ފިނޭ އަތުން ނޮޅިވަރަމް މޮޅުވެއްޖެ

މިނިވަން ޗެމްޕިއަންޝިޕްގައި ނޮޅިވަރަމްއާއި ފިނޭ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނޮޅިވަރަމް މޮޅުވީ 5-3 ލަނޑުން --- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

މިނިވަން ޗެމްޕިއަންޝިޕްގައި ހދ. އަތޮޅުގެ ބުރުގެ ދެވަނަ މެޗުގައި ހދ. ފިނޭގެ މައްޗަށް ހދ. ނޮޅިވަރަމް ކުރި ހޯދައިފިއެވެ.

ހދ. ކުޅުދުއްފުށީގައި އިއްޔެ ކުޅުނު މެޗުގައި ފިނޭގެ މައްޗަށް ނޮޅިވަރަމްއިން ކުރި ހޯދީ 5-3 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ފިނޭއެވެ. އެ ލަނޑު ފިނޭއަށް ކާމިޔާބުކޮށްދިނީ އަލީ މިސްބާހު މުހައްމަދެވެ. ފިނޭ ލީޑުގައި އޮތް ނަމަވެސް، ނޮޅިވަރަމް ވަނީ ތިން ލަނޑުޖަހައި ލީޑު ހޯދައިފައެވެ. އެ ލަނޑުތައް ނޮޅިވަރަމްއަށް ލަނޑު ޖަހައިދިނީ އަލީ ރަޝީދާއި، ރިޝްވާން އިބްރާހިމް އަދި ހިޝާމް އަބްދުލް ރައްޒާގެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ފިނޭއިން ވަނީ ލަނޑެއްޖަހައި، ނޮޅިވަރަމްއިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ފިނޭއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އާރިފްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-2 ލަނޑުން ފިނޭ ކުރީގައި އޮވެގެންނެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ފިނޭއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މިސްބާހު އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މެޗު ނިމުމުގެ ކުރިން ދެ ލަނޑުޖަހައި ނޮޅިވަރަމްއިން ވަނީ ލީޑު ހޯދައިފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ނޮޅިވަރަމްގެ ހަތަރުވަނަ ލަނޑު، އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ރިޝްވާން ޖަހައިދިންއިރު، މެޗުގެ 83 ވަނަ މިނެޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަފްރާހްއެވެ.

ހދ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށި ވަނީ ކުރިނބީގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މެޗުން ކުޅުދުއްފުށި މޮޅުވެފައިވަނީ ފަހަތުންއަރައި 4-2 ލަނޑުންނެވެ.

އެ މުބާރާތުގެ ހދ. އަތޮޅު ބުރު ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޅުދުއްފުށްޓާއި، ކުރިނބީ އަދި ކުމުންދޫއެވެ. ގްރޫޕް ދޭއްގައި ނޮޅިވަރަމްއާއި، ފިނޭ އަދި ނޮޅިވަރަންފަރު ހިމެނޭއިރު، ގްރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދުއާއި، ނޭކުރެންދޫ އަދި ހިރިމަރަދޫއެވެ.

މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 81 ރަށަކުން ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ އަތޮޅު ބުރެވެ. އެ ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.

އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ބ. އޭދަފުށްޓެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ތ. ތިމަރަފުށި 1-0 ލަނޑުން ބަލިކޮށްގެންނެވެ.

comment ކޮމެންޓް