ރާއްޖޭގެ ޓީމަށް ހެދުނު ގޯސްތަކުގެ ޒިންމާ ނަގަން: ޝަރަފް

ނޭޕާލް އަތުން ބަލިވި މެޗަށްފަހު، ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ނޫސްވެރިންނަށް މައުލޫމާތުދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ޒިންމާ، ގައުމީ ކޯޗު މުހައްމަދު ޝަރަފް ނަގައިފިއެވެ.

އެ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ނޭޕާލް އަތުން 3-1 ސެޓުން ބަލިވެ، ރާއްޖެއިން ރަން މެޑައްޔެއް ހޯދުމަށް ކުރަމުންދިޔަ އުންމީދުތަކަށް ވަނީ ހުރަސްއެޅިފައެވެ. މިދިޔަ ބުދަ ދުވަހު ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ސެޓުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް 2015 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލް ހޯދައިދިން ކޯޗު ޝަރަފް ބުނީ، ރާއްޖެ ކުޅުނު ދެ މެޗުގައި ވެސް ކުޅެމުންދިޔައީ ބޮޑު ޕްރެޝަރެއްގައި ކަމަށާއި އެ ޕްރެޝަރުން އަރައިގަންނާނެ ގޮތެއް ކުޅުންތެރިންނަށް ހޯދައިނުދެވުމުން އޭގެ ޒިންމާ ނަގާ ކަމަށެވެ.

"މިއަދުގެ މެޗުވެސް ކުރީ މެޗުވެސް މިދިޔައީ ވަރަށް އެއްކަހަލަ ގޮތަކަށް. ހަގީގަތުގައި ދެ މެޗުގައި ވެސް އަޅުގަނޑުމެން ކުޅުނީ ވަރަށް ޕްރެޝަރުގައި. އެ ޕްރެޝަރު ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ހާއްސަކޮށް ޓީމުގައި ނަތީޖާ ނެރެން ތިބި އެންމެ ސީނިއާ ކުޅުންތެރިންނަށް ޕްރެޝަރު ހެންޑަލް ކުރާނެ ގޮތެއް ހޯދައިދިނުމަށް އަޅުގަނޑުގެ ދައުރު އަދާކުރެވިފައެއް ނެތޭ ދެންނެވިދާނެ،" އޭނާ ބުންޏެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ސެޓުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޝަރަފް ބުނީ، ސާވިސްތައް މިސްވެގެން ދިއުމަކީ މެޗުން ބަލިވެ ނުވަތަ ޕްރެޝަރަށް ވެއްޓެންޖެހޭ ސަބަބެއް ނޫން ކަމަށާއި ސާވިސް ކުރާ ކުޅުންތެރިޔާއަށް ގިނަ ޒިންމާތަކެއް އޮންނާނެ ކަމަށެވެ. އަދި ސާވިސްއެއް މިސްވެއްޖެނަމަ، އަވަހަށް އެކަމުން އަރައިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ލެވަލްގައި ހާއްސަކޮށް ކުރީކޮޅު ސާވިސްތައް މިސްވުމަކީ އެއީ ރިސަލްޓައް މާބޮޑު އިފެކްޓެއް އަންނާނެ ކަމެއް ނޫން. ސާވިސްއަކީ އަޅުގަނޑުމެންގެ ޑިފެންސްގެ ފެށުން. ސާވިސް ވަކި ގޮތަކަށް ކޮށްގެން ނުވަތަ ވަކި ގޮތަކަށް ނޫނީ ވަކި ތާކަށް ކޮށްގެން ނޫނީ އިދިކޮޅު ޓީމުގެ ފަޅިއަށްލުން، އެއީއެއް ނޫން އޭނާގެ ޒިންމާއަކީ. އެއަށްވުރެ ގިނަ ޒިންމާ އޭނާއަށް އޮންނާނެ. ސާވިސް މިސްވުމަކީ ޕްރެޝަރު ހެނޑަލް ނުކުރެވެންވީ ސަބަބެއް ނޫން. އަޅުގަނޑުމެންނަށް ދެން އޮތީ ސާވިސް މިސްވެއްޖެއްޔާ ތައްޔާރުވުން،" އޭނާ ބުންޏެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ސެޓުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ކޯޗު ބުނީ، ސާވިސްތައް މިސްވުމުން އެ ޕްރެޝަރުން ވެސް ރާއްޖޭގެ ޓީމަށް އަރައިގަންނަން ނޭނގުނު ކަމަށާއި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހެނީ އަމިއްލަ ގައުމުގައި ކުޅެމުންދާތީ ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި ކުޅޭ މުބާރާތްތަކުގައި ރާއްޖޭގެ ޓީމުން މިހާރު ކުރިއަށްދާ މުބާރާތުގައި ދައްކާ ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައިވާކަން ވެސް ޝަރަފް ފާހަގަކުރިއެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނަން ޖެހޭނީ ތުރުކުމަނިސްތާންއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ވެސް ރާއްޖެއަށް ފައިނަލަށް ދިއުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

comment ކޮމެންޓް