އެއާ އިންޑިއާގެ މުވައްޒަފަށް ހަމަލާދިން މެމްބަރުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އިންޑިއާގެ ބޮޑެތި އެއާލައިންތަކުން އެ އެއާލައިންގެ ފްލައިޓްތަކަށް ނޭރުވުމަށް ނިންމި މަޖިލިސް މެމްބަރު --

ނިއު ދިއްލީ (މާޗް 25): އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު، އެއާ އިންޑިއާގެ ޑިޔުޓީ އޮފިސަރަކަށް ހަމަލާ ދިންކަމަށް އިއުތިރާފު ވުމާ ގުޅިގެން އެގައުމުގެ ފުލުހުން އެމައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އިންޑިއާގެ ޝިވި ސޭނާ ޕާޓީއަށް ނިސްބަތްވާ ރަވިންދުރު ގައިވާޑް އެއާ އިންޑިއާގެ މުވައްޒަފަށް ހަމަލާ ދިނީ ބުރާސްފަތި ދުވަހު ނިއު ދިއްލީން ޕޫނޭއަށް އޭނާ ދަތުރު ކުރަން އުޅުއްވި ފްލައިޓުން ބިޒްނަސް ކްލާސް ސީޓެއް ނުލިބުމުންނެވެ.

ރަވިންދުރަ ނެންގެވީ ބިޒްނަސް ކްލާސް ޓިކެޓެއް ނަމަވެސް އޭނާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓަކީ ބިޒްނަސް ކްލާސް ސީޓް ނުހުންނަ ފްލައިޓެއް ކަމަށްވެ އެވެ.

ނަމަވެސް ރަވިންދުރަ ވަނީ އޭނާ އަށް ބިޒްނަސް ކްލާސް ސީޓެއް ދެވެން ނެތް ކަމަށް ބުނި އޮފިސަރަކީ 'ބޮޑާ މީހެއް' ކަމަށް ވިދާޅުވެ 'އޭނާގެ ގައިގައި ފައިވާނުން 25 ފަހަރު ޖެހި ކަމަށް' އިއުތިރާފުވެފަ އެވެ. އަދި އެކަމަށް މާފަށް އެދެން ދެކޮޅު ހައްދަވައި، އޭނާއާ ދޭތެރޭގައި ޑިއުުޓީ އޮފިސަރު ކަންތައްކުރި ގޮތް ހުށަހަޅާނީ މަޖިލީހުގެ ރައީސާއި ކަމާބެހޭ އެހެން އިދާރާތަކަށް ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ސަބަބުން ފެޑެރޭޝަން އޮފް އިންޑިއަން އެއާލައިންސް (އެފްއައިއޭ) އިން ވަނީ އެފެޑެރޭޝަންގައި ހިމެނޭ އެއްވެސް އެއާލައިނަކަށް ރަވިންދުރަ އެރުވުން މަނާކޮށްފަ އެވެ. އެހެންކަމުން ރަވިންދުރަ ދިއްލީއަށް ވަޑައިގަތުމަށް ފަހު އަނބުރާ ޕޫނޭއަށް ވަޑައިގަންނަވަން ޖެހުނީ ރޭލަކުންނެވެ.

ރަވިންދުރަގެ ހަމަލާ އަމާޒުވި އުމުރުން 60 އަހަރުގެ އެއާލައިން މުވައްޒަފު ބުނި ގޮތުގައި އެ ހާދިސާގައި އޭނާގެ އައިނު ވަނީ ހަލާކުވެފަ އެވެ.

އިއްޔެ ނިއު ދިއްލީގެ ފުލުހުން ވަނީ ރަވިންދުރައާ ދެކޮޅަށް މައްސަލައެއް ރެޖިސްޓާކޮށް، މައްސަލަ ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ވެރިކަން ކުރަން ބީޖޭޕީއާ ކޯލިޝަން ހަދާފައިވާ ޝިވް ސޭނާ ޕާޓީއަކީ އެޕާޓީއާ ހިޔާލު ތަފާތުވާ ފަރާތްތަކަށް އާއްމު ގޮތެއްގައި ހަމަލާ ދޭ ޕާޓީއެކެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް