ސްޕެއިންއާއި އިޓަލީއަށް މޮޅެއް

ވޯލްޑް ކަޕް ކޮލިފައިންގައި ސްޕެއިންއާއި އިސްރާއީލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްޕެއިން މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް 2018 ކޮލިފައިންގެ ޔޫރަޕް ބައްރުގެ 'ގްރޫޕް ޖީ'ގައި ރޭ ކުޅުނު މެޗުތަކުން ސްޕެއިންއާއި އިޓަލީ މޮޅުވެއްޖެ އެވެ.

އަމިއްލަ ގައުމުގައި ރޭ ކުޅުނު މެޗުގައި އިސްރާއީލްގެ މައްޗަށް ސްޕެއިން ކުރި ހޯދާފައި ވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސްޕެއިންއާއި އިސްރާއީލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްޕެއިން މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ 13 ވަނަ މިނެޓުގައި ޔޯޑީ އަލްބާ ދިން ބޯޅައަކުން ސްޕެއިންއަށް ޑޭވިޑް ސިލްވާ ލީޑު ހޯދައިދިން އިރު، ފުރަތަމަ ހާފުގެ އިތުރުވަގުތުކޮޅު ތެރޭގައި ތިއާގޯ އަލްކަންޓަރާ ދިން ބޯޅައަކުން ސްޕެއިންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިޓޯލޯ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ތިއާގޯ ނަގައިދިން ކޯނަރަކުން ސްޕެއިންއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާ އެވެ. އޭގެ ހަ މިނެޓް ފަހުން ސްޕެއިންގެ ސިލްވާއަށް އިތުރު ލަނޑެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސްޕެއިންއާއި އިސްރާއީލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްޕެއިން މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 76 ވަނަ މިނެޓުގައި އިސްރާއީލުން ލަނޑެއް ކާމިޔާބުކުރި އެވެ. އެ ލަނޑު އިސްރާއީލްއަށް ކާމިޔާބުކޮށްދިނީ ލިއޯ ރަފައެލޯވް އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ސްޕެއިންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިސްކޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އައާގޯ އަސްޕާސް ދިން ބޯޅައަކުންނެވެ.

އަމިއްލަ ގައުމުގައި ރޭ ކުޅުނު 'ގްރޫޕް ޖީ'ގެ މެޗުގައި އަލްބާނިއާ އަތުން އިޓަލީ މޮޅުވެފައި ވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އިޓަލީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ ޑެނިއެލް ޑި ރޮސީ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީއާއި އަލްބޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އިޓަލީ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ފެށިތާ 12 މިނެޓްފަހުން އެ މެޗުގެ ކުޅުން މެދުކަނޑާލަން ރެފްރީއަށް މަޖުބޫރުވި އެވެ. މެޗުގެ ކުޅުން ރެފްރީ މެދުކަނޑާލީ ދަނޑު މައްޗަށް އަލްބޭނިއާގެ ސަޕޯޓަރުން ފްލެއާސް އުކުމުގެ ސަބަބުންނެވެ. ފްލެއާސް އުކުމުގެ ސަބަބުން ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ކުޅުން ފެށީ އޭގެ ދިހަ މިނެޓް ފަހުންނެވެ.

އެ މެޗުގައި އިޓަލީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 71 ވަނަ މިނެޓުގަ އެވެ. ޑޭވިޑް ޒަޕަކޮސްޓާގެ ހުރަހަކުން އިޓަލީއަށް އެލަނޑު ކާމިޔާބުކޮށްދިނީ ސިރޯ އިމޯބިލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަލްބޭނިއާގެ ގޯލް ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީއާއި އަލްބޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އިޓަލީ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

އެ ނަތީޖާތަކާ އެކު އަދި ވެސް 'ގްރޫޕް ޖީ'ގެ އެންމެ ކުރީގައި އޮތީ ސްޕެއިންއާއި އިޓަލީ އެވެ. އެ ގްރޫޕްގެ އެއްވަނައިގައި އޮތް ސްޕެއިންއާއި ދެވަނައިގައި އޮތް އިޓަލީއަށް ވެސް ފަސް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. އިޓަލީއަށްވުރެ ކުރީގައި ސްޕެއިން އޮތީ ގޯލުގެ ތަފާތުންނެވެ.

ގްރޫޕްގެ ތިންވަނާގައި އޮތް އިސްރާއީލަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނާގައި އޮތް އަލްބޭނިއާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފަސްވަނާގައި އޮތް މެސެޑޯނިއާ އަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި އޮތް ލީޝްޓެންޝްޓައިންއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް