ނޭޕާލް އަތުން ރާއްޖެ ބަލިވެ، އުންމީދުތަކަށް ހުރަސްއެޅިއްޖެ

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ނޭޕާލް އަތުން ބަލިވެ، ރަން މެޑައްޔަށް ކުރި އުންމީދުތަކަށް ހުރަސްއެޅިއްޖެއެވެ.

ރާއްޖޭގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ހަވީރު ނޭޕާލް އަތުން ރާއްޖޭގެ ޓީމު ބަލިވީ 3-1 ސެޓުންނެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖޭގެ ފަރާތުން އެދެވޭ ކުޅުން ދެއްކިފައިނުވި ނަމަވެސް، ފަހުވަގުތު ކުޅުން ވަރުގަދަކޮށް ރާއްޖޭން ވަނީ ފުރަތަމަ ސެޓު ގެންގޮސްފައެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖޭން ގެންދިޔައީ 25-23 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ރަނގަޅަށް ކުޅެމުންދިޔައީ ރާއްޖެއިންނެވެ. ނަމަވެސް ފަހުން ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް، އެ ސެޓު ގެންގޮސްފައެވެ. ވާދަވެރި ކުޅުމަކަށްފަހު ނޭޕާލުން ދެވަނަ ސެޓު ގެންދިޔައީ 28-26 އިންނެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ތިންވަނަ ސެޓުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ރާއްޖޭގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފަހުވަގުތު ތިންވަނަ ސެޓު ނޭޕާލުން ގެންދިޔައީ 31-33 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓަކީ ރާއްޖޭގެ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ހެދުނު ސެޓެކެވެ. މެޗުގެ ހަތަރުވަނަ ސެޓުގެ ކުރީކޮޅު ރާއްޖޭން ލީޑު ނެގި ނަމަވެސް، ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް ރާއްޖޭގެ މައްޗަށް ކުރި ހޯދައިފައެވެ. ނޭޕާލުން މެޗު ކާމިޔާބުކުރީ 25-19އިން ހަތަރުވަނަ ސެޓު ގެންގޮސްގެންނެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރަން ޖެހޭނީ ތުރުކްމަނިސްތާނާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00ގައެވެ. އެ މެޗަށް ނުކުންނައިރު، ކުޅުނު ދެ މެޗުން ވެސް ރާއްޖެ ބަލިވެފައިވުމުން ތިންވަނަ މަގާމު ހޯދުމަށް ވެސް އޮތީ ހަނި ފުރުސަތެކެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން މިދިޔަ ބުދަ ދުވަހު ބަލިވީ ސީދާ ތިން ސެޓުންނެވެ.

comment ކޮމެންޓް