ގުލެން އެމެރިކާ އިން ބޭރުކޮށްލުމާ ބެހޭ ގޮތުން ޓްރަމްޕްގެ ކެމްޕެއިނުން މަޝްވަރާކުރި ކަމަށް ބުނެފި

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިން -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 26): ތުރުކީގައި މިދިޔަ އަހަރު ނާކާމިޔާބުވި ބަޣާވާތް ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް އެގައުމުގެ ސަރުކާރުން ބުނާ ދީނީ އިލްމުވެރިޔާ، ފަތުހުﷲ ގުލެން އެމެރިކާ އިން ބޭރުކޮށްލުމާ ބެހޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކެލް ފްލިން މަޝްވަރާ ކުރެއްވި ކަމަށް ސީއައިއޭގެ ކުރީގެ ޑިރެކްޓަރު ވިދާޅުވެއްޖެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ސީއައިއޭގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ވޫލްސީ ވިދާޅުވި ގޮތުގައި ގުލެން ތުރުކީއާ ހަވާލު ކުރުމާ ބެހޭ ގޮތުން ފްލިން ވާހަކަ ދެއްކެވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ދަނބިދަރި އާއި ތުރުކީގެ ފޮރިން މިނިސްޓަރާ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއު ޔޯކުގެ ހޮޓަލެއްގައި ބޭއްވި އެބައްދަލުވުމަށް ވޫލްސީއަށް ހާޒިރުވެވުނީ ބައްދަލުވުން ފެށުނު ފަހުން ކަމުން ތުރުކީއާ ގުލެން ހަވާލު ކުރުމަށް ޓްރަމްޕްގެ ކެމްޕެއިނުން އެއްވެސް ޝަރުތެއް ހުށަހެޅިކަން ޔަގީންނުވާ ކަމަށް ވޫލްސީ ވިދާޅުވި އެވެ.

"ގުލެން ތުރުކީއާ ހަވާލުކުރުމާ ބެހޭ ގޮތުން ވަރަށް ސީރިއަސް މަޝްވަރާއެއް ކުރިއަށް ދިޔަ. އެއީ އެކަމާ ބެހޭ ގޮތުން ހަމައެކަނި މަޝްވަރާ ކުރުން ކަމަށްވީ ނަމަވެސް އެމީހުން މަޝްވަރާ ކުރީ ވަރަށް ސީރިއަސް އަދި ގާނޫނާ ހިލާފު ކަމަކާ ބެހޭ ގޮތުން،" ވޫލްސީ ވިދާޅުވި އެވެ.

ނަމަވެސް ވޫލްސީ ބައްދަލުވުމުގައި ހުންނެވި ވަގުތު، ބައްދަލުވުމުގެ ބައިވެރިން ގާނޫނާ ހިލާފު ކަމެއް ކުރުމަށް ނުރާވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ މަހު ޓްރަމްޕްގެ މުޝީރެއްގެ މަގާމުން އިސްތިއުފާ ދެއްވި ފްލިންގެ ތަރުޖަމާނު ވަނީ ވޫލްސީގެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އަދި ގުލެން އެމެރިކާ އިން ބޭރު ކުރުމާ ބެހޭ ގޮތުން އެބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތުރުކީގައި ނާކާމިޔާބުވި ބަޣާވާތުގެ ފަހަތުގައި ވަނީ ގުލެން ކަމަށް ބުނެ އޭނާ އެގައުމާ ހަވާލު ކުރުމަށް ތުރުކީން ވަނީ ތަކުރާރުކޮށް އެމެރިކާއަށް އަންގައިފަ އެވެ. ނަމަވެސް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ނިންމީ ބަޣާވާތް ރޭވުމުގައި ގުލެން ހަރަކާތްތެރިވިކަން ސާބިތުވާ މިންވަރަށް ހެކި ނެތުމުން އޭނާ ތުރުކީއާ ހަވާލު ނުކުރުމަށެވެ.

ުގުލެން ވަނީ ތުރުކީން އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުކަމުން ފްލިން އިސްތިއުފާ ދެއްވީ އޭނާ ސަރުކާރުގެ މަގާމަކަށް އައްޔަން ކުރުމުގެ ކުރިން، އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރަޝިއާގެ ސަފީރާ ވާހަކަ ދެއްކެވިކަން ހާމަވުމާ ގުޅިގެންނެވެ. އެމެރިކާގެ އާއްމު ރައްޔިތުން ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ބައްދަލުކޮށް، ސިޔާސީ ވާހަކަތައް ދެއްކުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް