މޮޅުވާނީ މޭމަތީގައި އިންނަ ދިދައަށްޓަކައި ކުޅެގެން: ލަތީފް

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭޝިއަން ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުން ކާމިޔާބީއެއް ނުލިބި ވަކިވާން ޖެހުނީ ޖާޒީގެ މޭމަތީގައި އިންނަ ދިދައަށް (ދިވެހި ދިދަ) އަށްޓަކައި ނުކުޅޭތީ ކަަމަށާއި މޮޅުވާނީ ގައުމީ ޖޯޝުގައި ޓީމު ކުޅޭ ދުވަހަކުން ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިޅުވެއްޖެއެވެ.

މިއަދު ހަވީރު ތުރުކްމަނިސްތާނާ ވާދަކޮށް ދިވެހި ޓީމް ބަލިވި މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ޓީމުގައި ތިބީ ހުނަރުގެ ގޮތުން 100 އިންސައްތަ ވަރުގަދަ ކުޅުންތެރިން ކަމަށާއި މުޅި ދިވެހި ރާއްޖެއިންވެސް މިހާރު ގައުމީ ޓީމުގައި އޮތްވަރުގެ ޓީމެއް ނުނެރެވޭނެކަމަށެވެ. އޭނާ ވިދަޅުވީ، ކުޅުންތެރިންގެ ކިބައިގައި މަދުވީ ގައުމީ ރޫހު ކަމަށާއި މޭމަތީގައި އިންނަ ދިދައަށްޓަކައި ކުޅެގެން ނޫނީ ކާމިޔަބީއެއް ނުހޯދޭނެ ކަމަށެވެ.

"އެކި ހިސާބުތަކުން އަންނަ ކުޅުންތެރިން ގައުމީ ޓީމުގައި މި ތިބެނީ. އެ ކުޅުންތެރީން އެއް ބަޔަކަށް ހަދައިދެނީ މޭ މަތީގަ އިންނަ ދިދަ. ގައުމީ ޖާޒީ ލުމަށް ފަހު އެއީ އެބައެއް ކުޅޭން ޖެހެނީ ގައުމަށްޓަކައި. ނަމަވެސް ދިވެހި ޓީމުގެ ފަރާތުން އެ ޖޯޝެއް ނުފެނުނު،" ލަތީފް ވިދާޅުވިއެވެ.

ޓީމުގެ ސިލެކްޝަނާ މެދު ހިތްހަމަ ޖެހިވަޑައިގަނޭތޯ ސުވާލު ކުރުމުން ލަތީފް ވިދާޅުވީ ޓީމު ހޮވާނީ ކޯޗިން ސްޓާފުން ކަމަށާއި އެ ކަމަށް އެއްވެސް ބަހެއް ވިދާޅުނުވާކަމަށެވެ. އެސޯސިއޭޝަންގެ ރައީސްގެ ޒިންމާއަކީ މިފަދަ ފުރުޞަތުތައް ޓީމަށް ހޯދިނުން ކަމަށާއި މިއީ މިގޮތަށް ހޯދުނު އެންމެ ފަހި ފުރުޞަތު ކަމަށެވެ. އަދި ރަނގަޅު ޓީމެއް އޮވެ މިހާ މުހިއްމު ފުރުޞަތެއް ގެއްލުމުން އެކަމާ މެދު ވިސްނާނެ ކަމަށާއި ޓީމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

" ޓީމް އޯވަހޯލް ކުރާނަން. ބަދަލުތަކެއް އަންނާނެ. ކޮންމެ ގޮތެއްވިޔަސް މި ފަދަ ފުރުސަތަކީ މަދުން ލިބޭނެ ފުރުސަތެއް. މިކަހަލަ މުބާރާތެއް އަމިއްލަ ގައުމުގައި ބޭއްވުމަކީ ފަސޭހަ ކަމެއް ނޫން،" ލަތީފް ވިދާޅުވިއެވެ.

ވޮލީ ބޯޅަ އެސޯސިޢެޝަންގެ ރައީސަކަށް ލަތީފް އިންތިހާބުވިފަހުން އޭނާ ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އަންހެން ވޮލީ ބޯޅަ މުބާރާތަކާއި ފިރިހެން މުބާރާތެއް ބާއްވާފައެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު އީރާނާއި، ނޭޕާލް އަދި ރާއްޖެ ވާދަކުރި އަންހެން މުބާރާތުންވެސް ދިވެހި ޓީމަށް ލިބުނީ ތިންވަނައެވެ. އަދި މި ފަހަރު މި ބޭއްވި މުބާރަތުން ރާއްޖެއަށް ލިބުނީ ހަތަރުވަނައެވެ. ނަމަވެސް ގައުމުން ބޭރުގައި ބޭއްވި މި މުބާރާތުގެ 3 ވަނަ އަދި ދެވަނަ ވެސް މީގެ ކުރީން ދިވެހި ގަައުމީ ފިރިހެންޓީމުން ވަނީ ހޯދައިފައެވެ.

comment ކޮމެންޓް