ގައުމީ ޓީމުގެ މެނޭޖަރަކަށް ޓީސީގެ މެނޭޖަރު މޯ ހަމަޖައްސައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ އާ މެނޭޖަރަކަށް ހަމަޖެއްސި ޓީސީ ސްޕޯޓްސް ކްލަބުގެ މެނޭޖަރު މުޙައްމަދު އީސާ (މޯ) -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް، ޓީސީ ސްޕޯޓްސް ކްލަބުގެ މެނޭޖަރު މުޙައްމަދު އީސާ (މޯ) ހަމަޖައްސައިފިއެވެ.

މޯ ގައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސިކަން އިއުލާނުކުރީ މިހާރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ ގައުމީ ޓީމުގެ މީޑިއާ އިވެންޓުގައެވެ.

މީގެ ކުރީން ގައުމީ ޓީމުގެ މެނޭޖަރު ކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ، އޭރުގެ ކޯޗު ރިކީ ހާބަޓާއެވެ. އެހެން ނަމަވެސް، އޭއެފްސީގެ ގަވާއިދު އޮންނަ ގޮތުން މެނޭޖަރުގެ މަގާމަށް މީހަކު ލިސްޓުކުރަންޖެހޭތީ ގައުމީ ޓީމުގެ އޭރުގެ އެސިސްޓެންޓް ކޯޗް އައްސަދު ޢަބްދުލް ޣަނީގެ ނަން މެނޭޖަރުގެ ގޮތުގައި އޭރު ލިސްޓުކުރިއެވެ.

ހާބަޓަށް ފަހު، ގައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސީ، އެފްއޭއެމްގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)އެވެ. އަދި މިއަދާ ހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކުރަމުން އައީ ޖަވާއެވެ.

މިއަދު ގައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސި މޯ އަކީ، ޓީސީ ސްޕޯޓްސް ކްލަބު އުފެއްދުމުގައި ވެސް އެންމެ އިސްކޮށް ޚަރަކާތްތެރިވި އެ ޓީމުގެ އެއް ބާނީއެވެ. އަދި މިއަހަރު ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި އެއްވެސް މެޗަކުން ބަލިނުވެ އެ މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދިއިރު އެޓީމުގެ މެނޭޖަރުގެ މަސްއޫލިއްޔަތު އަދާކުރަމުން އައީ މޯ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާ ވިދާޅުވީ، ގައުމީ ޓީމަށް މިވަގުތު ބޭނުންވަނީ، ޓީމަށް ފުރިހަމައަށް ވަގުތު ދެވޭ، އަދި އެކަމުގައި ރަނގަޅަށް ހަރަކާތްތެރި ވެވޭފަދަ މެނޭޖަރެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ، ޓީމަށް ވަގުތު ދެވޭ މީހަކު ގައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސަން،" ޖަވާ ވިދާޅުވިއެވެ.

އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައި ވުމަށް، ފަލަސްތީނާ ދެކޮޅަށް މާދަމާ ރޭ ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޓީމު ފަހުގެ ތައްޔާރީތައް ވަމުން ދާއިރު ކޯޗް ޑެރެން ސްޓެވާޓް ވަނީ ގައުމީ ޓީމުގެ ކެޕްޓަނަކަށް އަސްހަދު އަލީ (އަޑުބަރޭ) ހަމަޖައްސައި ވައިސް ކެޕްޓަނުންގެ ގޮތުގައި ޝާފިއު އަހްމަދު (ޝާފީ) އާއި މުހައްމަދު އުމޭރު ހަމަޖައްސައި އެ ކުޅުންތެރީންނާ ބޭންޑު ހަވާލުކޮށްފައެވެ.

comment ކޮމެންޓް