ފަހަތުންއަރައި މަނަދޫ ބަލިކޮށް، ކެނދިކުޅުދޫން ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގައި ކެނދިކުޅުދުއާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކެނދިކުޅުދޫ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

ހުކުރު ދުވަހު ހަވީރު ނ. ކެނދިކުޅުދޫގައި ކުޅުނު މިނިވަން ޗެމްޕިއަންޝިޕް މެޗުގައި ފަހަތުންއަރައި ނ. މަނަދޫ ބަލިކޮށް، ކެނދިކުޅުދޫން ފެށުން ރަނގަޅުކޮށްފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގައި އަމިއްލަ ރަށުގައި ކުޅެމުންދިޔަ ކެނދިކުޅުދޫން މަނަދޫގެ މައްޗަށް ކުރިހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މަނަދޫ އަދި ކެނދިކުޅުދޫން ވެސް ލަނޑެއް ކާމިޔާބުކޮށްފައިވެއެވެ. މެޗުގެ 13 ވަނަ މިނެޓުގައި މަނަދުއަށް ހަސަން ޒައީމް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 24 ވަނަ މިނެޓުގައި އަބްދުﷲ ސުއާދު ވަނީ ކެނދިކުޅުދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ކެނދިކުޅުދުއާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކެނދިކުޅުދޫ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްތެރޭ ކެނދިކުޅުދޫން ވަނީ ލީޑު ހޯދައިފައެވެ. މެޗުގައި ކެނދިކުޅުދުއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ސަމާލްއެވެ. އެ މެޗުގައި ކެނދިކުޅުދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

ނ. އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާނީ ކެނދިކުޅުދޫގައެވެ. އެ އަތޮޅު ބުރުގައި ކެނދިކުޅުދުއާއި މަނަދޫގެ އިތުރުން ދެން ވާދަކުރަނީ މާޅެންދުއާއި، ކުޑަފަރީ އަދި ޅޮހި ޓީމެވެ. ނ. އަތޮޅު ބުރުގައި ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޅެންދުއާއި ކުޑަފަރީއެވެ.

comment ކޮމެންޓް