އިރާގާއި އެމެރިކާގެ ޙަމަލާތަކުގައި މޫސަލްގެ އެތަށް ސަތޭކަ ބަޔަކު މަރުވެއްޖެ

މޫސަލް (މާޗް 24): އިރާގު ސިފައިންނާއި އެ މީހުންނަށް މަދަދު ދޭ އެމެރިކާ ސިފައިންގެ ވައިގެ ޙަމަލާތަކުގައި މޫސަލް ގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެއްޖެ އެވެ.

އިރާގުގެ މަދަނީ ދިފާއީ ސޯސްތަކާއި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމާއަތްތައް ބުނާ ގޮތުން އައިއެސްގެ ވަކިތަކުން މޫސަލް މިނިވަންކުރުމަށް ހަނގުރާމަކުރާ އިރާގު ސިފައިންނާއި އެމެރިކާ ގެ ވައިގެ ސިފައިންގެ ބޮމުގެ ޙަމަލާތައް މިހާރު އަމާޒުކުރަނީ އައިއެސްގެ ހަނގުރާމަވެރިން ފިލައިގެންތިބޭ މޫސަލްގެ އާންމުންގެ ގެދޮރަށެވެ. ނަތީޖާއެއްގެ ގޮތުން އެ ގެތަށް އެގެތަކުގައި ދިރިއުޅޭ އާންމުންގެ ބޮލަށް ވެއްޓި އާންމުންގެ އެތަށް ސަތޭކަ ބަޔަކު ފާއިތުވި ދެ ދުވަހުވަނީ މަރުވެފައެވެ.

އިރާގުގެ ރެޑް ކްރެސެންޓާއި މަދަނީ ދިފާއީ ބާރުތައް ގުޅިގެން ވަނީ ވެއްޓިފައިވާ ގެތަކުގެ ދަށުން އާންމުންގެ ހަށިތައް ނަގަންފަށާފައެވެ. މިއަދު އެކަނިވެސް 200 މީހުންގެ ހަށިތައްވަނީ ނަގާފައެވެ. ނެގި ހަށިތަކުގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންގެ ހަށިތަކެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން އައިއެސްގެ ހަނގުރާމަވެރިން ފިލަން ވަންނަނީ އިރާގުގެ އާންމުންގެ ގެތަކަށެވެ. އެގެތަކުން ފިރިހެނުން ފިލައިގެން ގޮސްފައިވާއިރު އެގެތަކުގައި މައިގަނޑު ގޮތެއްގައި ތިބެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިއަދުވެސް އިރާގުގެ އަސްކަރީ މަތިންދާ ބޯޓުތަކާއި އެމެރިކާގެ މަތިންދާބޯޓުތަކުން މޫސަލްގެ ތިރީހަކަށް ގެއަށް ބޮންއަޅައި ބިމާ ހަމަކޮށްލާފައިވާއިރު އެގެތަކުގައި ތިންސަތޭކައެއްހާ މީހުންނާއި އައިއެސްގެ އެތަށް ސަތޭކަ ހަނގުރާމަވެރިން ފިލައި ތިބޭނެ ކަމަށް މިފަރާތްތަކުން ބުނެއެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ މޫސަލް މިނިވަންކުރުމުގެ ހަނގުރާމަ ނިމުމަކަށް އަންނަމުންދާކަމަށާ މިހަނގުރާމަ ނިމުމަކީ އިރާގުން އައިއެސްގެ ވަސް ފުހެވިގެން ދިޔުންކަމަށް ސިފަކުރައްވާފައެވެ. އަދި މޫސަލްގައި ފައިހަރުކޮށްލައިގެން އާންމުން އިންސާނީ އައްޑަނައަކަށް ހަދައިގެންތިބި އައިއެސްގެ ހަނގުރާމަވެރިންނަށް އޮތީ މަރުވުން ނޫނީ އަމާންދިނުންކަމަށާ އެމީހުންނަށް ފިލައިގެން ނުދެވޭނެ ކަމަށްވެސް އަބާދީ ވިދާޅުވިއެވެ.

ހަނގުރާމައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި އާންމުން ދިފާއީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުމަކީ ހަނގުރާމައިގެ ޖަރީމާއަކަށްވާއިރު ހަނގުރާމަވެރިން ފިލައި ތިބި ނަމަވެސް އާންމުންގެ ގެދޮރަށް ބޮންއަޅައި ހަނގުރާމަވެރިންނާއެކު އާންމުން މެރުމަކީވެސް ހަނގުރާމައިގެ ޖަރީމާއެކެވެ. މޫސަލްގެ ހަނގުރާމައިގާ މިހުރިހާ ޖަރީމާތަކެއްވެސް ދަނީ ހިންގަމުންނެވެ.

އިރާގުގައި އައިއެސް އިން އިސްލާމީ ޚިލާފަތުގެ ނަމުގައި ބިނާކުރި ކިއްލާ ރޫޅި ފުނޑުފުނޑު ވެފައިވާއިރު އެޖަމާއަތުގެ ހަނގުރާމަވެރިންގެ އެތަށް ހާސްބަޔަކުވެސްވަނީ އިރާގުގައި މަރާލާފައެވެ. އަދި އެޖަމާއަތުގެ ވެރިކަމުގެ ނިޒާމާއި އިންފްރާސްޓްރަކްޗަރވެސް އިރާގު ސިފައިން މިހާރުވަނީ ބިމާހަމަކޮށްލާފައެވެ. އިރާގުގައި އައިއެސް އިން އިސްލާމީ ޚިލާފަތުގެ ނަމުގައި ބިނާކުރި ފޭކު ދައުލަތުގެ ވެރިރަށަކީ މޫސަލްއެވެ. މިރަށުގެ 90 އިންސައްތަ މިހާރުވަނީ އިރާގު ސިފައިންގެ އަތްދަށުގައެވެ.

އަނެއްކޮޅުން އައިއެސް އިން އިސްލާމީ ޚިލާފަތުގެ ނަމުގައި ސޫރިޔާގައި ބިނާކުރި ފޭކު ދައުލަތުގެ ވެރިރަށް ކަމަށްވާ އައްރިއްގާ ވެސްވަނީ ސޫރިޔާ ސިފައިންނާއި ސޫރިޔާގެ ކުރުދީ ބާރުތަކުން ޙިސާރުކޮށްފައެވެ. (ރޮއިޓާސް)

comment ކޮމެންޓް