100 މިލިއަން މީހުން 'ބާހޫބަލީ 2'ގެ ޓްރެއިލާ ބަލައިފި

ބޮޑު ތަރުހީބެއް ލިބެމުން އަންނަ، ޑައިރެކްޓަރު އެސްއެސް ރާޖާމޯލީގެ 'ބާހޫބަލީ 2: ދަ ކޮންކްލޫޝަން'ގެ ޓްރެއިލާ ބެލި މީހުންގެ އަދަދު 100 މިލިއަނަށް އަރައި، ރެކޯޑެއް ހަދައިފި އެވެ.

'ބާހޫބަލީ 2'ގެ ޓްރެއިލާ ލޯންޗު ކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ތެލުގޫ، ޓެމިލް، ހިންދީ އަދި މަލަޔާލަމް ބަހުން ޔޫޓިއުބުގައި ލޯންޗު ކުރި ކުރި އެ ޓްރެއިލާ އަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

މިހާތަނަށް ޓްރެއިލާ ބެލި މީހުންގެ އަދަދު 100 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ އިރު، މިއީ އެންމެ ގިނަ ބަޔަކު ބަލާފައިވާ ހިންދީ ފިލްމެއްގެ ޓްރެއިލާ އެވެ.

ޑައިރެކްޓަރު ރާޖާމޯލީ ވަނީ އެކަން ފާހަގަކޮށް ޓުވީޓެއް ވެސް ކޮށްފަ އެވެ. އޭނާ ކުރި ޓުވީޓުގައި ބުނެފައި ވަނީ އެ ވަރުގެ ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމަށް ޚިޔާލަށް ވެސް ގެނެވިފައި ނުވާ ކަމަށެވެ. އޭނާ ވަނީ ފިލްމުގައި ހުރިހާ ގޮތަކުން މަސައްކަތް ކޮށްދީ އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ފިލްމުގެ ހިންދީ ވާޝަން ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އެވެ. ކަރަން ވެސް ވަނީ އެއީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ހިންދީ ފިލްމުގެ ޓްރެއިލާ ކަން ފާހަގަ ކޮށް ޓުވީޓެއް ކޮށްފަ އެވެ.

ޓްރެއިލާ ލޯންޗު ކުރުމުގެ ކުރިން، ޓްރެއިލާ ލީކު ކޮށްލާފައިވީ ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ފިލްމަށް ކޮށްފައެއް ނުވެ އެވެ.

ފިލްމުގައި ފެނިގެން ދާނީ ޕްރަބާސް، ރާނާ ދައްގޫބަތީ، ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމްޔާ ކްރިޝްނަން އަދި ސަތިޔާރާޖް އެވެ. ފިލްމު ރަސްމީކޮށް ރިލީޒް ކުރުމަށް ނިންމާފައި ވަނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.

'ބާހޫބަލީ' ފްރެންޗައިޒްގެ ފުރަތަމަ ފިލްމަކީ ވެސް ވަރަށް ބޮޑު ކާމިޔާބެއް ލިބިގެން ދިޔަ ފިލްމެކެވެ.

comment ކޮމެންޓް