24 ކިލޯގެ ޑްރަގް އެތެރެކުރި ދެ މީހުން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ހ. އެވަޕީސް، އަބްދުﷲ ސޮފްވަތާއި ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާ: އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި އެތެރެކޮށް ގެންގުޅުމުގެ ދައުވާ ވަނީ ސާބިތުވެފައި -- ސަންފައިލް ފޮޓޯ

ބޭރުގެ ބަޔަކާ ގުޅިގެން އީރާނުގެ ހޮރުމޯޒު ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަން ޝަރީއަތަށް ސާބިތުވެ، ހ. އެވަޕީސް، އަބްދުﷲ ސޮފްވަތާއި ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ، ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކުން ސާބިތުވާކަމަށެވެ. އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް ޖޫރިމަނާކޮށްފައިވާއިރު، އެ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ވަނީ އެ ދެ މީހުންނަށް އަންގައިފައެވެ.

ސޮފްއަތާއި އިސްމާއިލް މޫސާގެ މައްޗަށް އެ ދައުވާ ދައުލަތުން އުފުލީ އެ ދެ މީހުން 2014 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ހޮރުމޯޒު ނަމަކަށް ކިޔާ އީރާނުގެ ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައިވާތީއެވެ. އެ މަސްތުވާތަކެތި އެތެރެކުރީ ޑިންގީއެއްގެ ކައްޅިތަކުގެ ތެރެއަށްލައި ފައިބަރު ޖަހައި ބަންދުކޮށްގެނެވެ.

އެ ތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ މީހުން ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތު އެވެ.

comment ކޮމެންޓް