ޕްރިޔަންކާގެ ސަބަބުން ސުނީގެ މުޅި ހަޔާތް ބަދަލުވެއްޖެ!

ސުނީތާ އަލީ. ފިލްމު އިންޑަސްޓްރީގައި މެދުކެނޑުމެއް ނެތި 22 އަހަރު---

އއ. އުކުޅަހަށް އުފަން ސުނީތާ އަލީ (ސުނީ) އަކީ، ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި ފިސާރި ކަނބަލެކެވެ. އޭނާއާ އަރާ ހަމަކުރެވޭނެ ދެވަނަ ނެށުންތެރިއެއް ހަމަ ނެތެވެ. އީދަކަސް، ހިތާނީ ޝޯ އަކަސް ސުނީގެ ޑިމާންޑް އޮންނަނީ އިންތިހާއަށް ބޮޑުވެފައެވެ. ސުނީ އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާގެ ވަރަށް ބޮޑު ފޭނެއްވެސް މެއެވެ. ގިނަ ދުވަސްތަކެއްގައި ޕްރިޔަންކާއާ ސޯޝަލް މީޑިއާ މެދުވެރިކޮށް ވާހަކަދެއްކުމަށްފަހު ސުނީ އޭނާއާ ދިމާވެސް ވީއެވެ. ސުނީ ބުނަނީ، ޕްރިޔަންކާ، އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލައިފި ކަަމަށެވެ.

"ސަން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސުނީ ބުނީ،އޭނާގެ ސަބަބުން ބޭރުގެ ގިނަ ބަޔަކަށް ރާއްޖެ އެނގި، ރާއްޖޭން ބޭރުގެ ގިނަ ބަޔަކަށް އޭނާ އެނގެމުންދާ ކަމަށެވެ. އަދި ޕްރިޔަންކާއަށް ސަޕޯޓް ކުރަން ފެށުން އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ސުނީ ދެކެއެވެ.

ސުނީތާ ---

" ރާއްޖެއިން ބޭރުގައިވެސް އެބަތިބި މިހާރު އަހަރެންގެ ވަރަށް ގިނަ ފޭނުން. ވަރަށް ގިނަ ބަޔަކަށް މިހާރު އަހަރެން އެބަ އިނގޭ. ހަަމަ ބުނެވިދާނެ ޕީސީ އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލީއޭ. ތިން އަހަރުތެރޭގަ ލައިފަށް ވަރަށް ބޮޑެތި ޗޭންޖަސް ތަކެއް އަތުވެއްޖެ. ދެން ހަަމަ އަހަންނަށް ސަޕޯޓް ކުރާ ދިވެހި ފޭނުންވެސް ވަރަށް ގިނަ،" ކުޅަދާނަ ނެށުންތެރިޔާ ބުންޏެވެ.

"ދީވާނަ ވީމަތާ" އިން ފިލްމީތަރި އަޒްމީލް އާ އެއްކޮށް ސުނީގެ ފުރަތަމަ ވީޑިއޯ ލަވަ ފެނިގެންދިޔަ އިރު މިހާތަނަށް ސުނީގެ ގިނަ ލަވަތަކެއް ވަނީ ބެލުންތެރިންގެ ހިތްތަކަކާ ކުޅެލައިފައެވެ. ޓީވީ މޯލްޑިސްއިން ދެއްކި ޑްރާމާއަކުން ފިލްމީ ދާއިރާއަށް ތައާރަފްވި ސުނީ ވަނީ ދިވެހި ލަވަތަކަށް ލޯބި ކުރާ ފަރާތްތަކުގެ "ހިތް ދީވާނާ" ވާ ފަދަ ލަވަތަކެއް ގެނެސްދީފައެވެ.

ފިލްމީ ދާއިރާގައި 22 އަހަރު މެދުކެނޑުމެއްނެތި، ނެށުމުގެ ތެރޭން ބެލުންތެރިންގެ މުނިފޫހި ފިލުވައިދެމުން އަންނަ ސުނީ ބުނީ، އޭނާ އެކްޓް ކުރުމަށް ވުރެ ބޮޑަށް ނެށުމަށް ޝައުގުވެރިވާ ކަމަށެވެ.

" އަސްލު ކުރިންވެސް ބުނަން ފިލްމު ކުޅޭ ހިތެއް ނުވެޔޭ. އެކްޓް ކުރާ ހިތް ނުވަނީ. ބޮޑަށް ޝައުގުވެރިކަން ހުންނަނީ ވެސް ނެށުމަށް،" ދެތިން ކުރު ފިލްމަކުން ކުރިން ފެނިފައިވާ ސުނީ ބުންޏެވެ.

ސުނީގެ އެންމެ ފުރަތަމަ ވީޑިއޯ ލަވަ "ދީވާނަ ވީމަތާ"---

ސުނީ ބުނީ މިހާތަނަށް ގިނަ ލަވަތަކަކުން އޭނާ ތަފާތު ތަރިންނާ އެކު ފެނިގެން ގޮސްފައިވާއިރު އެއިން ކޮންމެ ތަރިޔަކާ އެކީ ވެސް ނަށާލަން ވަރަށް ފަސޭހަ ކަމަށާއި ގިނަ ލަވަތަކުން ފެނިގެން ގޮސްފައިވާނީ ޑިސްކޯ އަބްދުﷲ އާ އެކީ ކަމަށް އޭނާ ބުންޏެވެ.

"އަސްލު ހުރިހާ އެންމެންނާ އެކީ ވެސް ނަށާލަން ވަރަށް ފަސޭހަ. ގިނަ ލަވަތަކުން ފެނިފައިވާނީ ޑިސްކޯ އާ އެކު. ދެން އަޒޭ އާ އެއްކޮށްވެސް ފެނިގެން ގޮސްފަ ހުންނާނީ،" ސުނީ ބުންޏެވެ.

ދިގު މުއްދަތަކަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރެވުނު އިރު އެންމެ އުފާވީ އެނާގެ އެންމެ ސްޕޯޓް ކުރާ ޕްރިޔަންކާ ސްޓޭޖް މަތީ ހުރެފައި އޭނާގެ ނިތް ކުރިޔަށް 'ބޮސް' ދިނުމަށްފަހު އެވޯޑް ދިން ދުވަސް ކަމަށް ސުނީ ބުންޏެވެ. އަދި އެއީ މިހާތަނަށް ހަނދާނުން ފޮހެލަން ދަތި ދުވަހެއް ކަމަށް ވެސް ސުނީ ބުންޏެވެ.

"ޕީސީ އަހަރެން ގައިގަ ބައްދާލާފަ އަހަންނަށް އެވޯޑް ދިން ދުވަސް އެއީ އަހަރެންގެ ހަޔާތަށް އައި ވަރަށް އުފާވެރި ދުވަހެއް. ވަރަށް އުފަލުން ހުރީ އަހަރެން،" އޭނާ ބުންޏެވެ.

އާ އަހަރު ބޭއްވި ޝޯވްގައި ޕްރިޔަންކާ ސުނީތާ އާ އެކު -- ފޮޓޯ އެފްބީ

އެހެން ނަމަވެސް ސުނީ އަކީ ވަރަށް ގިނަ ބައެއްގެ މާލާމާތް ވެސް ރައްދުވަމުން އަންނަ އަންހެނެކެވެ. އެންމެ ފުރަތަމަ ނަށަން ފެށި ހިސާބުން ފެށިގެން ވެސް މީހުން ސުނީއަށް މަލާމާތުގެ ބަސްތައް ރައްދު ކުރެއެވެ. އަދި ޕްރިޔަންކާ އަށް ސަޕޯޓް ކޮށް އޭނާގެ ސްޓައިލްތައް ކަމުގޮސްގެން ކޮޕީ ކުރަން ފެށި ހިސާބުން މީހުންގެ މަލާމާތްތައް ދިޔައީ އިންތިހާއަށް އަރައިގެންނެވެ. ނަމަވެސް ސުނީގެ އަޒުމް ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންނެވެ. މަލާމާތާއި ފުރައްސާރަތައް އޭނާ ދެކެނީ ލިބޭ ކުރިއެރުމެއްގެ ގޮތުގައެވެ.

"ވަރަށް ގިނަ މީހުން ހަމަ ފެނުނީނަމަވެސް މަލާމަތް ކުރި އޭރުވެސް. އެކަމަަކު އަޅާ ނުލަން. ރައްދުވެސް ނުދެން. އަހަރެންގެ އަޒުމް ވަރަށް ވަރުގަދަ ވާނެ. އެހެންވީމަތާ މިހާ ގިނަ ދުވަހު މި ދާއިރާގަ މި ހުންނަނީ ވެސް. މީހުން ބުނެލާ އެއްޗެހި ދެކެނީ އަހަންނަށް ލިބޭ ކުރި އެރުމުގެ ގޮތުގަ،" ސުނީގެ ވިސްނުން ހުރިގޮތް ކިޔައިދިނެވެ.

27 ފެބްރުއަރީ 2017: ހީވާގި ކަނބަލުން އެކްސްޕޯގެ ތެރެއިން މިރޭ ކުރިޔަށްދިއަ މިއުޒިކް ޝޯ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސުނީ ބުނީ، އަބަދުވެސް ޕްރިޔަންކާއާ ވާހަކަ ދައްކާ ކަަމަށާއި ޕްރިޔަންކާއާ އެކު ލަވަ އަކަަށް ނަށާލުން އެއީ އޭނަގެ ވަަރަށް ފޮނި އުންމީދެއް ކަމަށެވެ. އޭގެ އިތުރުން ސުނީ ބުނީ، ރާއްޖެއިން އޭނާއަށް ލިބޭ ސަޕޯޓާ ނުލައި މިހާ ހިސާބަށް އައުމަށް ދަތި ވާނެ ކަމަށެވެ.

" އަސްލު އަހަރެން ޕީސީއަށް ސަޕޯޓް ކުރާހެން އަހަންނަށް ސަޕޯޓް ކުރާ މީހުންވެސް ރާއްޖޭގަ ވަރަށް ގިނަ. ވަރަށް ސަޕޯޓްދޭ ގިނަ މީހުން،" ގިނަ ރިސޯޓް ތަކުގައި ވެސް ނަށަމުން އަންނަ ސުނީ ބުންޏެވެ.

"ސުނީތާ އޯ މައި ޑާލިން" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ސުނީ ބުނީ، އޭނާ ނެރެމުން އަންނަ "ހިތް ދީވާނާ 7" ގެ ލަވަ ސީޑީ އެއް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ވަރަށް އަވަހަށް މަސައްކަތް ފަށާނަން އެ ލަވަ ސީޑީގެ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ނެރެވޭނެ،" ސުނީ ބުންޏެވެ.

ސުނީ އެންމެ ފަހުން ނެރުނު ވީޑިއޯ ލަވަ "ސުނީތާ އޯ މައި ޑާލިން"---

މީހުންގެ މަލާމާތް ރައްދުވިޔަސް ސުނީގެ އަޒުމް ހާދާހާ ވަރުގަދައެވެ. ނެށުމުގެ ތެރެއިން ބައެއް ފަހަރު ޝޯ ތަކުގައި ލަވަތައް ވެސް ކިޔަން ފެށީއެވެ. އޭނާ ބުނަނީ އަދި ނެށުމާ ދުރަށް ދިޔުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށެވެ. ހިތަ ވަރުގަދަ ސުނީގެ "ހިތް ދީވާނާ" ގެ 7 ވަނަ ސީޑީ އަށް އިންތިޒާރު ކޮށްލާށެވެ.

comment ކޮމެންޓް