ވަކިވަކިން ސުވާލުކޮށްގެން ނަގާ ވޯޓެއް ގަބޫލެއް ނުކުރެވޭނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އެމްޑީޕީގެ އިބްރާޙިމް މުހައްމަދު ސޯލިހު ---

މަޖިލީހުގެ ގަވާއިދުގައިވާ ގޮތް ނޫން ގޮތެއްގެ މަތިން، މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ނަގާ ވޯޓެއް ގަބޫލެއް ނުކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، އެ މައްސަލައިގެ ބަހުސް މަރުހަލާ ނިމިފައިވާ އިރު، ބަހުސްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނެގުމަށް ހުށަހަޅާ ކަމަށެވެ.

ބަހުސް މަރުހަލާގައި އެންމެ ފުރަތަމަ ވާހަކަދެއްކެވީ ނިހާނެވެ. އެއަށް ފަހު ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ބަހުސް ކުރައްވައި ނިމުނު އިރު، އެމްޑީޕީގެ އެއްވެސް މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ހާޒިރުވެއެއް ނެތެވެ.

މަޖިލީހުގެ އިދާރާގެ ބޭރުގައި މީޑިއާއާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ޅ. ހިންނަވަރު ދާއިރާގެ މެމްބަރުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި އިލެކްޓްރޯނިކް ވޯޓެއް ނޫން ގޮތަކަށް އެއްވެސް ވޯޓެއް ނުނެގޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ ކަމަށެވެ.

"އެނޫން ގޮތަކަށް ބަދަލުކުރެވޭނީ އިލެކްޓްރޯނިކް ވޯޓުގައި މައްސަލަ ޖެހިއްޖިއްޔާ. މަޖިލީހުގެ ގާނޫނުގެ 164 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ކަނޑައެޅި ފާޅުގައި އެނގެން އޮތް މައްސަލައެއް ދިމާވެއްޖެ ހާލުގައި މެނުވީ، އިލެކްޓްރޯނިކް ވޯޓަކާ މެދު އިތުރު ސުވާލެއް ނުކުރެވޭނެއޭ،" އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގޭނީ ހަމައެކަނި އިލެކްޓްރޯނިކް ވޯޓާ މެދު ސުވާލެއް އުފެދި ފާޅުގައި އެކަމެއް ފެންނަން އޮވެއްޖެ ހާލަތެއްގައި ކަމަށެވެ.

"އެޔަށްވެސް ދެވޭނީ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައި، އެކަން ފާސްކޮށްގެން. މިއަދު ފުރަތަމަ ވެސް ފެނިގެން އެދިޔައީ މަޖިލީހުގެ ގަވައިދާ ޚިލާފަށް ރިޔާސަތުން އަމަލުކުރަން ވިސްނާފައި އޮތްތަން. މިއީ ވަރަށް ބޮޑު މައްސަލައެއް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭނާ މަޖިލީހަށް ވެދެވަޑައިގަތީއްސުރެ، އޭނާގެ ސިސްޓަމު ބޭނުން ނުކުރެވޭ ކަމަށާއި އެ ސިސްޓަމު އޮތީ ހަލާކުވެފައި ކަމަށެވެ.

"އެ މައްސަލަ ހުށަހަޅައިގެން އަދިވެސް އެ ރަނގަޅު ނުކުރެވޭ. އަޅުގަނޑުމެންނަށް އެއްވެސް ޔަގީންކަމެއް ނެތް އެއްވެސް މެމްބަރެއްގެ ސިސްޓަމުގައި މައްސަލައެއް ނެތް ކަމަކަށެއް،"

އިބޫ ވިދާޅުވި ގޮތުގައި، އެ މައްސަލައާ ދޭތެރޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނެ ގޮތެއް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"މިއީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނަގާ ވޯޓެއް ކަމަކަށް ގަބޫލެއް ނުކުރަން. ގަވައިދާ ޚިލާފަށް ވޯޓު މި ނަގަނީ. އެހެންވީމާ މި ވޯޓަކީ ގަބޫލުކުރެވޭނެ އެއްޗެއް ނޫން،" އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުމުގެ މައްސަލަ އޮންނާނީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ.

comment ކޮމެންޓް