ރޮމޭންޓިކް ފިލްމު "މީ ލޯތްބަކީ" ގެ ދެވަނަ ޕްރޮމޯޝަނަލް ލަވަ "ހީލާ ހަދާލަން" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ފްލައިޓެއްގެ ތެރޭގައި ކަމަށް އެ ފިލްމުގެ ޓީމުން ބުނެފިއެވެ.

ފިލްމުގެ ފުރަތަމަ ލަވަ "އޭ މަންޖޭ" އަށް ފަހު ކުރިޔަށް އޮތް ލަވަ ރިލީޒް ކުރާނީ އަންނަ ބުދަ ދުވަހު އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށްވާ މެގަ މޯލްޑިވްސްއާ ގުޅިގެން އެ ލަވައިގެ މަންޒަރުތައް ފްލައިޓެއްގެ ތެރޭގައި ޝޫޓް ކޮށްފައި ވާއިރު އެ ލަވަ ހުށަހަޅާދީފައި ވަނީ މަޝްހޫރު ޑިޓިއުން ބޭންޑުންނެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ،ފިލްމުގެ ދެވަނަ ޕްރޮމޯޝަނަލް ލަވަ ނެރެން ތައްޔާރުވެފައި ވާއިރު އެ ލަވަ ވާނީ ވަރަށް ތަފާތު ލަވައަކަށް ކަމަށެވެ.

" ވަރަށް ތަފާތު ލަވައެއް މީ. އަލަށް ޕްލައިޓެއްގެ ތެރޭގަ ލަވައެއް އެއްކޮށް ޝޫޓް ކޮށްފަވާ ލަވައަކަށް މި ލަވަ ވާނެ. ވަރަށް ހިތްގައިމު އެހާ މަޖާ ލަވައެއް މީ،" ރިލީޒްވާން އުޅޭ ލަވަ އާ ގުޅޭގޮތުން މޮގާ ބުންޏެވެ.

މޮގާ ބުނީ، އެ ލަވަ ޝޫޓް ކުރީ މުޅިއެކު 60 އަށް ވުރެ ގިނަ މީހުން ހިމަނައިގެން ކަމަށެވެ.

"މީ ލޯތްބަކީ" ގެ ލަވައެއް ޝޫޓް ކުރުމަށްޓަކައި މެގަ މޯލްޑިވްސްގެ ފްލައިޓެއްގައި---

ފިލްމުގެ މަންޒަރުތައް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ނަގާފައިވާ "މީ ލޯތްބަކީ" ގެ އޮފިޝިއަލް ޓްރެއިލާ ވެސް ވަނީ މީގެ ކުރިން ބެލުންތެރިންނަށް ދޫކޮށްލާފައެވެ. ފުރަތަމަ ލަވައަށާއި ޓްރެއިލާއަށް ވެސް ތަރުހީބު ބޮޑުވެފައި ވާއިރު ކުރިޔަށް އަންނަން އޮތް "ހީލާ ހަދާލަން" އަށް ވެސް ތަރުހީބު ބޮޑު ވާނެ ކަމަށް މޮގާ ގަބޫލު ކުރެއެވެ.

14 މާޗް އިން ފެށިގެން އޮލިމްޕަހުން މި ފިލްމުގެ ޓިކެޓް ވިއްކަމުން އަންނަ އިރު ޓިކެޓްގެ ސޭލެސް ވެސް ވަރަށް ރަނގަޅު ކަމަށާއި ކުރިޔަށް އޮތް ހަތްފާ ބަންދުގައި "މީ ލޯތްބަކީ" ގެ މޭކިން ސީޑީ ވެސް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް މޮގާ ބުންޏެވެ.

"ތަފާތު ކަންކަން އަޅުގަނޑުމެން އަދިވެސް ކުރާނަން ފިލްމު ޕްރޮމޯޓްކުރުމަށް. މޭކިން ސީޑީގަ ފެންނާނީ ޝޫޓިންގަ އުޅުނު އިރުވީ މަޖާ ކަންކަމާއި މީގަ އުޅޭ ބައެއް ތަރިންގެ އިންޓަވިއު،" މޮގާ ކިޔައިދިނެވެ.

"މީ ލޯތްބަކީ" ގެ ފުރަތަމަ ޓްރެއިލާ---

މުޅިން އަލަށް ފިލްމު އިންޑަސްޓަރީ އަށް ތައާރަފްވާ ތަރިންތަކަކާ އެކު ބޮޑު ކާސްޓެއް ހިމެނޭ "މީ ލޯތްބަކީ" ގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު ތަރި މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލެވެ.

comment ކޮމެންޓް