އެޗްޑީސީ އިން ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް ފަށައިފި

އެޗްޑީސީން ކުރިއަށް ގެންދާ، ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި ހުރި ކުނިތައް ނަގައި ސާފުކުރުމަށް އެންގުމުން ސާފު ނުކޮށް ހުރި ގޯތިތަކުގެ ވެރިން ޖޫރިމަނާކޮށް އެ ގޯތިތައް ސާފު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ފަށައިފި އެވެ.

އެ ކޯޕަރޭޝަނުން ގޮތުގައި، އެފަދަ ތަންތައް ސާފު ކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ކުރި އިއުލާނަށް އިޖާބަދީ ގޯތިތައް ސާފުކޮށްފައި ވަނީ 17 ފަރާތަކުންނެވެ. ކުނި އަޅައި، ސާފުތާހިރުކަން ގެއްލޭ ގޮތަށް 35 ގޯއްޗެއް އޮތް ކަމަށް ފާހަގަ ކުރެވުނު ކަމަށާއި، ސާފު ނުކޮށް ހުރި ގޯތިތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިދުވަސްވަރަކީ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދަ ބަލިތައް އާންމު ވެފައިވާ ދުވަސްވަރަކަށް ވުމުން ހުޅުމާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ކަމަކަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ގޯތިތައް ސާފު ކުރުމަކީ އެ ގޯއްޗެއް ހަވާލު ކޮށްފައިވާ ފަރާތުގެ ޒިންމާއަކަށްވާ އިރު، އެޗްޑީސިން އެންގި އެންގުމަށް އިޖާބަ ނުދިނުމުގެ ސަބަބުން އެފަދަ ގޯތިތައް ސާފު ކުރުމަށް އެކުންފުނިން ކުރާ އެއްވެސް މަސައްކަތެއްގައި ގެއްލުމަކަށް އެކުންފުނިން ޒިންމާ ނުވާނެ އެވެ.

އަދި އެތަންތަން ސާފު ކުރަން ނިންމީ ހުޅުމާލޭގެ ރީތިކަމާއި ސާފުތާހިރުކަން ގެއްލޭ ގޮތަށް ކުނިއަޅާފައި ހުންނަކަން އެކުންފުންޏަށް ފާހަގަ ކުރެވުމާއި އޭގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ނޭދެވޭ އަސަރު ކުރާތީ އާންމުންގެ ޝަކުވާ އިތުރު ވެފައިވާތީ ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް