ނެދަލެންޑްސްގެ ގައުމީ ކޯޗުކަމުން ބްލިންޑް ދުރުކޮށްފި

ނެދަލެންޑްސްގެ ގައުމީ ކޯޗުކަމުގެ މަގާމުން ދުރުކުރި ޑެނީ ބްލިންޑް --- ފޮޓޯ/ އޭޕީ

ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަމުން ޑެނީ ބްލިންޑް ދުރުކޮށްފި އެވެ.

ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި އަޔެކްސްއާ އެކު ކާމިޔާބީތަކެއް ހޯދާފައިވާ ބްލިންޑް، ނެދަލެންޑްސް ގައުމީ ކޯޗުކަމުގެ މަގާމުން ދުރުކުރިކަން ރޯޔަލް ޑަޗް ފުޓްބޯލް އެސޯސިއޭޝަން (ކޭއެންވީބީ) އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ނެދަލެންޑްސްގެ ކޯޗުކަމުގެ މަގާމު ބްލިންޑްއަށް ހަވާލުކޮށްފައި ވަނީ ޔޫރޯ 2016 ކޮލިފައިންގެ މެދެއްހާ ހިސާބުންނެވެ. އޭނާއަށް ކޯޗުކަމުގެ މަގާމު ދީފައި ވަނީ އޭރު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ގޫސް ހިޑިންކް މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭގެ ކުރިން ބްލިންޑް ހުރީ ހިޑިންކްގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ. އޭރު ކޯޗުކަމާ ހަވާލުވި ނަމަވެސް، ބްލިންޑްއަށް ނެދަލެންޑްސް ޓީމު ޔޫރޯ 2016އަށް ކޮލިފައިކޮށްދެވިފައެއް ނުވެ އެވެ.

ނެދަލެންޑްސްގެ ގައުމީ ކޯޗުކަމުގެ މަގާމުން ބްލިންޑް ދުރުކޮށްފައި ވަނީ ވޯލްޑް ކަޕް 2018 އިން ވެސް އެޓީމަށް ޖާގަ ނުލިބިދާނެކަމުގެ ބިރާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން ނެދަލެންޑްސް ބަލިވެފައި ވަނީ 2-0 ލަނޑުންނެވެ.

"ބްލިންޑް ޓީމާ ހަވާލުވެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރުގައި ޓީމަށް ކޮށްދިން ހިދުމަތްތަކަށް އިހުތިރާމްކުރަން. އެކަމަކު ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން ވޯލްޑް ކަޕަށް ކޮލިފައިވުމުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުމުން އަހަރެމެންނަށް ބްލިންޑް މަގާމުން ދުރުކުރަން މަޖުބޫރު،" ކޭއެންވީބީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބައްރުގެ 'ގްރޫޕް އޭ'ގައި ނެދަލެންޑްސް މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ހަތަރުވަނައިގަ އެވެ. ގްރޫޕްގެ އެއްވަނާގައި އޮތް ފްރާންސަށް 13 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ސްވިޑަންއަށް ލިބިފައި ވަނީ ދިހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބަލްގޭރިއާއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

comment ކޮމެންޓް