ގަރާރުގައި ވަނީ ހަގީގަތާ ޚިލާފު، އަސްލެއް ނެތް ވާހަކަތަކެއް: މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ކަންކަމުގައި އެއްވެސް އަސްލެއް ނެތް ކަމަށާއި، އޭގައި ވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވަހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މިއަދު ފެށުމުގެ ކުރިން މަސީހަށް ވަނީ ޖަވާބުދާރީ ވުމަށް 15 މިނިޓުގެ ވަގުތުކޮޅެއް ދީފަ އެވެ. ބަހުސް ނިންމާލުމަށް ފަހު ވެސް މަސީހަށް 15 މިނިޓުގެ ވަގުތުކޮޅެއް ލިބޭނެ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ. ނަމަވެސް މަސީހު ވާހަކަފުޅު ދެއްކެވީ އެއްފަހަރު އެވެ. ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންނެވި މެންބަރުންނަށް ފުރުސަތު ދެއްވުމަށް ފަހު، ރިޔާސަތުން ވަނީ ބަހުސު ނިމުނު ކަން އިއުލާން ކުރައްވައިފަ އެވެ.

މިއަދުގެ ބަހުސުގައި އެމްޑީޕީ އަށް 17 މިނިޓްގެ ވަގުތު ދިނެވެ. ނަމަވެސް އެމްޑީޕީ އެއްވެސް މެމްބަރަކު ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

މަސީހު މަޖިލީހުގައި ވިދާޅުވި ގޮތުގައި، އޭނާއާ ދެކޮޅަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

މަސީހު ވިދާޅުވީ، މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެމަނިކުފާނު ގެންދެވީ ކަންކަން ކުރައްވަމުން ކަމަށެވެ.

"މި މައްސަލާގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއްގައި އެއްވެސް އަސްލެއް، ބިންގަލެއް ނެތް. ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވަހަކަތަކެއް އަޅުގަނޑާ އަމާޒުކޮށްފައިވާކަން ފާހަގަކޮށްލަން،"

މަޖިލީހުގެ ރައީސް މަސީހު ވަނީ، އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ފާހަގަކޮށްފައިވާ ހަތް ނުކުތާއަށް ވަކިވަކިން ޖަވާބުދާރީވެވަޑައިގެންފަ އެވެ.

މަސީހު ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅުމުން މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތަކީ އެ ބިލެއް އެޖެންޑާކުރުން ކަމަށާއި، ބިލެއް ހިފަހައްޓައިގެން ހުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.

"މަޖިލީހުގެ ރައީސަށް އަތަށް ގަވައިދުން ބިލެއް އައިމާ އަޅުގަނޑު ޖެހޭނީ ބިލު އެޖެންޑަކުރަން. އެޖެންޑާނުކޮށް ހިފަހައްޓައިގެން ހުރުމުގެ ބާރެއް ނެތް. އަދި އެކަމެއް އަޅުގަނޑު ނުކުރާނަން،" މަސީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކަންކަން މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަން ކުރަމުން ގެންދާ ކަމަށެވެ. އަދި ކޮމިޓީތަކަށް ފޮނުވަން ޖެހޭ ކަންކަން ފޮނުވަމުން ގެންދާ ކަމަށާއި، ކޮމިޓީތަކުގެ މަސައްކަތް ހަލުއިކުރުމަށްޓަކައި މުގައްރިރުން ގާތު ދަންނަވަމުން ވެސް ގެންދަވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާ މައްސަލަތަކަށް އިސްލާހު ހުށަހެޅުމަށް ވެސް، ގަވައިދުގައި ބަޔާންކުރާ އުސޫލުގެ ދަށުން ކަންކަން ކުރުމަށް ރިޔާސަތުން ހުރަސް ނާޅާ ކަމަށް މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ކިބައިން މެމްބަރުން އެދެން ޖެހޭނީ އެމަނިކުފާނަށް ކުރެވޭވަރުގެ ކަންތަކެވެ.

މަސީހު ވިދާޅުވި ގޮތުގައި، މިދިޔަ ތިން އަހަރެއްހާ ދުވަސް ތެރޭގައި މަޖިލީހަށް ހުށަހަޅައި ފާސްކުރި 360 އެއްހާ މައްސަލައިގެ ތެރެއިން، އެމަނިކުފާނަށް ވޯޓުލުމަށް ލިބުނީ އެންމެ ދެތިން ފުރުސަތެވެ.

"މަޖިލީހުގެ ކަންކަން ނިންމަވާނީ މެމްބަރުން. މިދިޔަ ދުވަސްތަކުގައި އަޅުގަނޑަށް ވޯޓުދޭން ވެސް ލިބުނީ އެންމެ ދެތިން ފުރުސަތު."

comment ކޮމެންޓް