ކަރީނާއާ ގުޅޭ ސުވާލު ކުރުމުން މިހާރު ޝާހިދު އަށް އުނދަގުލެއް ނުވޭ!

ކުރީގެ ލޯބިވެރިން ކަމުގައި ޝާހިދު ކަޕޫރު އަދި ކަރީނާ ކަޕޫރުގެ ގުޅުމަކީ ގިނަ ބަޔަކަށް އެނގޭ ވާހަކަ އެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށް ފަހު ދެ މީހުން ވަކިވީ 2007 ވަނަ އަހަރު އެވެ. އެއަށްފަހު ދެމީހުން މަސައްކަތް ކުރީ އެކަކު އަނެކަކާ ވީހާ ވެސް ދުރުން އުޅުމަށެވެ.

ދެމީހުން ވަކިވުމަށް ފަހު ކަރީނާ ވަނީ ބޮލީވުޑުގެ އެކްޓަރު ސައިފް އަލީ ޚާން އާއި ކައިވެނިކޮށްފަ އެވެ. އަދި ޝާހިދު ވެސް ވަނީ ދާދި ފަހުން ކައިވެނި ކޮށްފަ އެވެ. ދެމީހުންނަށް މިހާރު ވަނީ ކުދިން ވެސް ލިބިފަ އެވެ.

ދެމީހުން ވަކިވުމަށް ފަހު މިހާރު 10 ވަރަކަށް އަހަރު ވެފައި ވާއިރު، ކަރީނާ އާ ގުޅުވައިގެން ކުރެވޭ ސުވާލުތަކަށް ޖަވާބު ދޭން މިހާރު ޝާހިދަށް އުނދަގޫ ނޫން ކަމަށް މިވަނީ ބުނެފަ އެވެ.

ދާދި ފަހުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ޝާހިދު ބުނީ އޭނާ އާއި ކަރީނާގެ ގުޅުމަކީ މުޅި ދުނިޔެއަށް އެނގޭ ބޮޑު ސިއްރެއް ކަމަށާއި، މިހާރު އެ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ޖެހިލުން ނުވާ ކަމަށެވެ.

ކަރީނާ އާއި ޝާހިދު ވަނީ މިދިޔަ އަހަރު ނުކުތް ފިލްމު 'އުޅްތާ ޕަންޖާބު'ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އެއީ ދެމީހުން ރުޅި ވުމަށް ފަހު ދެމީހުން އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ދެމީހުންގެ ގުޅުން ރަނގަޅު ވީވެސް އެއަށް ފަހު އެވެ.

comment ކޮމެންޓް