ތިން ލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކާއެކު އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި

އެސްޓީއޯގެ ސީއެފްއޯ "ރަމަޝާން ބާޒާރު" ހުޅުއްވައިދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކޮންމެ އަހަރަކުވެސް، ރޯދަ މަހަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ "ރަމަޟާން ބާޒާރު" މިއަހަރު ތިން ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާ އެކު ފަށައިފިއެވެ.

އެ ޕްރޮމޯޝަނަކީ އެ ކުންފުނިން ބާއްވާ އެންމެ ބޮޑު އެއް ޕްރޮމޯޝަނެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެ ޕްރޮމޯޝަނަކީ މިއަހަރު އެ ކުންފުނިން ބާއްވާ އެންމެ ބޮޑު ޕްރޮމޯޝަނެވެ.

މިރޭ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަން އޮފިސަރު، މުހައްމަދު ނިހާދު އެވެ.

ރަމަޝާން ބާޒާރު ޕްރޮމޯޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ސީނިއާ ބްރޭންޑު މެނޭޖަރު އާމިނަތު ޝުރުފާ ވިދާޅުވީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގައި ޕްރޮމޯޝަން ކުރިއަށްދާނީ މާލޭގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އާއި، އަތޮޅު ތެރޭގައި ހުންނަ އެކުންފުނީގެ ފިހާރަތަކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ސީނިއާ ބްރޭންޑު މެނޭޖަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"ޕްރޮމޯޝަން ކުރިއަށްދާއިރު ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދެން. ކޫޕަން ލިބޭ ކަސްޓަމަރުން މިދަނީ ލަކީ ޑްރޯއަކަށް. ލަކީ ޑްރޯއަކީ ކޮންމެ ހަފްތާއަކު ނެގޭ ލަކީ ޑްރޯއެއް. ޕްރޮމޯޝަން ނިމުމުން އެބަ ނެގޭ ގްރޭންޑް ލަކީ ޑްރޯއެއް،" ޝުރުފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވީކްލީ ނަގާ ލަކީ ޑްރޯގައި ފިލިޕްސް ޓީވީއާއި ހިޓާޗީ ޝަވާ ހީޓާ ފަދަ ޕްރޮޑަކްޓްސްތައް ހިމެނޭ ގިފްޓް ހެމްޕާތައް ދޭން ހަމަޖައްސާފައިވާ ކަމަށެވެ. ގްރޭންޑް ލަކީ ޑްރޯއިން ހޮވާލެވޭ ފުރަތަމަ ފަރާތަކަށް އިތުރު ބޭފުޅަކާ އެކު ބެންކޮކް ދެކޮޅު ޓިކެޓާއި ހޯމް އިމްޕްރޫވްމަންޓުގެ ފަރާތުން 50،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބެންކޮކް ދަތުރު ހުށަހަޅާފައިވަނީ ސަން ލޭންޑް ޖާނީސްގެ ފަރާތުންނެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ގްރޭންޑް ލަކީ ޑްރޯގެ ދެވަނަ އަށް ހޮވޭ ފަރާތަކަށް މޯލްޑިވިއަން އިން ހުށަހަޅާފައިވަނީ އެއް ބޭފުޅަކަށް ޗެންނާއި ދެކޮޅު ޓިކެޓެވެ. އެއާ އެކު ހޯމް އިމްޕްރޫވްމަންޓުން 30،000 ރުފިޔާގެ ތަކެއްޗެވެ. ތިން ވަނަ އިނާމަކީ އަދާރަން ހުދުރަންފުށީގައި ދެ ދުވަހުގެ ސްޓޭ އެކެވެ.

ހަތަރު ވަނަ އިނާމަކަށް ފިލިޕްސް ބްރޭންޑުގެ ޓީވީއަކާއި 10000 ރުފިޔާގެ އަގު ހުރި އިނާމްތަކެއް ހުށަހަޅާފައިވާއިރު ފަސް ވަނަ އިނާމަކީ ސަން ފްރަންޓުން ހުށަހަޅާ ގާލެންޑޯ ޓޭބަލަކާއި ނިޕޯން ޕެއިންޓުގެ 5000 ރުފިޔާގެ އަގުހުރި ގިފްޓު ވައުޗާ އެކެވެ.

comment ކޮމެންޓް