އިއްޔެއަށް ވުރެ މިއަދު ސްކޫލްތަކަށް ދިޔަ ކުދިންގެ އަދަދު މަދު: ސްކޫލްތައް

15 މާޗް 2017: ސްކޫލު ކުދިންގެ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ތެރެއިން: ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ޤުރުއާން މުބާރާތް ފެށީ އިސްލާމީ މަރުކަޒުގައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިޑްޓާމް ބަންދަށް ފަހު ކިޔަވައިދިނުން އިއްޔެ ފެށިއިރު އިއްޔެއަށްވުރެ ވެސް ގިނަ ސްކޫލްތަކަށް މިއަދު ދިޔަ ކުދިންގެ އަދަދު މަދު ކަމަށް ސުކޫލްތަކުން ބުނެފި އެވެ.

ޕްރީ ސުކޫލެއްގެ ޓީޗަރަކު މައުލޫމާތު ދިންގޮތުގައި އިއްޔެ އެ ސްކޫލަށް ދެ ކުދިން ދިޔަ އިރު މިއަދު ދިޔައީ އެންމެ ކުއްޖެކެވެ. ބައެއް ޕްރީ ސުކޫލްތަކުން ވަނީ މިހަފްތާގައި ކިޔަވައިނުދޭނެ ކަމަށް ވެސް އަންގައިފަ އެވެ.

މާލޭގެ އެންމެ ބޮޑު ސެކަންޑަރީ ސްކޫލްތައް ކަމަށްވާ ހިރިޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލަށް ވެސް އިއްޔެއަށް ވުރެ މިއަދު ދިޔަ ކުދިންގެ އަދަދު މަދެވެ. މަޖީދިއްޔާގެ އިސް އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި އިއްޔެ 128 ކުދިން ހާޒިރުވި އިރު މިއަދު ހާޒިރުވީ 60 ކުދިންނެވެ.

އަތޮޅުތެރެއަށް ބަލާއިރު ވެސް ކުދިން ސްކޫލަށް ފޮނުވާލެއް މިދުވަސްވަރު މަދެވެ.

ގިނަ އަދަދެއްގެ ބެލެނިވެރީން ބުނަމުން އަންނަނީ އެމީހުންގެ ދަރީން ސްކޫލަށް ނުފޮނުވާނެ ކަމަށެވެ. ކަންބޮޑުވުންތައް ޑޮކްޓަރުންނާ ހިއްސާކުރުމުން ކުދިން ސްކޫލަށް ފޮނުވުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން މައުލޫމާތުދެއްވާ ކަމަށް ބެލެނިވެރިން ބުނެ އެވެ.

އެއަށް އިތުރު ބާރެއް ލިބެނީ ކުދިން ސްކޫލަށް ފޮނުވަންވީތޯ ސުވާލުކުރުމުން މަޝްހޫރު ޑރ. އަބްދުﷲ ނިޔާފް ކުރި ޓުވީޓެވެ. ނިޔާފް ޓުވީޓްކޮށްފައި ވަނީ "ޕްލީސް ޑޯންޓް ގޯ" މިލަވަ އެވެ. އޭގެ މާނަ ގިނަ ބަޔަކު ނަގަނީ ކުދިން ސްކޫލަށް ނުފޮނުވަން ޑރ. ލަފާދެއްވީ ކަމަށެވެ.

މިޑްޓާމް ބަންދަށް ފަހު އިއްޔެ ސްކޫލުތައް ހުޅުވަން އެޑިއުކޭޝަނުން ނިންމާފައިވާ އިރު އެނިންމުމަށް ބަދަލެއްނުގެނެ އެވެ. އެ ނިންމުން ނިންމީ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަވަރާ އިޖްތިމާއީ ހާލަތަށް ބެލުމަށް ފަހު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިހާތަނަށް އެޗްވަންއެންވަންއަށް 501 މީހުން ޓެސްޓްކޮށްފައިވާ އިރު 185 މީހަކު ވަނީ އެ ރޯގާއަށް ޕޮޒިޓިވްވެފަ އެވެ. މިހާރު ވެސް 31 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ގިނަ ކުދިންތަކެއް ސްކޫލަށް ހާޒިރު ނުވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ރާއްޖޭގެ ސިއްހީ އެލާޓް ލެވެލް ތިނެއްގައި ހުރުމަކީ ސްކޫލު ބަންދު ކުރުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް