ބިޒްނަސް ކްލާސް ސީޓެއް ނުދިނުމުން އިންޑިއާގެ މަޖިލިސް މެމްބަރަކު އެއާލައިންގެ މުއައްޒަފަކަށް ހަމަލާދީފި

އެއާ އިންޑިއާގެ އޮފިސަރަކަށް ހަމަލާ ދިން މަޖިލިސް މެމްބަރު ---

އެއާ އިންޑިއާ ފްލައިޓުން ދަތުރުކުރި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ބިޒްނަސް ކްލާސް ސީޓެއް ހަމަޖައްސައި ނުދިނުމުން އެއާލައިންގެ ޑިއުޓީ އޮފިސަރަކާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ހަމަލާދީފިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ އިންޑިއާގެ ޕޫނާ އިން ނިއު ދިއްލީއަށް ދަތުރުކުރި ފްލައިޓްގައެވެ.

ޑިއުޓީ އޮފިސަރަށް ހަމަލާ ދީފައި ވަނީ އިންޑިއާގެ ވެރިކަން ކުރާ ޕީޖޭޕީ ޕާޓީއާ ކޯލިޝަން ހަދައިގެން މަސަތްކަތް ކުރަމުންދާ ޝިވި ސޭނާ ޕާޓީއަށް ނިސްބަތްވާ ރަވިންދުރު ގައިވާޑް ނަމަކަށް ކިޔާ މެމްބަރެކެވެ. އޭނާ ޓިކެޓް ނަގާފައި ވަނީ ބިޒްނަސް ކްލާސް އިންނެވެ. ނަމަވެސް އެ ފްލައިޓަކީ ބިޒްނަސް ކްލާސްގެ ސީޓް ނުހުންނަ ފްލައިޓެއް ކަމަށް ވުމުން ޑިއުޓީ އޮފިސަރު ވަނީ މެމްބަރު ކައިރީގައި ތަކުރާރުކޮށް އެހެން ވިދާޅުވެފައެވެ.

އިންޑިއާގެ އޭއެންއައި ނިއުސް އިން ރިޕޯޓް ކުރި ގޮތުގައި ރަވިންދުރު ވަނީ ޑިއުޓީ އޮޮފިސަރުގެ ވާހަކަތައް އަޑުއެހުމެއް ނެތި އޭނާ އަށް ފައިވަނުން 25 ފަހަރު ހަމަލާދީފައެވެ.

"އަހަރެން އޭނާއަށް ހަމަލާ ދިނިން. ނަމަވެސް އެއީ އޮފިސަރު އަހަރެންނާ މުއާމަލާތް ކުރި ގޮތުން. އޭނާ ވަނީ އަހަރެންނާ ހަޑިހުތުރު ބަހުން ވާހަކަދައްކައި އަދަބު އިހްތިރާމެއް ނެތް ގޮތަށް އަމަލުކޮށްފައި،" ރަވިންދުރަ ބުންޏެވެ.

އެ މައްސަލާގައި ރަވިންދުރައަށް ގިނަ ފަރާތްތަކަކުން ފާޑުކިޔަމުން އަންނައިރު އެއާ އިންޑިއާ އިން ވަނީ އެ މައްސަލަ އިންޑިއާގެ ފުލުހުންނަށާއި އޭވިއޭޝަން އޮތޯރިޓީއަށް ވެސް ހުުށަހަޅާފައެވެ.

އެ މައްސަލާގެ ދިފާއުގައި ވާހަކަދައްކަމުން ރަވިންދުރަ ބުނީ އޭނާ އަކީ ޕީޖޭޕީގެ މެމްބަރެއް ނޫން ކަމަށާއި އޭނާ އަކީ ޝިވި ސޭނާ ޕާޓީގެ މެމްބަރެއް ކަމަށެވެ. އަދި އޭނާއާ ދޭތެރޭގައި ޑިއުުޓީ އޮފިސަރު ކަންތައްކުރި ގޮތް ހުށަހަޅާނީ މަޖިލީހުގެ ރައީސާއި ކަމާބެހޭ އެހެން އިދާރާތަކަށް ކަމަށެވެ.

comment ކޮމެންޓް