އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުން ވެމްކޯއާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ކުނިމެނޭޖް ކުރުމުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ވެމްކޯ އާ އެއްކޮށް އެއްބަސްވުމެއްގައި ސޮއިކުރަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ހިންގައި ބެލެހެއްޓުން، ވޭސްޓް މެނޭޖެމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުނިމެނޭޖް ކުރުމުގެ ނިޒާމް ހިންގައި ބަލަހައްޓަން ވެމްކޯއާ ހަވާލުކުރީ މިއަދު އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޠާރިޤް އިބްރާހީމެވެ. އަދި ވޭސްޓް މެނޭޖެމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފުޢާދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގައި ބަލަހައްޓަމުން ގެންދާނީ ވެމްކޯގެ ފަރާތުން ކަމަށެވެ.

މިނިސްޓަރު ޠާރިޤު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭގެއިން ގެންނަ ކުނިތައް ނެގުމާއި، ވިޔަފާރިތަކުން ގެންނަ ކުނިތައް ބަލައިގަނެ މިވަގުތު އައްޑޫ ސިޓީގައި ގާއިމު ކުރެވިފައިހުރި ވޭސްޓް މެނޭޖްމަންޓް ސެންޓަރ ބަލަހައްޓައި އެތަނުގެ މަސައްކަތްތައް ބަލަހައްޓާނީ ވެމްކޯއިން ކަމަށް ޠާރިޤު ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ، އެ މަަސައްކަތް ފަށައިގަންނަ އިރުވެސް ވެމްކޯގެ ފަރާތުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ގޭގެއިން ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ކޮމްޕެކްޓަރ ޓްރެކްތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

އޭގެ އިތުރުން، މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުނި މެނޭޖް ކުރުމުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތަކާއި އެ މަސަައްކަތްތަކަށް ހިނގާ ހުރިހާ ހަރަދަކަށް ޒިންމާ ވާނީ ވެމްކޯގެ ފަރާތުން ކަަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް