ކުމުންދޫ ބަލިކޮށް، ކުރިނބީން ސެމީގެ އުންމީދު އާކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގައި ކުރިނބީއާއި ކުމުންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކުރިނބީ މޮޅުވީ 4-2 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގެ ގްރޫޕް އެކެއްގައި ކުމުންދޫ ބަލިކޮށް، ކުރިނބީން ސެމީ ފައިނަލުގެ އުންމީދު އާކޮށްފި އެވެ.

މިއަދު ހަވީރު ހދ. ކުޅުދުއްފުށީގައި ކުޅުނު މެޗުގައި ކުމުންދޫގެ މައްޗަށް ކުރިނބީ ކުރި ހޯދީ 4-2 ލަނޑުންނެވެ. ހދ. އަތޮޅު ބުރުގެ ސެމީގައި ވާދަކުރާނީ ތިން ގްރޫޕުގެ އެއްވަނަ ހޯދާ ޓީމުތަކާއި ރަނަރަޕް ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެވެ. ކުރިނބީ ކުޅުނު ފުރަތަމަ މެޗުގައި ކުޅުދުއްފުށި އަތުން ވަނީ ބަލިވެފަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމެއް ވެސް ދެ ލަނޑު ކާމިޔާބުކުރި އެވެ. މެޗުގެ ހަވަނަ މިނެޓުގައި ކުރިނބީއަށް ޒިދާން އަބްދުލްޣަނީ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 11 ވަނަ މިނެޓުގައި ސުހައިލް އަބްދުލް ގައްޔޫމް ވަނީ ކުމުންދުއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި މުހައްމަދު އަނާން ވަނީ ކުރިނބީއަށް އަލުން ލީޑު ހޯދައިދީފަ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކުމުންދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަރްޝަމް މުހައްމަދެވެ.

މެޗުގައި ކުރިނބީން ތިން ޕޮއިންޓް ކަށަވަރުކުރީ ދެވަނަ ހާފުގައި އެޓީމުން ކާމިޔާބުކުރި ދެ ލަނޑުންނެވެ. މެޗުގެ 52 ވަނަ މިނެޓުގައި ކުރިނބީގެ ތިންވަނަ ލަނޑު އަބްދުﷲ ބަދީއު ކާމިޔާބުކޮށްދިންއިރު، މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ވަސީމް އެވެ.

އެ މުބާރާތުގެ ހދ. އަތޮޅު ބުރު ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޅުދުއްފުށްޓާއި، ކުރިނބީ އަދި ކުމުންދޫ އެވެ. ގްރޫޕް ދޭއްގައި ނޮޅިވަރަމްއާއި، ފިނޭ އަދި ނޮޅިވަރަންފަރު ހިމެނޭއިރު، ގްރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދުއާއި، ނޭކުރެންދޫ އަދި ހިރިމަރަދޫ އެވެ.

މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 81 ރަށަކުން ވާދަކުރާނެ އެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ އަތޮޅު ބުރެވެ. އެ ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެ އެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެ އެވެ.

އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ބ. އޭދަފުށްޓެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ތ. ތިމަރަފުށި 1-0 ލަނޑުން ބަލިކޮށްގެންނެވެ.

comment ކޮމެންޓް