މާދަމާ އޮތީ ފަހު އިމްތިހާނު، ކާމިޔާބުކުރުމަށް ސަޕޯޓަރުންގެ އެހީ ބޭނުން: ލަތީފް

ވީއޭއެމްގެ ރައީސް ލަތީފް: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި މާދަމާގެ މެޗަކީ މި މުބަރާތުގައި ގައުމީ ޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު އަދި އެންމެ މުހިއްމު އިމްތިހާނު ކަމަށްވާތީ މި އިމްތިހާނުން ފާސްވުމަށް 7 ވަނަ ކުޅުންތެރިއާގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މާދަމާ ތުރުކްމަނިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު މީގެ ކުރިން ނޭޕާލް އަތުންނާއި ކިރްގިސްތާން އަތުންވެސް ބަލިވެފައި އޮތުމުން މާދަމާގެ މެޗުން މޮޅުވުމަކީ ލާޒިމް ކަމެކެވެ. އަދި މޮޅުވި ނަމަވެސް ކުރިއަށް ދިޔުމަށް އޮތީ ހަނި ފުރުޞަތަކެވެ.

މާދަމާގެ މެޗުގެ މުހިއްމުކަން ފާހަގަކުރައްވަމުން، ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް ސަން ސްޕޯޓްސްއަށް ވިދާޅުވީ، ކުރިއަށް ދިޔުމުގެ ދޮރު އަދި ބަންދުނުވާ ކަމަށާއި ދިވެހި ކުޅުންތެރީންނަށް އަދިވެސް ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ، މާދަމާ ދިވެހި ކުޅުންތެރީންނަށް ކުރިމަތިވާ އިމްތިހާނަކީ ވޮލީ ބޯޅައިގައި އެ ކުޅުންތެރީން ކުރިމަތިލާނެ އެންމެ ބޮޑު އިމްތިހާން ކަމަށާއި ކޮންމެ ކުޅުންތެރިއަކުވެސް އަދި މުޅި ޓީމުވެސް ފާސްވާން ބޭނުންވަނީ ދިވެހި ސަޕޯޓަރުންގެ އެހީތެރިކަން ކަމަށެވެ.

" އަދި ފުރުޞަތެއް ނުގެއްލޭ. ނަމަވެސް ކުރިއަށްދާން އޮތީ ހަނި ފުރުޞަތެއް. ނަމަވެސް އަޅުގަނަޑަށް ޔަގީންވާ ކަމަކީ އަޅުގަނޑުމެން ޓީމުގެ ކުޅުންތެރިންނަށް ސަޕޯޓް ދިނުމަށް ދިވެހި ސަޕޯޓަރުން ތިބެއްޖެ ކަމަށް ވާނަމަ އެ ހަނި ފުރުޞަތުވެސް ފުޅާވެގެންދާނެ. ޓީމުގެ ރޫހާއި ފަންވަރަކީ ދިވެހި ސަޕޯޓަރުން،" ލަތީފް ވިދާޅުވިއެވެ.

އޭނާ އިތުރަށްވިދާޅުވީ، މިދިޔަ ދެ މެޗުގައިވެސް ސަޕޯޓަރުން ދެއްކި ހިތްވަރަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާކަމަށާއި އެ ދެ ދުވަހުވެސް ދެއްވި ސަޕޯޓް މާދަމާވެސް ދިނުން އެދޭ ކަމަށެވެ. އަދި އިދިކޮޅު ޓީމަށް ދިވެހި ސަޕޯޓަރުންނަކީ ފިސާރި ބައެއްކަން އަންގައިދިނުމަށް މެޗު ނިމެންދެންވެސް ސަޕޯޓް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ކުޅުންތެރިން އެކަތި ގަނޑެއްގެ ގޮތުގައި ކުޅެފިއްޔާ މޮޅުވާނެ. ހަމަ ޔަގީން. ކުޅުންތެރިން ތިބީ ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރަން، ބޭނުންވަނީ ސަޕޯޓަރުންގެ އެހީ،" ލަތީފް ވިދާޅުވިއެވެ.

އެ މުބާރާތުގެ ގަވައިދު ބުނާ ގޮތުން ފައިނަލުން އެއްކޮޅަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމެވެ. ދެން ފައިނަލުގައި ކުޅޭނީ ދެވަނައަށް އަދި ތިންވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ވާދަކޮށް ކުރި ލިބޭ ޓީމެކެވެ. ރާއްޖޭއާ ތުރުކްމަނިސްތަން ވާދަ ކުރާ މެޗު އޮންނާނީ މާދަމާ ހަވީރު 16:00ގައެވެ. ސަންއޮންލައިނުން މިމެޗުގެ ލައިވްކަވަރޭޖް ކިޔުންތެރީންނާ ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް