ގައުމީ ޓީމުގެ ކެޕްޓަނަކަށް އަޑުބަރޭ

ގައުމީ ީޓމުގެ ކެޕްޓަނަކަށް ހަަމަޖެއްސި އަސްއަދު އަލީ--ސަންފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ދިވެހި ގައުމީ ޓީމްގެ ކެޕްޓަނަކަށް ތަޖުރިބާކާރު މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) ހަަމަޖައްސައިފިއެވެ.

މިއަދު ހެނދުނު ގައުމީ ދަނޑުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިއަށް އޮތް ފަލަސްތީން މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅާއިގެން ކުޅޭނީ އަޑުބަރޭ ކަން އިއުލާންކޮށްފައިވަނީ ދިވެހި ޓީމުގެ ކޯޗު ޑަރެން ސްޓެވާޓެވެ.

އަޑުބަރޭ ކެޕްޓަނަކަށް ހަަމަޖެއްސިއިރު ވައިސް ކެޕްޓަނަކަށް ހަަމަޖެއްސީ ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ)އެވެ.

މީގެ ކުރިން ފަލަސްތީނާއި ދެކޮޅަށް 2014 ވަނަ އަހަރު އޭޢެފްސީ ޗެލެންޖް ކަޕް ގައި ކުޅުނު ދިވެހި ޓީމްގައިވެސް އިސްދައުރެއް އަދާކުރި އަޑުބަރޭ ކެޕްޓަނަކަށް ހަމަޖެއްސީ އޭނާއަކީ މިވަގުތު ގައުމީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއާއަށް ވެފައި އޭނާއަށް ހަގީގަތުގައިވެސް އެ މަގާމު ހައްގުވާތީ ކަމަށް ކޯޗް ބުންޏެވެ.

" އަލީ އަށް އެ މަގާމު ހައްގު . އޭނާއަކީ މޮޅު ކުންތެރިއެއް. އަދި ކެޕްޓަން ބޭންޑް އެޅީމަ އޭނައަށް ޒިންމާ އިތުރުވެ މާ ރަނަގަޅަށްވެސް ޕަފޯމް ކުރާނެ ކަން އަހަންނަށް ޔަގީން،" ސްޓެވާޓް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ހުރިހާ ކުޅުންތެރިންވެސް އަޑޭ އަށް އިތުބާރު ކުރާ ކަމަށާއި އޭނާވެސް އަޑުބަރޭގެ ލީޑާޝިޕާ މެދު ސުވާލް ނުއުފައްދާ ކަމަށެވެ.

އަޑުބަރޭ ބުނީ ބޭންޑް އެޅުމަށް ވުރެ ހިތް ހަަމަޖެހޭނީ މާދަމާ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ކަމަށާއި ޓީމުގައި ތިބި ތަޖުރިބާކާރު ހުރިހާ ކުޅުންތެރިންނަކީވެސް ކެޕްޓަނުން ކަމަށެވެ.

"ޓީމުގައި ތިބި ތަޖުރިބާކާރު ހުރިހާ ކުޅުންތެރިންނަކީ ކެޕްޓަނުން، އެކަމަކު ބޭންޑް ލިބުމަށްވުރެ ހިތްހަމަ ޖެހޭނީ މެޗުން މޮޅުވީމި،" އަޑުބަރޭ ބުންޏެވެ.

މާޒިޔާއަށް މިވަގުތު ކުޅެމުން އަންނަ އަޑުބަރޭ އަކީ ތަޖްރިބާގެ ގޮތުންނާއި ހުނަރު ގެ ގޮތުންވެސް މޮޅު ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ ކްލަބް ލެވެލްގައި ބައެއް ޓީމު ތަކުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

މި ފަހަކަށް އައިސް ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ އަނިޔާގެ ސަބަބުން މިފަހަރުގެ ސްކޮޑްގައި ނުހިމެނޭ އަލީ އަޝްފާގުއެވެ.

comment ކޮމެންޓް