ބަދުއަހުލާގީ ލަވަތަކުގެ މައްސަލާގައި ހާޒިރުކޮށް ބަޔާން ނަގައިފި

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފް އަމަލުތައް ދައްކާ ވީޑިއޯއެއްގެ ސުކްރީން ޝޮޓެއް--

ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ ބަދުއަހުލާގީ ވާހަކަތަކާއި މަންޒަރުތައް ހިމެނޭ ލަވަތަކުގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަހުގީގް ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފް އެލަވަތަކުގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް ހާޒިރުކޮށް ތަހުގީގް ފަށާފައިވާ ކަމަށެވެ.

އެލަވަތަކުގައި ކުޑަކުއްޖެއް ބޭނުންކޮށްގެން އިޖުތިމާއީ މިންގަނޑާއި ހިލާފް ކަންތައްތަކެއްކޮށްފައިވާތީ އެފްސީޕީޑީއިން އެކަން ބަލަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކާކުކަން އެނގޭގޮތަށް އެލަވަތަކުގައި ހުތުރުބަހުން މުއާމަލާތްކުރާއިރު ޒުވާން އަންހެންކުދިން ލަށްވައި ބަދުއަހުލާގީ އެކިއެކި ވައްތަރު ދަނީ ޖައްސަމުންނެވެ.

ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވި ގޮތުގައި ބަދުއަހުލާގީ މަންޒަރުތައް ދައްކުވައިގެން ހަދާފައި ހުންނަ އެފަދަ މަންޒަރުތަކާއި ލަވަތަކަކީ އޮރިޔާން ކާޑް އުފެއްދުމެވެ. އަދި އެއީ ގާނޫނީ ގޮތުން ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އަމަލުކުރާ ޕީނަލްކޯޑުގެ، އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ތެރެއިން އޮރިޔާން ކާޑް އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ އަތުގަައި ގެންގުޅުން، ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެ ގެނައުމަކީ ކުށެކެވެ.

އެކުށަކީ ޖުނަޙްގެ އެއް ވަނަ ދަރަޖައިގެ ކުށަކަށްވާއިރު އެއް އަހަރުގެ ޖަލުހުކުމެއް އަދަބުގެ ގޮތުގައި ކަނޑައެޅެ އެވެ.

އަބުރުގެ ގާނޫނު ބުނާގޮތުން އިސްލާމްދީނާއި ހިލާފް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފް ހިޔާލު ފާޅެއް ނުކުރެވޭނެއެވެ. އަދަބެއްގެ ގޮތުން 25000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދޭތެރޭ އަދަދަކުން ޖޫރިމަނާވެސް ކުރެވެއެވެ.

comment ކޮމެންޓް