ތޫނިސްގެ ކުރީގެ ރައީސްގެ މައްޗަށް 6 އަހަރުގެ ޖަލު ހުކުމެއްކޮށްފި

ތޫނިސްގެ ކުރީގެ ރައީސް ޒައިނުލް އާބިދީން ބިން އަލީގެ މައްޗަށް ވަނީ ހަ އަހަރުގެ ޖަލު ހުކުމެއްކޮށްފަ -- ފޮޓޯ: ގެޓީ

ތޫނިސް (މާޗް 25): ކޮރަޕްޝަނުގެ ދައުވާގައި ތޫނިސްގެ ކުރީގެ ރައީސް ޒައިނުލް އާބިދީން ބިން އަލީގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއްކޮށްފި އެވެ.

ބިން އަލީގެ ޣައިރު ހާޒިރުގައި ތޫނިސްގެ ކްރިމިނަލް ކޯޓުން ނިންމި ގޮތުގައި އޭނާ ވަނީ އަމިއްލަ ފައިދާއަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިފަ އެވެ.

ބިން އަލީގެ އިތުރުން އެކޯޓުން ވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަލް އަޒްހަރު ބޯނީގެ މައްޗަށް ވެސް ހަ އަހަރުގެ ޖަލު ހުކުމެއްކޮށް، ގާތްތިމާގެ މީހުންނަށް ފައިދާވާ ގޮތަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާގައި އަލީގެ މުޝީރު އަލް ސޮބްހީ އަލް އުމާރީގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއްކޮށްފަ އެވެ.

ތޫނިސްގައި 23 އަހަރު ވަންދެން ވެރިކަން ކުރެއްވި ބިން އަލީ، 2011 ވަނަ އަހަރު ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސައުދީ އަރަބިއާއަށް ފިއްލަވާ ވަޑައިގެންނެވީ އޭނާގެ ސަރުކާރާ ދެކޮޅަށް ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށިތާ އެއް މަސް ފަހުންނެވެ.

އަދި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ތޫނިސްގެ ކޯޓުތަކުން ވަނީ ސައުދީ އަރަބިއާގައި ދިރިއުޅުއްވަމުން ގެންދަވާ ބިން އަލީ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. (މިޑްލްއީސްޓްމޮނިޓާ)

ގުޅޭ ޓެގު
comment ކޮމެންޓް