މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ވައްދާނަން: އިބޫ

މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރެއްވުމަށްފަހު، އިދިކޮޅު ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ވައްދާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިބޫ އެހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު އޮތް ކަމަށް ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުގެ އިއްތިފާގުން ނިންމުމާ ގުޅުގެންނެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި ވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގެ ބަދަލުގައި ވަކިވަކިން ކޮންމެ މެމްބަރަކު، އެ މެމްބަރަކަށް ފެންނަ ގޮތް ހާމަކޮށްގެންނެވެ.

އެ ގޮތަށް ވޯޓް ނަގަން ނިންމީ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިންއަށް މައްސަލަ ދިމާވެފައި ކަމަށް ތުހުމަތުކޮށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ހުށަހެޅުއްވުމުން އެކަމަށް ތާއިދު ލިބުމުންނެވެ. ނަމަވެސް އެ ވޯޓް ނަގާފައި ވަނީ އިލްކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުންކޮށްގެން ފާހަގަކޮށްލެވެއެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެން ބުނި ފަދައިން މިއަދު މަޖިލީހަށް އަޅުގަނޑުމެން ވަނީ މި ވޯޓް ކާމިޔާބް ކުރެވޭނެ ކަމުގެ އުންމީދާއި ޔަގީން ކަމާއެކު. އަޅުގަނޑުމެންގެ މަސަތްކަތް މިހިސާބުން މި ހުއްޓުނީކީ ނޫން. މިއީ ފެށުމެއް. ވަރަށް އަވަހަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަޅުގަނޑުމެން ގުޅިގެން އެކީގައި ވައްދާނަން. އަދި އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން،" ވޯޓަށް ފަހު މަޖިލިސް ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރެއްވުމަށްފަހު، އިދިކޮޅު ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސާޅީސް އަށް މެމްބަރުންގެ އިއްތިފާގުން މަސީހު ވަކިކުރުމަށް މިއަދުގެ ޖަލްސާއިން ފާސްކޮށްފައިވާއިރު އެ ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރެއް ބައިވެރިވެފައެއް ނުވެއެވެ. 13 މެމްބަރެއްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުމުން ބޭރުކުރިއިރު އަނެއް 21 މެމްބަރުން ވަނީ މަޖިލިސް ދޫކޮށް ނިކުމެވަޑައިގެންފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫން ވިދާޅުވީ މަސީހުގެ ރިޔާސަތުގެ ދަށުން ބާއްވާ މަޖިލީހުގެ ޖަލްސާތައް ވާނީ ބާތިލް ޖަލްސާތަކަކަށް ކަމަށާއި މަސީހު ބައިވެރިވެ ވަޑައިގަންނަވާ އެހެން ޖަލްސާއެއް ނުބޭއްވޭނެ ކަމަށެވެ.

ފާރިސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިދިކޮޅު މަޖިލިސް މެމްބަރުންގެ ޓީމާ އިތުރު މެމްބަރުން ގުޅި ޓީމު ބޮޑުވެގެން އަންނަތަން ފެނިގެންދާނެ ކަމަށެވެ.

"މިއަދު މި ފެނުނީ ކުޑަ ކުޑަ މިސާލެއް މި މަޖިލިސް ވޭތިވެދިޔަ ތިން އަހަރު ހިނގަމުން ދިޔަ ގޮތުގެ. މިހެން ކަންތައްތައް ހިނގާތީ އަޅުގަނޑުމެން ބަދަލުތައް ގެންނަން ޖެހެނީ. އަޅުގަނޑުމެންނަށް މަޖުބޫރު މިކަން ކުރަން. އެހެންވީމަ މިހިސާބުން އަޅުގަނޑުމެން ހުއްޓާނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ހަމަ ޖެހިވަޑައިގަންނަވާނީ އަލުން ވިސްނަވަން މިކަމާ،" ފާރިސް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރެއްވުމަށްފަހު، އިދިކޮޅު ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

comment ކޮމެންޓް