މިއަދު ސްކޫލަށް ދިޔައީ މަދު ކުއްޖެއް، މާދަމާ ވާނީ ކިހިނެތް؟

ކުދިންތަކެއް ސުކޫލު ކައިރީ މަޑުކޮށްލައިގެން -- ސަންފައިލް ފޮޓޯ

ސްކޫލުތަކަށް މިއަދު ދިޔަ ކުދިންގެ އަދަދު މިވަނީ ބޮޑުތަނުން މަދުވެފަ އެވެ. ބައެއް ސްކޫލުތަކުގައި 20 ޕަސެންޓް ކުދިން ވެސް ހަމަ ނުވާ ކަމަށް ސްކޫލުތަކުން ފާހަގަކޮށްފައިވެ އެވެ. ސުވާލަކީ ކުދިން އެހާ މަދުން ގޮސްގެން ކިޔަވައިދޭތޯ އެވެ؟ މާދަމާ ވެސް ހަމަ އެ އުސޫލުން ކަންތައްވާ ނަމަ އެޑިއުކޭޝަން މިނިސްޓްރީ އަޅާނެ ފިޔަވަޅަކީ ކޮބައިތޯ އެވެ؟

އަމީނިއްޔާ ސްކޫލުގެ ގްރޭޑް އެކެއްގައި 258 ކުދިން ތިބޭ އިރު މިއަދު ސްކޫލަށް ދިޔައީ އޭގެ ތެރެއިން އަށް ކުދިން ކަމަށް ނަން ހާމަ ނުކުރަން އެދި އެ ސްކޫލުގެ ޓީޗަރަކު ބުންޏެވެ.

ބެލެނިވެރިންނާއި ކުދިންގެ ވެސް ސުވާލަކީ ކުދިން މަދުން ދިޔަ ނަމަވެސް ހަމަ މި އުސޫލުން ސުކޫލުތައް ހުޅުވައިގެން ދާނެތޯ އެވެ.؟ ބެލެނިވެރިން ބުނާ ގޮތުން މިހާރު ފެތުރެމުންދާ އެޗް1އެން1 އިންފުލުއެންޒާ ރޯގާއަށް އެއްވެސް ކަހަލަ ލުޔެއް ނުލިބެނީސް ކުދިން ސްކޫލަށް ފޮނުވާކަށް ބޭނުމެއް ނޫނެވެ.

"ދަރިފުޅު އެއްވެސް ބައްޔެއް ވާކަށް ނޭދެން،" ބެލެނިވެރިއަކު ބުންޏެވެ.

ބެލެނިވެރިންގެ ޝަކުވާތަކާއި ކުދިން މަދުން ސްކޫލަށް ދިޔުމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ޖަވާބެއް ނުދެއްވަ އެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ހެނދުނުން ފެށިގެން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ ކަމާ ބެހޭ ޑިޕާޓްމެންޓްގެ ވެރިޔާ ފޯނަށް ޖަވާބު ނުދެއްވާތީ މިވަގުތަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.

"ވަކި އެއްޗެއް ބުނެވޭނީ ފޯނަށް ޖަވާބު ދެއްވީމާ" އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ގުޅައި މެސެޖްކޮށް ހެދުމުން ވެސް އެއްވެސް ޖަވާބެއް ލިބޭގޮތެއް ނުވި އެވެ.

ބެލެނިވެރިންގެ ކަންބޮޑުވުމަކީ އިންފުލުއެންޒާ ރޯގާ ދަރިފުޅަން ޖެހިދާނެތީ އެވެ. ބެލެނިވެރިން ބުނަނީ ސްކޫލަށް ކުދިން ފޮނުވަން ރައްކާތެރި ކަމަށް ނުފެންނާތީ ނުފޮނުވީ ކަމަށެވެ.

އިންފުލުއެންޒާ ރޯގާގެ ސްޓޭޓަސް އޮތީ ލެވެލް ތިނެއްގައި ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފަ އެވެ. އެ ލެވެލްއަށް އެއްވެސް ބަދަލެއް އައިކަމެއް އެޗެޕީއޭ އިން އަންގާފައެއް ނުވެ އެވެ.

ލެވެލް ތިނެއްގައި އިންފުލުއެންޒާ ރޯގާ ފެތުރެމުންދާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސްކޫލުތައް ބަންދު ކުރީ ވެސް އިންފުލުއެންޒާ ރޯގާ ލެވެލް ތިނެއްގައި އޮތުމުންނެވެ.

އިންފުލުއެންޒާ އެޗް1އެން1 އަށް ޕޮސިޓިވްވި ފަސް މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 169 މީހަކު ވަނީ އެޗް1އެން1 އަށް ޕޮސިޓިވްވެފަ އެވެ.

comment ކޮމެންޓް