ބޮލީވުޑުން މާ ބޮޑު މަޝްހޫރު ކަމެއް ލިބުނީސް: ސަނީ ޕަވާރް

ސަނީ ޕަވާރް --

ހޮލީވުޑް ފިލްމެއްގެ ބަދަލުގައި ބޮލީވުޑް ފިލްމެއް ކުޅުނު ނަމަ، މާބޮޑު މަޝްހޫރުކަމެއް ލިބޭނެ ކަމަށް އޮސްކާ އެވޯޑުގެ ހަ ކެޓަގަރީ އަކުން ވާދަކުރި ކާމިޔާބު ފިލްމު 'ލަޔަން' ގެ ތަރި ސަނީ ޕަވާރު ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ އަށް އަހަރުގެ ސަނީ އެވެ. އޭނާ އަރައިގެން ހުރި ބޫޓުން ފެށިގެން، އޭނާގެ ތުއްތު ހަރަކާތްތަކަށް އެތައް ބައެއްގެ ހިތް ދަމައިގަތެވެ. ރެޑް ކާޕެޓުގައި ވެސް ކާމިޔާބު އެތައް ފަންނާނުން ނެއް ވަނީ ސަނީ އާއެކު ފޮޓޯ ނަގައި ހަދައިފައެވެ.

އެއަށްފަހު ސަނީ އެނބުރި މުމްބާއީއަށް އައުމުން، އެތައް ބަޔަކު ވަނީ އޭނާ އާ ބައްދަލު ކުރުމަށް އޭނާ ދިރިއުޅޭ ކުޑަކުޑަ ގޭގެ ކައިރިއަށް ވެސް އެއްވެފައެވެ. އޭގެ މަހެއްހާ ދުވަސް ފަހުން މިހާރު މާހައުލު ހަމައަކަށް އެޅިފައި ވީނަމަވެސް، އޭނާގެ ދިރިއުޅުން ވަނީ ބޮޑަށް ބަދަލުވެފައެވެ. އޭނާ ވަނީ މަޝްހޫރު ވެފައެވެ.

ނަމަވެސް ހޮލީވުޑް ފިލްމެއްގެ ބަދަލުގައި ބޮލީވުޑް ފިލްމެއް ކުޅުނު ނަމަ މިހާރު ލިބިފައިވާ މަޝްހޫރު ކަމަށް ވުރެ ބޮޑު މަޝްހޫރު ކަމެއް ލިބޭނެ ކަމަށް ސަނީ ބުނެ އެވެ.

ސަނީ ބުނީ އޭނާ ދިރިއުޅޭ ހިސާބުގައި އުޅޭ ގިނަ މީހުން ހޮލީވުޑް ފިލްމު ނުބަލާ ކަމަށާއި، އެހެންކަމުން އޭނާ ފިލްމެއް ކުޅުނުކަން ވެސް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.

"ގިނަ މީހުންނަށް އަހަރެން އެނގި، މާ ބޮޑު މަޝްހޫރު ކަމެއް ލިބުނީސް ބޮލީވުޑް ފިލްމެއް ކުޅުނު ނަމަ." ސަނީ ބުނެފައިވެ އެވެ.

މިހާރު ލިބިފައިވާ މަޝްހޫރު ކަމުގެ މާބޮޑު އަސަރެއް ސަނީ އަކަށް ނުކުރެ އެވެ. އަދި އެކަމުގެ އަސަރު އޭނާގެ ދިރިއުޅުމުން ވެސް ނުފެނެ އެވެ.

ސަނީ ބުނީ މިހާރު އަނެއްކާ ވެސް ކުރީގެ ދިރިއުޅުމަށް މުޅިން ބަދަލުވެފައިވާ ކަމަށާއި، ހަޔާތުގައި އެއްވެސް ކަމެއް ބަދަލުވެފައި ނުވާ ކަމަށެވެ.

"ޓީޗަރުންނާއި އެކުވެރިން އަހަންނާ މެދު ފަޚުރުވެރިވޭ. މިހާރު ޖެހެނީ ގެއްލިފައި ހުރި ފިލާވަޅުތައް އަލުން ހޯދަން. ކިޔަވަން ދެ ގުނަ އިތުރަށް މަސައްކަތް ކުރަން ޖެހޭ،" އިމްތިހާނަށް ތައްޔާރު ވަމުން އަންނަ ސަނީ ބުނެފައިވެ އެވެ.

ސަނީ މަޝްހޫރު ކަމުގެ ދަޅައިގައި ނުޖެހި ބޮޑުވުމަކީ އޭނާގެ އާއިލާ އިން ބޭނުންވާ ގޮތެވެ.

comment ކޮމެންޓް