ކެންސަރު ހުރިކަން އެނގޭނެ ލޭގެ ޓެސްޓު އަހަރެއްގެ ތެރޭ ތައާރަފް ކުރަނީ

ލޭގެ ސާމްޕަލްތަކެއް -- ފޮޓޯ: ގެޓީ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް ބްރިޓިޝް ސައިންސް ފެސްޓިވަލްގައި ސުވަންސީ މެޑިކަލް ޔުނިވާސިޓީން ވަނީ ކެންސަރު ޖެހިފައިވާ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން އެބަލި ދެނެގަނެވޭ ލޭގެ ޓެސްޓެއް ހޯދިފައިވާކަން ހާމަކޮށްފަ އެވެ.

އަދި އެފަދަ އެހެން ޓެސްޓެއް އީޖާދުކޮށްފައިވާ ކަން މިދިޔަ ހުކުރު ދުވަހު ހާމަ ކުރި ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންސުވެރިން ވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭ އެޓެސްޓު ބޭނުން ކުރަން ފެށޭ ވަރުވާނެ ކަަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

ޖޭސްމިން ޒޯ އާއި އޭނާގެ ޓީމުން އީޖާދު ކުރި 'ކެންސާ ލޮކޭޓާ'ގެ ނަން ދީފައިވާ ޓެސްޓުން ހަށިގަނޑުގައި ޓިއުމަރެއް ހުރިކަން ދެނެގަންނަނީ ކެންސަރު ބަލިޖެހިފައިވާ މީހެއްގެ ލޭގައި ދައުރުވަމުންދާ 'ޓިއުމާ ޑީއެންއޭ' ހުންނަ މިންވަރަކުންނެވެ. އެޑީއެންއޭ ފެނުމުން ޓިއުމަރު ހުރި ތަނެއްވެސް ހޯދޭނެ ކަމަށް ޒޯ ބުންޏެވެ.

"އަޅުގަނޑު އުއްމީދު ކުރަން ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ އެ ޓެސްޓު ބޭނުން ކުރަން ފެށޭ ވަރުވާނެ ކަމަށް،" ޒޯ ބުންޏެވެ.

ޖީނޯމް ބައޮލޮޖީ ކިޔާ ޖާނަލްއެއްގައި ޕަބްލިޝްކޮށްފައިވާ އެދިރާސާގައިވާ ގޮތުން ކެންސަރު ބަލި ޖެހިފައިވާ ދިރާސާގެ ބައިވެރިންގެ ތެރެއިން 80 ޕަސެންޓު މީހުންގެ ގައިގައި ކެންސަރު ހުރި ކަން އެޓެސްޓުން އެނގުނެވެ. އަދި ކެންސަރުގެ ފުރަތަމަ ސްޓޭޖުތަކުގައި ހަށިގަނޑުގައި ޓިއުމާ ޑީއެންއޭ ހުންނަ މިންވަރު މަދުވި ނަމަވެސް، އެޓެސްޓުން ކެންސަރު ހުރިކަން އެނގޭ ކަމަށް ދިރާސާގެ ބައިވެރިން ހާމަ ކުރި އެވެ.

ވޯލްޑްވައިޑް ކެންސާ ރިސާޗުގެ ސައިންސް ކޮމިއުނިކޭޝަން މެނޭޖަރު ލާރާ ބެނެޓު ވިދާޅުވި ގޮތުގައި ކެންސަރު ހުރިކަން ދެނެގަންނާނެ ލޭގެ ޓެސްޓުތަކަކީ މުސްތަގުބަލުގައި ކެންސަރު ދެެނެގަތުމުގައި ބޮޑު ދައުރެއް އަދާ ކުރާނެ ޓެސްޓުތަކެކެވެ.

ނަމަވެސް ކޭމްބްރިޖް ޔުނިވާސިޓީގެ ކެންސަރާ ބެހޭ ޕްރޮފެސަރެއް ކަމަށްވާ ޕޯލް ފެރީ ވިދާޅުވި ގޮތުގައި އެފަދަ ޓެސްޓެއް ދުނިޔެއަށް ތައާރަފްކޮށް، އާއްމު ގޮތެއްގައި ބޭނުން ކުރަން ފެށުމުގެ ކުރިން އެޓެސްޓު އިތުރަށް ދިރާސާ ކުރަން ގިނަ އަހަރުތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް