ވޮލީން ރަން މެޑަލް ހޯދަން ލިބުނު އެންމެ ފަހި ފުރުސަތުވެސް ނަގާލައިފި

މާޗް 26، 2017: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޝިއާ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރަތުގައި މިއަދު ހަވީރު ތުރުކްމަނިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސީދާ ތިން ސެޓުން ރާއްޖެ ބަލިވެއްޖެއެވެ.

އަމިއްލަ ގައުމުގައި ވޮލީން ރަން މެޑައްޔެއް ހޯދަން ލިބުނު އެންމެ ފަހި ފުރުޞަތު ރާއްޖޭ ޓީމަށް ގެއްލިގެން ދިޔައިރު، މި މުބާރާތުގައި ރާއްޖެ ފުރަތަމަ ކުޅުނު މެޗުން ކިރްގިސްތާނު އަތުންނާއި އަދި ދެވަނަ މެޗުން ނޭޕާލު އަތުންވެސް ވަނީ ހަމަ ސީދާ ތިން ސެޓުން ބަލިވެފައެވެ.

މިއަދުގެ މެޗަށް ރާއްޖެ ނުކުތީ، ކިރްގިސްތާނާއި ނޭޕާލާ ދެކޮޅަށް ކުޅުނު ފުރަތަމަ ހަޔަކަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެެންނެވެ. އެގޮތުން ފުރަތަމަ ދެ މެޗުގައި އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިއާ ނިލާމްގެ ބަދަލުަގއި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިއާ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ވަނީ ހިމަނައިފައެވެ. އަދި ކުރީ ދެމެޗުގައި ކުޅުނު ލިބަރޯ ޖުނެއިދުގެ ބަދަލުގައި މިއަދުގެ މެޗުގައި ކުޅެފައިވަނީ އަލީ ޖަވާމްއެވެ.

މާޗް 26، 2017: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗު ފެށިގެން ފުރތަމަ ސެޓަށް ބަލާއިރު ބޮޑަށް ލީޑު ދަމަހައްޓައިގެން ރަނގަޅަށް ކުޅުނީ ތުރުކްމަނިސްތާން ޓީމުންނެވެ. އެޓީމުގެ ޖާޒީ ނަންބަރު 5 އަދި 6ގެ ފަރާތުން ރަނގަޅު ހަމަލާތކެއްވަނީ އުފައްދައިފައެވެ. މުޅި ސެޓުގައިވެސް 4 ޕޮއިނޓްގެ ލީޑެއް އެޓީމުން ދަމަހައްޓަމުން އައި ނަމަވެސް މި ސެޓުގައި ރާއްޖެއިންވަނީ ކުޅުން ރަނގަޅުކޮށް ތުރުކްމަނިސްތާނާ އަރައި ހަމަކޮށްފައެވެ. ރާއްޖޭގެ ސާޖިދުއާ ލޯންގޭގެ މޮޅު ކުޅުމެއް މި ސެޓުގައި ފެނިގެންދިޔައިރު މެޗު ނިމުނީ 22-25 އިން ތުރުކްމަނިސްތާން ކުރީގައި އޮވެގެންނެވެ.

މާޗް 26، 2017: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެވަނަ ސެޓުގައި ރާއްޖެއިން ކުޅުން ފެށީ ވަރަށް ލޮނު މަޑުކޮށެވެ. އޭގެ ފައިދާ ނަގައި ތުރުކްމަނިސްތާނުންވަނީ ބޮޑު ލީޑެއް ނަގައިފައެވެ. މި ސެޓުގައި ރާއްޖޭގެ ލިބަރޯ ޖަވާމް އަތުން ގިނަ ބޯޅަ ތަކެއް މިސްވެގެން ދިޔައިރު މުޅި ޓީމުގެ ވެސް ދިފާއީ ނިޒާމް ފެނުނީ ވަރަށް ދަށްކޮށެވެ. މި ސެޓުގައި ރާއްޖެއާ ތުރުކްމަނިސްތަނާ ދެމެދު ޕޮއިންޓުގެ ގޮތުން ބޮޑު ފަރަގެއް އޮތް އިރު ސެޓު ނިމިގެންވެސް ދިޔައީ 15 25 އިންނެވެ.

ތިންވަނަ ސެޓު ފަށައިގެން ރާއްޖެއިންވަނީ ހިތްވަރު އާކޮށް ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މި ސެޓުގައި ލީޑުގައި އޮވެގެން ރާއްޖެއިން ވަނީ 6 ޕޮއިންޓު ހަމަކޮށްފައެވެ. ނަމަވެސް އެހާ ހިސާބުން ރާއްޖެއަށް އިދިކޮޅުން އުފައްދާ ހަމަލާ ދިފާއު ނުކުރެވި، ސާރވިސް ތަކުގެ ބޭނުން ނުހިފި ތުރުކްމަނިސްތާނުންވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ސެޓުން ބަލިވެ ރާއްޖެ މުބާރަތުން ކެޓީ 25-20 އިންނެވެ.

މާޗް 26، 2017: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ނަތީޖާއާއެކު ރާއްޖެއަށް އިތުރުއެއްވެސް ފުރުޞަތެއް ނެތި ކެޓި އިރު ތުރުކްމަނިސްތާންވަނީ ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކޮށްފައެވެ.

މާދަމާ އެ މުބާރާތުގައި ވާދަކުރާނީ ނޭޕާލާއި ކިރްގިސްތާނެވެ.

comment ކޮމެންޓް