ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް "މިހާރު"ގެ ނޫސްވެރިން ނުވައްދަން ނިންމައިފި

ކްރިމިނަލް ނޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ ---ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވައްދަން ނިންމައިފި ކަމަށް އެ ނޫހުން ބުނެފި އެވެ.

މިހާރު ނޫހުގެ އެޑިޓަރު އިސްމާއީލް ނަސީރު މިއަދު ސަން އަށް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް އެ ނޫހުގެ ނޫސްވެރިން ނުވައްދާ ކަމަށާއި ނަމަވެސް އެއީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ.

އިސްމާއީލް ވިދާޅުވީ، މިހާރުގެ ނޫސްވެރިއަކު ކޯޓަށް ވަންނަން ދިއުމުން، "ވަކި ގޮތެއް އަންގަންދެން 'މިހާރު'ގެ ނޫސްވެރިން އަޑުއެހުންތަކަށް ނުވައްދަން އަންގާފައިވާ" ކަމަށް ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ކޯޓުގެ ބަހެއް ހޯދުމަށް އެކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

"މިހާރު"ގެ ނޫސްވެރިން އެ ކޯޓުގެ އަޑުއެހުންތަކަށް ނުވެއްދުމަށް ނިންމާފައިވާ އިރު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖޭގެ ބައެއް ނޫސްވެރިން ޓެރަރިޒަމަށް ހިތްވަރު ލިބޭ ލިޔުންތައް ލިޔަމުންދާ ކަމަށާއި އެފަދަ ލިޔުންތައް ލިޔާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކްރިމިނަލްް ކޯޓުން ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.

މިހާރުގެ އެޑިޓަރު އިސްމާއިލް ނަސީރު ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް މިމަހުގެ 20 ވަނަ ދުވަހު ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ޑިޕާޓްމެންޓް އޮސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށެވެ.

comment ކޮމެންޓް