ޝާހު އާއި ރަންބީރު އެއް ފިލްމަކުން ފެނިގެން ދަނީ؟

ކާމިޔާބު ޑައިރެކްޓަރު، ޕްރޮޑިއުސަރު ކަރަން ޖޯހަރު ދެން އުފައްދާ ފިލްމެއްގައި ބޮލީވުޑުގެ ރަސްގެފާނު، ޝާހުރުކް ޚާން އަދި މިހާރު ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އެއް އެކްޓަރު ރަންބީރު ކަޕޫރު އެކުގައި ފެނިގެން ދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ކަރަންގެ ފިލްމުން ޝާހު އަދި ރަންބީރު އެކުގައި ފެނިގެން ދާނެ ކަން ހާމަކޮށްފައި ވަނީ ޓްރޭޑް އެނަލިސްޓު ރަމޭޝް ބާލާ ކުރި ޓުވީޓެއްގަ އެވެ.

އެ ފިލްމުގައި ދެ މީހުން ވެސް ފެނިގެން ދާނެ ފިލްމުގެ ދެ ލީޑުންގެ ގޮތުގަ އެވެ. މިދިޔަ އަހަރު ރިލީޒް ކުރި ކަރަންގެ ކާމިޔާބު ފިލްމު 'އޭ ދިލް ހެ މުޝްކިލް'ގެ ލީޑު ރޯލުން ފެނިގެން ދިޔައީ ރަންބީރު އެވެ. އެ ފިލްމުގައި ޝާހުގެ ޚާއްސަ ފެނިލުމެއް ފެނިގެން ދިޔަ އެވެ.

މިހާރު ޝާހު އަދި ރަންބީރު ވެސް އަންނަނީ ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޝާހު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ރަންބީރު މިހާރު ކުރަމުން އަންނަނީ ސަންޖޭ ދަތުގެ ބަޔޮޕިކްގެ މަސައްކަތެވެ. އެއަށް ފަަހު އާލިއާ ބަޓް އާއެކު، އަޔާން މުކަރްޖީ ޑައިރެކްޓު ކުރާ ފިލްމު 'ޑްރެގަން'ގެ މަސައްކަތް ފަށާނެ އެވެ.

އޭގެ އިތުރުން ކަރަން ވެސް މިހާރު އަންނަނީ އޭނާގެ ފިލްމު 'ސްޓުޑެންޓު އޮފް ދަ އިޔަރ 2' އަށް އަދި ސަލްމާން ޚާން އާއި އަކްޝޭ ކުމާރު ހިމަނައިގެން ކުރިއަށް ގެންދާ ފިލްމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް