މިހަފްތާގައި ބަންދުވަނީ އިނގުރައިދޫ، އުނގޫފާރު، ކުޅުދުއްފުށި އަދި މާލެ އޭރިއާގެ ސްކޫލްތައް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މާހިލް މުހައްމަދު

މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ވައިރަހާ ގުޅިގެން ރާއްޖޭގެ ތިން ސަރަހައްދެއްގެ ބައެއް ސްކޫލުތައް މިހަފްތާއަށް އެއްކޮށް ބަންދުކުރުމަށް ނިންމައިފިއެވެ.

މިހަފްތާއަށް ބަންދުކުރަން ނިންމާފައިވާ ސްކޫލްތައް:

  1. ގްރޭޓަރ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ގެ ހުރިހާ ސްކޫލެއް
  2. ރ. އިނގުރައިދޫ ސްކޫލް
  3. ރ. އުނގޫފާރު ސްކޫލް
  4. ހދ. އަތޮޅު ތައުލީމީ މަރުކަޒު (ހދ. ކުޅުދުއްފުށި)
  5. ޖަލާލުއްދީން ސްކޫލް (ހދ. ކުޅުދުއްފުށި)
  6. އަފީފުއްދީން ސްކޫލް (ހދ. ކުޅުދުއްފުށި)

ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން ވައިރަަސް ފެތުރެމުންދާ ނަމަވެސް މިހަފްތާ ފެށުނު އިރު އެޑިއުކޭޝަން މިނިސްޓްރީން ކުރިން އޮތީ ސްކޫލުތަކުގެ ކިޔެވުން އަލުން ފަށާ ގޮތަށެވެ. އިއްޔެއާއި މިއަދު ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ދިޔަ ނަމަވެސް، ބެލެނިވެރިން ސްކޫލަށް ފޮނުވާފައިވަނީ ވަރަށް މަދު ދަރިވަރުންނެވެ.

ސްވައިން ފްލޫއާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން އުފައްދާފައިވާ ޕެންޑެމިކް ކޮމިޓީގެ މެމްބަރު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމަކީ މުހިންމުކަމެއް ކަމަށް ސަރުކާރުން ދެކޭތީ، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާގެ މަތިން ސަރުކާރުން އުފެއްދި ޓެކްނިކަލް ކޮމިޓީއިން ނިންމާފައިވަނީ ރޯގާ ފެތުރޭ ހިސާބުތަކުގައި ހުރި ސްކޫލްތައް މިހަފްތާގެ ބާކީ ތިން ދުވަހަށް ބަންދުކުރުމަށެވެ.

މިނިސްޓަރު ވިދާޅުވީ ރޯގާ މިހާރު ދަނީ ކޮންޓްރޮލުވަމުން ކަމަށާއި، ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދުވެސް ދަނީ މަދުވަމުން ކަމަށެވެ.

އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ މި ރޯގާއަކީ އާންމުކޮށް މިހާރު ފެތުރޭ އެއްޗެއް ނަމަވެސް، ރޯގާގެ މައުލޫމާތު ފަތުރާފައި އޮތީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކަމަށެވެ.

"ބިރުގަނެ، ކަންބޮޑުވި އާންމުންވެސް ތިބުމާ އެކު، ސްކޫލުތައް ހުޅުވިޔަސް އިޖާބަދިން ތަނެއް ފެނިގެނެއް ނުދިޔަ،" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތައް މިހަފްތާގައި ކުރިޔަށް ގެންދިއުމަށް ނިންމީ، މިދިޔަ ހަފްތާގައި ސްކޫލް ބަންދުވުމުގެ ކުރިން، ތިން ދުވަސް ކުރިއާލައި ބަންދު ކުރުމުގެ ސަބަބުން ގެއްލުނު ފިލާވަޅުތައް ހޯދުމަށް ފަސޭހަވާނެ ކަމަށް ބަލާފައި ކަމަށެވެ.

"އޭރު ނިންމީ އިތުރު ބަންދެއް އައިސްފިނަމަ ކުދިންނަށް އިތުރު ގަޑިތަކުގައި ނަގަންޖެހޭ ފިލާވަޅުތައް ގިނަވެ، މުގައްރަރު ފުރިހަމަކުރުމަށް އިތުރު ދުވަސްތަކެއް ހޭދަކުރަންޖެހޭނެތީ. އެހެންވެ ސްކޫލުތައް [މިހަފްތާގައި] ހުޅުވީ،"

އެޗްޕީއޭގެ މަޝްވަރާގެ މަތިން އެޑިއުކޭޝަންް މިނިސްޓްރީން މި ހަފްތާގައި މާލޭގެ އިތުރުން ކުޅުދުއްފުށީގެ ސްކޫލުތަކާއި، ރ. އިނގުރައިދޫ އަދި އުނގޫފާރުގެ ސްކޫލްތައް ބަންދުކުރަން ނިންމި އިރު، ރާއްޖޭގެ އެހެން ހިސާބުތަކުގެ ސްކޫލްތަކުގައި ކިޔެވުން ކުރިޔަށް ދާނެއެވެ.

comment ކޮމެންޓް