ރޯގާ ކޮންޓްރޯލް ކުރެވެންދެން ކިޔެވުން މެދުކަނޑާލަން އެމްޑީޕީން ގޮވާލައިފި

ރޯގާ ފެތުރެމުން ދާތީ ސްކޫލްތަކުގެ ކިޔެވުން އެއް ހަފްތާއަށް މެދުކަނދާލުމަށް ފަހު މިއަދު ވަނީ ހުޅުވާފައި--- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާ އެއްކޮށް ކޮންޓްރޯލް ވަންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

މާލެ އާއި އަތޮޅުތެރޭގައި ހުމާއި ރޯގާ ފެތުރެމުންދާތީ ކުއްލި ގޮތަކަށް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އޭރު އޮތީ ޓާމް ބަންދަށް ދެތިން ދުވަހަށްވެފަ އެވެ. ނަމަވެސް ހަފަތުއާއަކަށް ފަހު ޓާމް ނިމުމަށް ފަހު ސްކޫލްތައް މިއަދު ވަނީ ހުޅުވައިފަ އެވެ. އެކަމަކު ސްކޫލްތަކަށް ދަރިވަރުން ފޮނުވީ ވަރަށް މަދު ބެލެނިވެރިއެކެވެ.

އެމްޑީޕީގެ ތައުލީމާ ބެހޭ ކޮމިޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކުއްލި ގޮތަކަށް މިމަހު 13 ވަނަ ދުވަހު ސްކޫލްތައް ބަންދު ކުރީ ރޯގާގެ ހާލަތު ސީރިއަސްވެ، ނުރައްކަލުގެ މިންގަނޑު ލެވެލް ތިނަކަށް އެރުމުން ކަމަށެވެ. ނަމަވެސް އެއްހަތްތާއަށް ފަހު މިއަދު އަނެއްކާ ވެސް ސްކޫލްތަކުގެ ކިޔެވުން ފަށާފައިވާ ކަމަށާއި އެކަމަކު ބެލެނިވެރިން ދަރިވަރުން ސްކޫލަށް ނުފޮނުވާ ކަމަށެވެ.

"ރައްޔިތުންގެ އިޙުސާސްތަކަށް އިޙްތިރާމްކޮށް، ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލްތަކުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ ރައްކާތެރިކަމަށް ރިޢާޔަތްކޮށް، މާތް ﷲގެ ވާގިފުޅާ އެކު މި ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ސަރުކާރަށް މިޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް