އަހަރެންގެ ހިތް އަނބުރާދީ

މަރުމަރުހިލައިން ހަދާފައިވާ ފުޅާ ފަތްތަރުތައްވެސް އޮފްގަދަކަމާއިއެކު އިރުގެ ދަޅަ އެޅިގެން ޖަވާހިރުފަދައިން ވިދައެވެ. އެފަތްތަރުމަތީގައި ފައި އަޅަންވެސް ޖެހިލުންވިއެވެ. ހިރަފުސްކޮޅެއް ހޭކިދާނެތީއެވެ. ވަދެވުނީ ފުޅާ ފެންޑާއަކަށެވެ. އެތަނުގައިވާ މުށިތަކާއި މަތީގައި އެލުވާފައިވާ ވަށިތަކުގައިވެސް ދުވަހަކު ނުދެކޭ ޒާތުގެ ނާދިރު މާއަޅާފައެވެ. އެއްފަރާތުގައި ހުރި ގޮދަޑިޖެހި ދިގު ގޮޑީގައި ކުދި ބާލީސްތަކެވެ. ފުރިހަމަކަމުން ތަލިން ކުޅުހިކޭހާވެއެވެ. މުއްސަދިކަމުގެ ދެވަނައެއްނެތްފަދައެވެ. ހައިކަލްއަކީ ގަދަރުވެރިމީހެކޭ ބުންޏަސް އޭނަ ފަހަރެއްގައިވެސް މިފަދަ ހުވަފެނީތަނަކަށް އުއްމީދެއްނުކުރެއެވެ. ކުއްލިއަކަށް ހައިކަލް ކުޑަކޮށް އެނބުރުނެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން...." ހައިކަލް ގެ ޖުމްލައިން ސަލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. ހައިކަލް ބުނަން އުޅެނީ ކީކޭބާވައެވެ. ހިތް ކުރިއަށްވުރެ ބާރުވެލިއެވެ.

"ލައްބަ......" ސަލްވާ ވާހަކަދެއްކީ އަދަބުވެރިކޮށެވެ. ނިކަމެތިކުއްޖަކަށްވިޔަސް އަޚުލާގު ރަގަޅުކުއްޖެއްކަން އެވަގުތު ހައިކަލްއަށް ޔަގީންވިއެވެ.

"އާއިލާ އެއްވެސް މީހެއްގެ ކައިރީ އަދި މިކައިވެނީގެ ވާހަކަ ނުބުނެވިއޮތީ. އެންމެންގެ ރިއެކްޝަން އަންނާނެގޮތެއް ލަފާކޮށްލާކަށްވެސް ނޭގޭ. ފަހަރެއްގައި އެންމެން ރުހިވެސް ދާނެ. ނުރުހުމަކީވެސް އެކަށީގެންވާކަމެއް. އެފަދަ ގޮތެއް ވިޔަސް އެކަމާއި އަޕްސެޓްނުވާނެ ކަމަށް ހީކުރަން. އާފްޓައޯލް އިނގޭނެ ދޯ މިކައިވެނީގެ ހަގީގީ ބޭނުމަކީ ކޮބާކަން. މިކައިވެނި ތަފާތުވާން ޖެހުނީ ކީއްވެކަންވެސް. އެހެންނޫންނަމަ އަމިއްލަ ގައުމުން ބޭރަށްގޮސް ސިއްރަކުން ނޫން މިކަން ކުރާނީ..........." ހައިކަލްގެ ވާހަކަ ހުރިގޮތުން ސަލްވާ ހުރީ ވިސްނަންވީ އެއްޗެއް ނޭގިފައެވެ. ހަގީގަތަކީ ކޮބާކަން ބުނެދިންނަމައެވެ. އޭނަ ކަންބޮޑުވެސްވިއެވެ. ހައިކަލްގެ އާއިލާމީހުން އޭނައާއި ނުރުހިއްޖެއްޔާ އެއްގެއެއްގެ ތެރޭގައި އުޅެން ހާދަ ދަތިވާނެއެވެ. މުއްސަދި ދިރިއުޅުމެއް އުޅޭ ބަޔަކަށް ނިކަމެތި އަންހެންކުއްޖެއް ޅީދަރިއަކަށް ހަދަން ފަސޭހަނުވާނެކަމުގައި އެވަގުތު ހިތް ބުނަން ފެށުމުން ހިމޭންވެފާ ހުރެވުނެވެ. އޭނަ ހީކުރީ ހައިކަލް އަމިއްލައަށް ފެނިގެން އޭނައާއި ކައިވެނިކުރަންވެގެން ބައްޕަ ކައިރިން އެހީކަމުގައެވެ. އެކަމަކު އާއިލާ މީހުންނަށް ސިއްރުކުރާނީ ކޮންމެވެސް އެހެން ނިޔަތެއްގައި ކުރި ކައިވެންޏަކަށްވީމަބާވައެވެ.

ހައިކަލްއަށް އޭނަފަދަ ޅަ އަންބަކު ލިބުމުންވެސް އެމީހުން އުފަލެއް ނުވާނީހެއްޔެވެ؟

"އަޅުގަޑު...އޯކޭވާނެ.." ސަލްވާ ކުރު ޖަވާބެއްދިނެވެ.

"ކަމް ވިތް މީ........." އެ ބަރުއަޑުގައި އަމުރުވެރިގޮތެއްވެސް ހުއްޓެވެ. ކަޅު ހެދުމުގެ ފަސްބަޔަށް އެރިދާނެތީ ކުޑަކޮށް ހިއްލާލައިގެން ހުރެ ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު އޭނަގެ ހިތް އަވަސްވެފައިވަނީ އޮބިނޯންނަވަރަށެވެ. ތަފާތު ޚިޔާލުތަކާއި ފިކުރުތަކުގައި ޖިސްމު ބަދެވިއްޖެއެވެ. ހައިކަލް އޭނަ ގެންދަނީ ކޮންތާކަށްހެއްޔެވެ؟ ކީއްކުރަންހެއްޔެވެ؟ ސަލްވާ ކިތަންމެ ވަރަކަށް ހިތަށް ވިސްނާދީ ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިޔަސް އެކަމެއްވާނެ ގޮތެއްނެތެވެ. އޭނަ ބިރުގަންނަނީއެވެ. ބޭނުންވަނީ މިތަނުން ދުވެ ފިލާށެވެ. ދުވަންފަށާގޮތަށް އެއްވެސް މީހަކު ނެތް ސަހަރާއަކަށްގޮސް އެކަނިވެރިކޮށް އުޅުމަށެވެ.

ހައިކަލް އެފުޅާ ކޮރިޑޯއިން ހިގާފައިގޮސް ބޮޑުދޮރެއްލާފައި ހުރި ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފިއެވެ. ކޮޓަރިތައް ގިނަކަމާއިއެކު ކޮންމެ ކޮޓަރިއެއްވެސް އެހާ ތަނަވަސްވެފައި ޑިޒައިން ފުރިހަމައެވެ.

"މިހިރީ ސަލްވާ އުޅެންވާ ކޮޓަރި. މިއޮތީ ތަޅުދަނޑި. ހެދުން ބަދަލުކޮށް ފްރެޝްވެލައިގެން މަންމަމެންނާއި ބައްދަލުކުރަން ތިރިއަށް އާދޭ. ފެމިލީއަށް ތައާރަފުކޮށްދޭނަން...." ހައިކަލް އޭނަގެ އަތަށް ތަޅުދަނޑިލައްވާދިނެވެ. އަތްނުލާން އޭނަވެސް އުޅުނުކަން ސަލްވާއަށް ފާހަގަކުރެވުމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. އެހެން ފިރިހެނުންނާއި ހައިކަލް ހާދަ ތަފާތޭ ހިތަށް އެރިއެވެ. ފްރެޝްވެލައިގެން އަންނާށޭ އެބުނީ ކޮން މަގުސަދެއްގައިބާވައޭ ސަލްވާގެ ހިތަށްއެރިއެވެ. މޭކަޕްކުރާ ވާހަކަބާވައެވެ. އޭނަ ކިތަން ދުވަހެއްވާންދެން ފެންނުވަރާ ހުއްޓަސް ނުބައިވަހެއް ނުދުވާނެއެވެ. ވީމާ ތާޒާވެގެން އަންނާށޭ ބުނުމުގެ މާނައެއްނެތެވެ. އިތުރު އޯޑަރެއްނުދީ ހައިކަލް ނުކުތުމުން ސަލްވާ މޫނު ފޮތިކޮޅު ނައްޓާލާފައި ޖިލްބާބުވެސް ހަށިގަނޑާއި ވަކިކޮށްލައިފިއެވެ.

އޭރުވެސް ސަލްވާގެ ހިތުގެ ތެޅުން މަޑެއްނުވެއެވެ. އޭނަގެ ފިރިމީހާ ފެނުމުން ބިރުގަންނަންވީ ކީއްވެހެއްޔެވެ؟ އަތުގައި ބީހިލަފާނެކަމަށްޓަކާވެސް އޭނަ އެހާ ހާސްވެއެވެ. މިކައިވެނީގައި ސިއްރުތަކެއް ފޮރުވިފައި ވިނަމަވެސް އިސްތިޚާރާއަށްފަހު އޭނައަށް ކައިވެނީގެ ކުރިން ފެނުނު ރީތި ހުވަފެން ގައިމު އޭނަ މާނަކުރީ "ޕޮޒިޓިވް" ކަމެއްގެ ގޮތުގައެވެ. މާތް ﷲ އެއްވެސް ފުރާނައަކަށް ނުކުޅަދާނަވާފަދަ ކަމެއް ނުޖައްސަވާނެއެވެ. މިއީވެސް ދިމާވި އިމްތިހާނެކެވެ. އޭނައާއި ހެއްދެވިފަރާތާއި ދޭތެރޭގައިވާ ގުޅުން ވަރުގަދަކުރަން އޭނަ ހިތާހިތުން އަޒުމް ކަނޑައެޅިއެވެ. ކައިރީގައި ހުރި މިސްކިތަކުން އަސުރު ނަމާދަށް ބަންގިގޮވާ ހިތްގައިމު އަޑުކަންފަތުގައި ޖެހުނެވެ. އަވަހަށް ދުއްވައިގަތީ ފާޚާނާއާއި ދިމާލަށެވެ. ތަނުގެ ސާފުތާހިރުކަމާއިއެކު ފެންފޮދެއްވެސް ތަޅުންމަތީގައި ނުވެއެވެ. މީރުވަސް އަރައަރާ ހުއްޓެވެ. ހިތާހިތުން ތައުރީފުކުރަމުން އޭނަ އަވަހަށް ވުޟޫކޮށްލުމުން އެމޫނުގެ ވިދުންގަދަވިއެވެ.

ސަލްވާ އަބަދުވެސް ނަމާދު ގަޑިން ކުރަން އިސްކަންދެއެވެ. ނަމާދު ގާއިމްކުރާމީހުންނަކީ ނަމާދުގަޑިއަށް ބަލަބަލާ ވުޟޫކޮށްގެން ތިބެ ފުރިހަމައަށް ނަމާދުކުރާ މީހުންނެވެ. އެފަދަ މީހުންނަށް ގުރުއާނުގައި ޚާއްސަ އާޔަތެއްވެއެވެ. ނަމާދު ގާއިމްކުރާ މީހުންނަށް ތައުރީފުގެ ބަސްފުޅު ވަހީކުރައްވާފައިވާ އާޔަތް ފެނި ސަލްވާއަށް ވަރަށް ތަފާތު އަސަރުތަކެއްކުރުވިއެވެ. އެދުވަސްފަހުން އޭނަ އަބަދުވެސް ބަންގީގެ އަޑާއިއެކު މުސައްލާމަތީގައި އިންނަން ހިތާހިތުން ވައުދުވިއެވެ.

ނަމާދުކުރުމަށްފަހު ސަލްވާ ޒިކުރުކޮށް ދުޢާކުރިއެވެ. އެއަށްފަހު ޖިލްބާބު އަޅައިގެން އޭނަ ކޮޓަރިން ނުކުމެގެން އައީ އެތެރޭގައިވާ ބެލްކަނި ކައިރިއަށެވެ. ތިރީ ބައިގެ ސޯފާތަކުގައި ކޮންމެވެސް ބަޔަކު އިށީދެލައިގެން ތިބިތަން އެހިސާބުން ފެނުނެވެ. ސަލްވާގެ ކަންބޮޑުވުން އިތުރުވީ އެމީހުން އޭނަ ބަލައިނުގެންފާނެ ކަމަށްޓަކައެވެ. ނަމަވެސް ހައިކަލްގެ އާއިލާއާއި ބައްދަލުނުކޮށް އޭނަ ކޮޓަރީގައި އިނުމަށް ލަދުވެތިވެއެވެ. ސިޑިން ތިރިއަށް އެޅި ކޮންމެ ފިޔަވަޅަކާއިއެކު ހިތްވެސް ގުޑަންފެށިއެވެ. ސާބިތުކަން ދެއްވުމަށް ދުޢާކުރުމުން ނަފުސް ހަމަޔަކަށް އެޅުނެވެ.

ޒައިތޫނާއާއި މެހެރީނާ އަދިވެސް ތިބީ ހައިކަލް ދިން ބިރުވެރި ޚަބަރެއް ހިތަށް ނުނެގިގެންނެވެ. އެޕްރިލް ފޫލް ހައްދަން މިއީ އެޕްރިލްއެއްވެސް ނޫނެވެ. ނަމަވެސް ހައިކަލް ސަމާސާއަކަށް ބުނި ވާހަކައަކަށްވާނެ ނަމައެވެ. އެދެމައިންނަށްވެސް ހީވީ ބިރުވެރި ހުވަފެނެއްގައި ތިބެވުނުހެންނެވެ. ހައިކަލް އެއްވެސް މީހަކަށް އެންގުމެއްނެތި އިންޑިއާއަށްގޮސް ކައިވެންޏެއްކުރީއެވެ. ސިޑިން ފައިބައިގެން އަންނަ އަންހެންކުއްޖާ ފެނުމުން ވަކިން ބޮޑަށް އެދެމީހުންނަށް ސިހުމެއްލިބިއްޖެއެވެ.

"ކަޅުހެދުމުގައި ހުންނަ އަންހެނެއްތަ؟ " މެހެރީނާއަށް އަހައިލެވިއްޖެއެވެ.

"މެހެރީން. ލާ ހެދުމަކުން މީހަކު ޖަޖްކުރާކަށް ނުޖެހޭނެ. ދީނީ އަންބެއް ބޭނުންވީމަ އޭނައާއި ކައިވެނިކުރަން ނިންމީ. ވަރަށް ވިސްނާފައި. މެހެރީންމެންގެ އުޅުމާއި ތަފާތުވިޔަސް އޭނަ ބަލައިގަންނަންވާނެ. މަންމާ އަޅުގަނޑަށް މާފުކޮށްދެއްވުން އެދެން. މަންމަމެންނަށް ނާންގާ ކައިވެނިކުރެވުނީތީ....." ހައިކަލް ސަލްވާއާއި ދިމާލަށް ނަޒަރު ހުއްޓާލިއިރު ސަލްވާ އައިސް އެމީހުން ތިބިތަނާއި އަރާހަމަވެއްޖެއެވެ. ހައިކަލް އޭނަގެ މަންމައާއި ކޮއްކޮ މެހެރީނާއަށް ސަލްވާ ތައާރަފުކޮށްދިނެވެ. ސަލްވާ ސަލާމް ގޮވައިލުމުން ޖަވާބު ދޭނެ މީހެއްވެސް ނުވިއެވެ. ޒައިތޫން އަދި މެހެރީނާގެ މޫނަށް ވެރިވެފައިވާ ސިހުމާއިއެކު ޝޮކެއްގައި ތިބިފަދައެވެ. ބިރުވެރި އޭލިއަންއެއް ސިޓިންރޫމުން ފެނުނަސް މެހެރީނާގެ މޫނަށް އެކުލަ ވެރިނުވާނެކަން ގައިމެވެ. ނަމަވެސް މެހެރީނާވެސް ހައިކަލްގެ އިހުސާސްތަކަށް ގަދަރުކުރި ފާޑެއް ހުއްޓެވެ. ގަދަކަމުން ތުންފަތް މައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލާފައި ސަލްވާ ގާތު އިށީންނަން އެދުނެވެ. ޒައިތޫންގެ ދެބުމަ އޭރުވެސް ހުރީ ކައިރިކޮށްލެވިފައެވެ.

"ސަލްވާ. ގޭތެރޭގައި އުޅޭއިރުވެސް ހެދުން ބޭލުން ހުއްދައެއްނޫންތަ؟ " ޒައިތޫންވެސް ދެއްކުންތެރި ހިނިތުންވުމަކާއިއެކު އަހާލައިފިއެވެ.

"ނޫން. އެކަމަކު....އަދި..." ސަލްވާ ލަދުގަންނަގޮތްވިއެވެ.

"މިގޭތެރޭގައި ފިރިހެނުންނެއް ނޫޅޭ. ސަލްވާގެ ދޮންދަރި މާއިޒް ހުރީ. ދީނުގައި އެމީހުންނަށްވެސް އައުރަ ފޮރުވަން އޮވޭތަ؟ " މެހެރީނާ ހުރިހާދަތްތައް ފެންނަވަރަށް ހީލިއެވެ. ސަލްވާ އެއްޗެކޭ ބުނަން އުޅެނިކޮށް ޒައިތޫން ސަލްވާގެ އުމުރު އަހާލައިފިއެވެ. ހައިކަލް ޖަވާބުދިނީ ގާތްގަނޑަކަށް މެހެރީންއާއި އެއް އުމުރެކޭ ކިޔާފައެވެ. ޒައިތޫންއާއި މެހެރީންއަށް މިފަހަރުވެސް ލިބުނު ހައިރާންކަމާއިއެކު އެކަކު އަނެކަކަށް ބަލާލައިފިއެވެ. މެހެރީނާ ވަގުތުން ނިންމީ ސިހުރު ހާހޫރަކަމުގައެވެ. އޭނަގެ ދޮންބެގެ ރީތިކަމާއި މަޝްހޫރުކަން ލޮލުގައި އަޅައިނުގަންނާނެ އަންހެނަކު ނުހުންނާނެއެވެ. ރާއްޖެތެރޭގެ މީހުން ފަންޑިތަކަހަލަ ކަންތައްތަކަށް ވަރަށް ކުޅަދާނަވާނެއެވެ. އެހެންނޫންނަމަ އެތައް އަންހެނުންނެއްގެ ތެރެއިން ކަޅުފޮތި ބޮނޑިއެއް ހޯދަންވީ ކީއްވެހެއްޔެވެ؟ ހިތާހިތުން މަލާމާތްކުރިޔަސް އޭނަ ހައިކަލް ކުރިމަތީގައި އެކަން ފާޅެއްނުކުރެއެވެ.

"އެނީވޭސް ވެލްކަމް ޓު އަވަރ ފެމިލީ. އަދި މިއޮތް ބޮޑު ގޭތެރޭގައި ބުރެއްޖަހާލާ ތަންތަނަށް ފަރިތަވެސް ވެލަންވާނެ. ދޮންބެ. އަޅުގަނޑު އަންނާނަން ފަހަރި ދައްތަ ގޮވައިގެން ޓުއަރ އެއް ހަދާލާފައި. އެތައް ރޫމްތައް ހުރި ބޮޑުގެއަކަށް ސަލްވާއަށް ތިވަދެވުނީ. " މެހެރީނާ ސަލްވާގެ އަތުގައި ހިފައިގެން އެތެރެއަށް ދާން ހިގައގަތެއެވެ. އެހެންމީހުންނަށް އަޑުނުފޯރާ ހިސާބަށްގޮސް މެހެރީނާ ވަގުތުން ރާގުބަދަލުކޮށްލިއެވެ.

"މިއީ ރާއްޖޭގެ ބަކިންހަމް ޕެލެސް. ސެވެން ހަންރެޑަށްވުރެ ގިނަ ރޫމް ނެތަސް އެއަށްވުރެ ޝާހީކަން ކުޑައެއްވެސް ނުވާނެ. މާ ރީތިވެސްވާނެ. ހޫމް. އަދި ކޭޓްމިޑްލްޓަން ފަދައިން އެކަހަލަ މަތީ މަގާމެއްގައި ހުންނަ ހިތް ނުވާނީ ދެން ކޮން އަންހެންކުއްޖެއް؟ ފުރުސަތެއް ލިބިއްޖެއްޔާ. އެގޮތަށް ޕްރިންސެސްއަށްވެގެން މިގެއަށް ނުވަދެވިފާ ތިބި އަންހެންކުދިން މަދެއްނޫން. އެކަމަކު ޑޮކްޓަރ އަބުދުލްއަޒީޒުގެ ހުރި އެންމެ ފިރިހެންދަރިފުޅު އަންގާވެސް ނުލާ އަންހެނަކު ގެއަށް ގެނައިމަ ސުވާލު އުފެދިއްޖެ. މަންމައާއި ބައްޕައަށް ހާޓްއެޓޭކެއް ނުޖެހުނިއްޔާ ވެދާނެ. ބުނަން. ހައިކަލް ތިކަހަލަ އަންހެނަކު ގެއަށް ގެންނާނީ މެއިޑެއްގެ ގޮތުގައި ބަހައްޓަން. ދޮންބެ ބޭނުމެއްނުވާނެ އޭނަގެ ކަންތައް ކޮންމެ ކޮންމެ މީހަކު ލައްވާކުރުވަން. އަންބެއްގެ ނަން ދީފައި ބެހެއްޓީމަ ހުރިހާކަމެއް ފުރިހަމަކޮށްދޭނެ. މިސްޓްރެސްއެއްގެ މަގާމުވެސް ދޯ. އަހަރެން އޮޅުން ފިލުވަން ބޭނުމީ އެންމެ އެއްޗެއް. ރަން ކީ ކިހާވަރަކަށްތަ. މިލިއަނުންކަން ޔަގީނޭ. ހިތްފުރޭވަރަށް އެކައުންޓަށް ޖަމާވެއްޖެކަމަށް ފެނޭ. ހޫމް ދެން ހަދާންކުރައްޗޭ. ކަންފަތް ރަގަޅަށް ހުޅުވައިގެން އަޑު އަހައްޗޭ. ދޮންބެ ކައިރީގައި މިއިން އެއްވެސް ވާހަކައެއް ބުނެފިއްޔާ މިގެއިން ނެރޭނީ ކަލޭގެ ސަންދޯއް. އަދި ކަލޭގެ ސަބަބުން އަހަރެންގެ ސްމާޓް ހެންޑްސަމް ދޮންބެގެ އަބުރަށް ކިރިޔާ ހުތުރުވިޔަސް އަދި ސުންޕާކަމެއް ދިމާވިޔަސް އެކަމުގެ އަގުއަދާކުރަން ޖެހޭނެ. ދޮންބެއަށް ކިރިޔާ ހިތްދަތިކަމެއް ދިނަސް ކަލޭގެ އަޖަލުޖެހުނީ. ދޮންބެގެ ފެންވަރާއި އެކަށީގެންވާ މީހެއްވެސް ނޫނޭ. ފައިގާ ޖެހުނު ހިރަފުސްކޮޅެއްވަރުވެސް ނުވޭ. ސިހުރުހެދީތަ؟ ތިއާއިލާގައި ކިތައް ސިހުރުވެރިން އުޅޭތަ.............." މެހެރީނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ކުރިއަށް ހިނގަމުންގޮސް ގޭގެ ފަހަތު ފެންޑާއާއި ހަމަޔަށް ދިޔައިރު ހިތުގައިވި ހަސަދަ ކޮންމެވެސް ވަރަކަށް ފިލުވާލައިފިއެވެ.

ސަލްވާހުރީ ނޭވާލާންވެސް ނުކެރިފައެވެ. މެހެރީނާ އޭނަގެ ގަޔަށް އަތްލާކަށްވެސް ފަހެއްނުޖެހޭނެއެވެ. ހެދުންވެސް ދަމައިގަންނާނެއެވެ. އޭނަގެ އަތުން ފިނި ދަލެއް ހިއްލާލައިފިއެވެ.

ސަލްވާއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ހައިކަލްގެ މަންމައާއި ކޮއްކޮ ހެދުން އަޅާފައި ތިބިގޮތުންނާއި ރީތިކަމުން އަދި މޫނުމަތިން ފެނުނު ގަދަރުވެރިކަމުން ހައިކަލްފަދައިން ހިތްތިރިވާނެ ކަމުގައި ހީކުރެވުނެވެ. ނަމަވެސް މެހެރީނާގެ ބޮޑާކަން ވަގުތުން އަންގާލައިފިއެވެ. އޭނަފަދަ ނިކަމެތި އަންހެންކުއްޖަކު ހައިކަލްގެ ފެންވަރާއި އެކަށީގެން ނުވާކަމަށް ޚުދު އޭނަވެސް ގަބޫލުކުރެއެވެ. އޭނަގެ ހިތުގައި މި އާއިލާއާއިމެދު ގަދަރު އުފެދުނީ ތަފާތު ބަޔެއްކަމަށް ކުރެވުނު ހީއެއްގައެވެ. މިހާރު ވިސްނިއްޖެއެވެ. ހުރިހާ މުއްސަދިންވެސް ބޮޑާވެ ކިބުރުވެރިވާނެއެވެ. މޭގައި ބޮޑު ހިލަގަނޑެއް އޮތްފަދަ ބުރަކަމެއް އިހުސާސްކުރެވި ދެލޯ ފެންކަޅިވެ ހިތާއި ދިމާލުން މޭގައި ހިފަހައްޓާލެވިއްޖެއެވެ. މިގެއިން އޭނައަށް ލިބުނީ ޅީދަރިއެއްގެ މަގާމެއް ނޫނެވެ.

"ދައްތާ........." ސަލްވާ ކަރުނަވީ އަޑަކުން ބުނަން އުޅުނެވެ.

"މަށަށް ދައްތަކިޔާނެކަމެއް ނެތް. ގޭގައި ގެންގުޅޭ މެއިޑުންނަށް ތި ހައްގެއް އަހަރެމެން ނުދެން......." މެހެރީނާ މޫނު ބަނަކޮށްލިއެވެ.

"މިއީ ދޯ ކަލޭ މިގެއަށް އައި ބޭނުމަކީ؟ ތިކަހަލަ އަންހެނުންނަށް މިފަދަ ތަނެއް ފެނުނީމަ ސުވަރުގެ ވަދެވުނީއޭ ހީކުރާނީ. މިބަގީޗާ. ޕޫލް. މިހިރަ މަޚުމާޖެހި އުނދޯލިތައް. ރަސްކަލުން އަވަހާރަފުޅުލައްޕަވާ ކަހަލަ އަރާމު އެނދު. ގަނޑުވަރެއްފަދަ ގެ. ކޮންމެ މީހަކުވެސް މޮޔަވާނެ. ސީރިޔަސްކޮށް ބުނަން ވާހަކައެއް؟ މުއްސަދިންނާއި ގުޅޭނީ މުއްސަދިން. ނިކަމެތިންނާއި ނިކަމެތިން. އެއީ ދުނިޔޭގެ އުސޫލުކަން ކަލެއަށްވެސް އެގެންވާނެ. އެމީހެއްގެ ފެންވަރު މީހަކާއި ނީދެ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެ. ދޮންބެގެ ބަދުނަސީބުކަމުން ދޮންބެގެ ކައިވެނި ފެއިލްވިޔަސް އޭގެ މާނައަކީ ރައުދާ އާއި ކެމީލާ ގޯހެކޭ ނޫން. ގްލެމަރަސް މޮޑެލުން ފަދަ އަންހެންކުދިން ދޮންބެގެ ހަޔާތަށް އައީ. ބަލާބަ މީހާ ހުރި ސިފައެއް. އަޅާފައި ހުރި ކަޓު ހެދުމެއް. ހާދަ ފޫއްސެއްވެއްޖެއޭ. ދޮންތަމެންނަށް އެނގޭއިރަށް ވަގުތުން މައްސަލައަކަށް ހަދާނެ. ދޮންބެއަކީ ދުނިޔޭގައި ނެތްފެންވަރުގެ މޮޅު ޑޮކްޓަރެއް. ސިކުނޑި އޮޕަރޭޝަންކުރާ ޑޮކްޓަރެއް. އެވަރު އެނގޭތަ. މިހިރަ މޮޔަ އަންހެނާ. ބުނޭ ކަލޭ ކާކު ލައްވާ ސިހުރުހެދީ؟ " މެހެރީނާގެ އަޑު ހައްތަހާ ގަދަވިއެވެ. މެހެރީނާގެ ކޮންމެ ޖުމްލައެއް ތުނޑުތޫނު ކަށިތަކެއްހެން ހިތަށް ހެރި ފޫއަޅުވާލާފައި ލޭކަރުނަ އޮހިގަތެވެ. ސަލްވާގެ ހިތަށް ކެތްނުވާވަރުވެއްޖެއެވެ.

"ނޫން ދައްތާ...."

"ބުނެފީމެއްނު ދައްތަ ނުކިޔާށޭ. މެޑަމް. މެޑަމް ކިޔާ..."މެހެރީނާ އަނދައިގަތެވެ.

"ލައްބަ. އަޅުގަނޑު ތިފަދަ އެއްވެސް ބޭނުމެއްގައެއްނޫން މިއައީ. ބައްޕަ މިކައިވެނި ހަމަޖެއްސިއިރު އަޅުގަޑަކަށްނުވެސް އިނގޭ. ޑޮކްޓަރ ހައިކަލްކަމެއްވެސް......އަޅުގަނޑަށް މާފު..." ސަލްވާ ބިރުން ހުރެ އާދޭސްކުރާ ފާޑަކަށް ބުނެލިއެވެ. އިރުގެ އަލިން ދިއްލިފައިވާ ރީތި ކަޅި ކަރުނުން ފުރުނެވެ. އެވަގުތު މެހެރީނާއަށްވެސް ސަލްވާގެ ދެލޮލަށް ބަލައިލެވިއްޖެއެވެ. މެހެރީނާއަށް އެދެލޮލުގެ ރީތިކަން ފެނި ހިތް ތައުރީފުކުރިއެވެ. އެއާއިއެކު ކަންބޮޑުވެ ހިތަށް ނުބައިގޮތެއްވިއެވެ. ހަސަދަވެރިވެސްވިއެވެ. އެތައް ޝުއޫރުތަކެއް އެއްފަހަރާ ހިލިގަތެވެ. މި އަންހެނާގެ ރީތިކަމުގެ ޖާދޫގައި ޖައްސައިގެން ހައިކަލް ހައްލާލާފާނެއެވެ. ނޫނެކެވެ. އޭނަ އެހެންވިޔަކަނުދޭނެއެވެ.

"އާނ ދެން މާ މާތްވެ ވިކްޓިމްއަކަށް ހެދޭނެކަމެއްނެތް. އަދި މީހަކު ކަލޭ ރޯވަރުގެ އެއްޗެއް ބުނީއެއްނޫން. ކަލެއަށް ފެންވަރު ބުނެދިނީ. ހޫމް ގެވެހިފާޑު އެބަހުރި. އެޓްލީސްޓް އަހަރެމެންގެ ޝެފް މިދުވަސްކޮޅު ޗުއްޓީގައި ހުރީމަ އެބައި ފުރާލަން ރަގަޅުވާނެ. ފަހަރި ދައިތާ. ހިނގާ މިރެއަށް އެއްޗެއް ހަދާލަދޭން. ކަލޭގެ މޮޅުކަމެއް ހުރިއްޔާ އެނގިދާނެ. ކޮންމެވެސް އެއްކަމެއް ހުންނާނެކަމަށް އުއްމީދުކުރަން..........." މެހެރީނާގެ ކޮންމެ ޖުމްލައިން ވިހައިން ކަޅިވެފައިވިއެވެ.

އޭނަ ސަލްވާ ގޮވައިގެން ބަދިގެއާއި ދިމާލަށް ދިޔައިރު މަންމައާއި ހައިކަލް ކޮންމެވެސް ސީރިޔަސްވާހަކައެއްގައި ތިބިތަން ފެނިފާ މެހެރީނާ މޫނުގެ ކުލަ ބަދަލުކޮށްލައިފިއެވެ. ސަލްވާ ބުނެގެން ބަދިގެ ދައްކާލަން ގެންދަނީކަމުގައި ބުނެލިއެވެ. އޭނަގެ ބޭބެ ކައިރީ ބުނީ ސަލްވާ އަމިއްލައަށް ކައްކާ ހިތުން ކަމުގައެވެ. އެހާ ދެރަކޮށްލާފައި ރޮއްވާލި ވާހަކައެއްނުބުނެ އޭނަ އެކަންތައް ސިއްރުކުރިއެވެ. އޭނަގެ އެކްޓް މޮޅުކަމާއިމެދު ސަލްވާވެސް ހައިރާންވިއެވެ. ދެ މޫނުގެ ވެރިއެކެވެ. ބަދިގޭގެ ތަނަވަސްކަމާއިއެކު ކާކޮޓަރީގެ ރީތިކަމާއި ފާޑުވެރިކަމަށް ހިތް ތައުރީފުކުރިޔަސް ހިތަކަށް އުފަލެއްނުލިބުނެވެ. ހިތް އޮތީ އެހެން ދިމާލެއްގައެވެ. މެހެރީނާ އެދުނީ ރެއަށް ކުކުޅުމަސް ފިހުމަށެވެ. ފަރާޓާވެސް ފިހެދޭން އެދުނެވެ. އެތާކުދިންނަށް ތައާރަފުކޮށްދިނީ ހައިކަލްގެ އަންހެނުންގެ ގޮތުގައެވެ. ވީހާވެސް އިހުތިރާމްކުރަން އަމުރުކުރިއެވެ.

އަޒަލް އާއި އާޒީން އަދި މާޒިން ރިޒޯޓުގައި ތިބެލާފައި ގެއަށްއައިއިރު ރޭގަނޑު ނުވައެއްވެސް ޖަހައިފިއެވެ. ތިންކުދިން ބެކްޕެކް އަޅުވާލައިގެން ތިބިއިރު މޫނުމަތިވަނީ ކޮންމެވެސް ވަރަކަށް ޓޭންވެލާފައެވެ. އާއްމުކޮށް ރުޅިގަދަވެފައި ހުންނަ އާޒީންވެސް ހުރި ކޮންމެވެސް ވަރަކަށް ހަމަޖެހިފައިއެވެ. އަޒަލްގެ ހިތާމަތައްވެސް ފިލާ މަޖާވެލާފައި ހުރިއިރު އޭނަވެސް އައީ ލަވައެއް ކިޔަމުންނެވެ. ދިމާވެދާނެ ކަމަކަށް އެއްވެސް ޚިޔާލެއް އެއިން ކުއްޖަކު ނެތެވެ. އަދި ގެއަށް އާ މެހުމާނެއް އައިސްއުޅޭކަމެއްވެސް ނޭގުނެވެ. ސަކަރާތްޖަހަމުން އެކަކު އަނެކަކަށް ކޮށްޕަމުން ހިނގައިގަތީ ކާކޮޓަރިއާއި ދިމާލަށެވެ.

ކާކޮޓަރިއަށް ވެރިވެފައިއޮތީ ފަނޑު އޮރެންޖު އައްޔެކެވެ. ކާކޮޓަރީގެ ދޮރުމައްޗަށް އެންމެ ކުރިން އެރީ އަޒަލްއެވެ. އެއާއިއެކު ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަނެފާ އޭނަ އެރީ މާއިޒްގެ އުރަށެވެ. އާޒީންވެސް އަޒަލްއާއި ބައިވާންވެގެން އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަތީ ކާކޮޓަރިން އަދި ފެނުނީ ކޮންކަމެއްކަންވެސް ނޭގިފައެވެ.

"ގޯސްޓް. ގޯސްޓް....." އަޒަލް ރޫރޫއަޅާއަޑަކުން ބުނެލިއެވެ. މާއިޒް ފިރިހެނެއްކަމުން އެހާ ފަސޭހައިން އެކަހަލަ ކަންތައްތަކަށް ނުހެއްލޭނެއެވެ. އަޒަލްއަށް ފެނުނު ހަންޑި ބަލައިލާހިތުން އޭނަ އަދި ފަހަތަށް ޖެހުމެއްނެތި ވަނީ އެތެރެއަށެވެ. އެއާއިއެކު އޭނަވެސް ހުރީ ހައިރާންވެ ހުއްޓުން އެރިއެވެ. މޭޒުކައިރީގައި ދެލޯ އެކަނި ފެންނަގޮތަށް ކަޅުހެދުންލައިގެން ހުރި އަންހެންކުއްޖަކު އެބަހުއްޓެވެ. އަލި ފަނޑުނަމަވެސް އެދެލޮލުގައި ވި ޅަކަން މާއިޒްއަށް ފާހަގަވިއެވެ. މެހެރީނާ ފަހަތުން އައިސް ޖައްސާލީ އެކުދިން ހަޅޭއްލަވައިގަތް އަޑަށެވެ.

"ހޫ ދަ ހެލް އާ ޔޫ......" މާއިޒް އަހައިލީ އާ މެއިޑެއްކަމުގައި ހީކޮށެވެ. އާޒީން ދެލޯ އަޅައިލީ ފޫހިވެފައިވާގޮތަކަށެވެ. ކަޅުހެދުންލައިގެން މިހިރަ މެއިޑް އޭނައަށްވެސް ހާޓްއެޓޭކެއް ޖައްސައިފިއެވެ. މާއިޒް އަޒަލް ބިންމަތީގައި ބެހެއްޓުމުންވެސް ހުރީ މާއިޒްގެ އަތުގައި އެލިގެންނެވެ. އޭނަ "ހަންޑި" ގެނަމުން ނަންދިން އަންހެންކުއްޖާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ބިރުވެރިކަން ރުޅީގެ ސިފަ ޚިޔާރުކޮށްފިއެވެ.

"ކޮބާ ބައްޕަ؟ " އަޒަލް އޭނަގެ ބޮޑުދައިތައަށް ބަލާލަމުން އަހާލައިފިއެވެ.

"އިމަޖެންސީއަކަށް ދިޔައީ. ކަންފަތް ފަޅައިގެންދާވަރަށް ހަޅޭއްލަވައިގަތީމަ އެއްޗެއް ވިސްނިގެން މިއައީ. އާޒީން ގޯސްޓް ގޯސްޓް ކިޔަންފަށާއިރަށް އެނގިއްޖެ...." މެހެރީނާގެ އަލިފާނުގެ ނަޒަރުވެސް ސަލްވާއަށް ހުއްޓުނެވެ. އޭރު ސަލްވާވެސް ހުރީ ލަދުންނާއި ބިރުންގޮސް މޭޒަށް ލެނގުނުގޮތަށެވެ. މޭގައި އަތް އަޅައިލެވުނީ ހިތް މައިތިރިކުރުމަށެވެ. ހައްޔަރުވެފައިވާ ފުއްލާއެއްފަދައިން އެރީތި ދެލޯ ބޭގަރާރުކަމާއިއެކު ހޯދިއެވެ.

"ތީ ކާކުކަން ކޮއްކޮމެންނަށް އެނގިއްޖެތަ؟ ބައްޕަ ތިކުދިންނަށް ގެނެސްދިން ދޮންމަންމަ.. ސަލްވާ ދޮންމަންމަ. ފުރަތަމަ ތަޢާރަފުވެސް މިވީ އަޖައިބެއްފަދަ ގޮތަކަށް. އެކަމާއި ހިތާމަކުރަން. ޑްރާމާއެއްގެ ކޮމެޑީބައި ކުޅެންވިއްޔާ ސަލްވާ ތިއުޅެނީ. އެހެންވެ ހެއްވާ ގޮތަކަށް ތަޢާރަފުމިވީ. ސަލްވާ. މިތިބީ ސްޓެޕް ޗިލްޑްރެން. މާއިޒް. އަޒަލް އާޒީން....ދޮންބެ ތިކުދިންނަށް ދޮންމަންމައެއް ހޯދަދިންކަން ނުބުނެ އޮތީމަ ކުދިންކޮޅު ކިރިޔާ ހާޓްއެޓޭކް ޖެހިގެން މަރުނުވީ، މިހާރުވެސް އެއްޗެއް ވިސްނެންވާނެ. ދެން ހަމަ ތި ބޮޑު ބުރުގާ ނަގާފައި ކުދިން ބިރުނުގަންނަ ގޮތަށް އުޅެން ވެއްޖެއެއްނު..........." މެހެރީނާ ހުރީ ލޯ ހަނިކޮށްލައިގެންނެވެ. މާއިޒް އަޒަލް އަދި އާޒީން އެކަކު އަނެކަކަށް ބަލާލީ ހިތްހަމަނުޖެހިފައި ތިބެއެވެ. މެހެރީނާއަށް އެކަމުން ސިއްރު އުފަލެއް ލިބުނެވެ. މިކަންތައްދާން މިއުޅެނީ ރަގަޅަށެވެ. ފިލްމުތަކުންނާއި ޑްރާމާތަކުން ނުލަފާ ފަހަރިންވެސް އުޅޭތަން ފެނެއެވެ. ދުވަހަކުވެސް ނުލަފާ ފަހަރިއެއްގެ ރޯލު އޭނަ ކުޅެން ޖެހިދާނެކަމަކަށް ހިޔެއްނުކުރެއެވެ. ނަމަވެސް މިފަދަ ނުގުޅޭ އަންހެނަކު އައުމުން ކޮންމެ ބަޔަކަށްވެސް ނުކުޅަދާނަވާނެއެވެ. ކުދިންގެ މޫނުތައްވެސް މިލާފައި އެތިބީ ކޮންފަދައަކުން ހެއްޔެވެ؟ މާއިޒް ފަދަ ބޮޑު ކުއްޖަކުވެސް އެހެރީ އާގަމަވެފައެވެ. މިވަގުތު އޭނަގެ ދޮންބެ ހުރިނަމައެވެ. އެކުދިންގެ ހިތްތައް ހަލާކުކޮށްލާފައި މިކަހަލަ އަންހެނަކު ގެނައުމުގެ ހައްގެއް ދޮންބެއަކަށްވެސް ނެތެވެ. ރައުދާމެންވެސް މާ ރަގަޅެވެ. އެނގިދާނެތާއެވެ. އޭނަ ހިމޭނުން ނުހުންނާނެއެވެ.

ބައެއްފަހަރު ދުޝްމިނެއްގެ ދުވަސް ދުއްވާލަން އެހެން ދުޝްމިނެއްގެ އެހީއާއި މަދަދު ހޯދަންވެސް ޖެހިދާނެއެވެ. ހައިކަލްގެ ކުރީގެ އަންހެނުންނާއި މެހެރީނާމެންގެ އޮތް ގުޅުން ހީނަރުވެގެންގޮސް އެންމެން މޫނު ކެނޑުނުތާ ކޮން ދުވަހެއްހެއްޔެވެ؟ މިހާރު މިއޮތީ އަލުން އެގުޅުން ބަދަހިކުރާ ހިސާބަށް އައިސްފައެވެ.

އަޒަލްއާއި އާޒީންގެ ފަހަތުން މެހެރީނާވެސް އެކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ބޫޓުވެސް ބޭލުމެއްނެތި އަޒަލް އެނދަށް ވެއްޓިގަތްތަން ފެނިފާ މެހެރީނާ ހިތާމަވެރިގޮތެއް މޫނަށް ގެނައެވެ.

"ކޮއްކޮމެންނަށް ކުރާނެ އަސަރު މެހެދައްތައަށް އިހުސާސްކުރެވޭ. ބައްޕަ ވިސްނުމަކާއި ނުލާ ދޮންމަންމައަކު ގެނައިއިރުވެސް ބައްޕަގެ އިއްޒަތާއި ގަދަރަށް ހުތުރުވާފަދަ ކަމެއްނުކުރިނަމަ. ޒެލްއާއި އާޒްވެސް މެހެދައްތަ ބުނާގޮތަށް ހަދާ. ބޮޑާހާކާ ރޮއިގެން ނުކައި ނުބޮއިތިބެވެސް އެ އަންހެނާ މިގެއިން ނެރެލަންވީ. އެކަހަލަ ޖާހިލު ފަގީރުން ގެއަށް އަންނާނީ ކޮންމެވެސް ނުބައި ނިޔަތެއްގައި. ފައިސާގެ ދަހިވެތިކަމުގައި. ގެވެސް އަތުލުމުގެ ޚިޔާލު ހުންނާނެ. ކޮއްކޮމެންގެ ޅަ ސިކުނޑިތަކަށްނުވެސް ވިސްނޭނެ. އޭނަ ބައްޕަގެ ސިކުނޑިއާއި ކުޅޭނީ ސިހުރުހާހޫރަ ހަދައިގެން. އެނގެއެއްނު ބްލެކް މެޖިކް........" މެހެރީނާގެ ވާހަކަތަކުން އާޒީންއާއި އަޒަލް ރަގަޅަށްވެސް ބިރުގަންނަވާލައިފިއެވެ.

"އޯ ގޯޑް. ބްލެކްމެޖިކް....." އާޒީންވެސް އަނގައިގާ އަތްއެޅިއެވެ.

"ޝީ އިޒް. އެ ބިޗް. ޔަގީނުންވެސް. އާޒްއަށް އެނގޭތަ؟ ސީރިޔަސްކޮށް ފުރަތަމަ ގޯސްޓެއްކަމަށް ހީކޮށް ބިރުން ހަޅޭއްލަވައިގަނެވުނީ. މެއިޑުންވެސް އެގަޑީގައި ކާކޮޓަރީގައެއް ނޫޅޭނެ. ދޮންބެ ހަމަޖެހިލައިގެން ވަނީމަ އެ ކަޅުކުލައިގާ ހުރި އެއްޗަކަށް ރަގަޅަށް ބަލައިލީ. ނޭގޭ ދެން އެ ބްރައުން ދެލޮލުން ބަލަން ހުރިގޮތަކުން ގޫޒްބަމްޕްސް މުޅިއަތުން ހިލުވާލި. ޝީޒް އިންޓު ސަމްތިން. އައިކެން ފީލް އިޓް......" އަޒަލްވެސް ވަގުތުން މެހެރީނާއާއި ބައިވެރިވުމުން މެހެރީނާގެ ހިތް އުފަލުން ނަށާލައިފިއެވެ. ކުދިންނަކީ ހައިކަލްގެ ބަލިފަޔެވެ. ކުދިންގެ އުފާތަކަށްޓަކާ ހައިކަލް އަމިއްލަ ފުރާނަވެސް ގުރުބާންކޮށްފާނެއެވެ. އެއަންހެނާއާއި ހައިކަލްއާއި ދޭތެރޭގައި އޮތް ގުޅުން ރަގަޅުނޫންކަން އޭނަވަނީ ދެނެގެންފައެވެ. އެ އަންހެނާ އަމިއްލަ ނަފުސަށް އެއްވެސް އިތުބާރެއްނެތީ އެހެންވެއެވެ.

(ނުނިމޭ)

comment ކޮމެންޓް