އަމީތާއެކު ދެތިން މެމްބަރަކު ހިޔާލު ތަފާތުވެގެން އުޅެފާނެ: އަބްދުއްރަހީމް

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއެކު މެމްބަރު އަމީތު (މ): މަސީހާ ދެކޮޅަށް އަމީތު ވޯޓު ދެއްވަފާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ދެތިން މެމްބަރަކު ފިޔަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕު "އެކީގައި ތިއްބާ" މާދަމާ ފެނިގެންދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަސީހާއެކު ނުފެންނާނެ މެމްބަރުންގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކާއެކު ދެތިން މެމްބަރަކު ހިމެނިވަޑައިގެންފާނެ ކަމަށް އަބްދުއްރަހީމް މިރޭ ވިދާޅުވި އެވެ.

""މާދަމާ ފެނިވަޑައިގަންނަވާނެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕު އެކީގައި މަސީހާއެކުގައި ތިއްބާ. އަޅުގަނޑުމެންނާ ހިޔާލު ތަފާތުވެ ވަޑައިގެން އެ އުޅުއްވާ ވައްޑެ އާއި އަމީތާ މިކަހަލަ ދެތިން މީހަކު އުޅެފާނެ [ނުފެންނާނެ]،" ޗެނަލް13ގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން އަމީތަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުލިބޭތީ އަމީތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މެމްބަރު އަމީތަށް ނިސްބަތް ކުރައްވައި އަބްދުއްރަހީމް މިރޭ އެގޮތަށް ވިދާޅުވެފައި ވަނީ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ދައްކަފާއިވާ ވާހަކަތަކުގެ އޯޑިއޯއަށް އަމީތު ފާޑު ވިދާޅުވެފައި ވަނިކޮށެވެ.

އަމީތު ގެންދަވަނީ ނުސީދާ ގޮތުން، ސަރުކާރަށް ނިސްބަތް ކުރައްވައި، ޓްވީޓު ކުރައްވަމުންނެވެ.

އަބްދުއްރަހީމް އިޝާރާތް ކުރެއްވި ގޮތުގައި "އެ ދެތިން މެމްބަރުން" ޕާޓީގެ ވިޕުލައިނާ ހިލާފަށް ވޯޓު ދެއްވަފާނެ އެވެ.

ނަމަވެސް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ކަމަށްވާ 43 މެމްބަރުންގެ ވޯޓަށް ވުރެ އިތުރު ވޯޓާ އެކު މަޖިލީހުގެ ރައީސްކަމުގެ ގޮނޑި މަސީހަށް ދިފާއު ކުރެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި އޮތް ބަދަހިކަން ދެއްކުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ މެންދުރު ފަހު ބާއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން، އިދިކޮޅު ފަރާތްތަކުން މިރޭ އިއުލާން ކުރި އެއްބަސްވުމަށް އަބްދުއްރަހީމް މިރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެކުލަވާލި އެއްބަސްވުމަކީ ވަގުތީ މަންފާއެއް ހޯދުމަށް ހެދި އެއްބަސްވުމެއް ކަމަށް އަބްދުއްދުއްރަހީމް މިރޭ ވިދާޅުވި އެވެ.

އެ އެއްބަސްވުން ދެމި ނޯންނާނެ ކަމަށް ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ މައުމޫނާއި ނަޝީދަކީ ދެ ވާދެވެރިން ކަމަށާއި އެއްބަސްވުމެއް ހަދައިގެން ދެ ބޭފުޅުންނަށް ކުރިއަށް ނުދެވޭނެ ކަމަށެވެ.

"އެ ދެ ބޭފުޅުންނަކީ ވަރަށް ވާދަވެރި، އެކަކު އަނެކަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދެ ބޭފުޅުން. އެހެންވީމަ މިއީ ވަގުތީ މަންފާއެއް ހޯދުމަށް އެ ދެ ބޭފުޅުން ކުރާ ކަމެއް. ފަހުން އެ ރޫޅޭނެ، އެ އެއްބަސްވުމާގެން ދެ ބޭފުޅުންނަށް ކުރިއަށް ނުދެވޭނެ. އޭގެން ނަތީޖާއެއް ވެސް ނުނުކުންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހަތަރު ބޭފުޅުންގެ ސޮއިކޮށްފައިވާ އެއްބަސްވުމެއް ފެނުމުން އަންނަނީ ހިނި ކަމަށާއި އެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް ކަމަށެވެ. އެފަދަ އެއްބަސްވުމެއްގައި ޕީޕީއެމްގެ ހައިސިއްޔަތުން ސޮއި ކުރުމުގެ ހައިސިއްޔަތެއް މައުމޫނަށް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ ކަންކަމަކީ ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްގެން ކުރަން ޖެހޭ ކަންތައްތައް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ގާނޫނުތައް ލިޔެފިފައިވާ ގޮތުން ނަޝީދަކީ އެމްޑީޕީގެ ރައީސް ނޫން ކަމަށާއި އެ ޕާޓީގެ ރައީސްގެ ނަމުގައި ނަޝީދަށް ސޮއި ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނީ އިދިކޮޅު އެމްޑީޕީ ރައީސް މައުމޫނަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުންނާއި ޖޭޕީ އަދި އަދާލަތު ޕާޓީންނެވެ. ސައްބީސް މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ މަސީހު އިތުބާރު ނެތް ކަމުގެ މައްސަލަ، އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

comment ކޮމެންޓް