ފަހަތުންއަރައި ކުރިނބީ ބަލިކޮށް، ކުޅުދުއްފުށިން ފެށުން ރަނގަޅުކޮށްފި

ކުޅުދުއްފުށީ ޓީމުގެ ބައެއް ސަޕޯޓަރުން: މިނިވަން ޗެމްޕިއަންޝިޕް 2017ގެ ފުރަތަމަ މެޗުގައި ކުރިނބީގެ މައްޗަށް ކުޅުދުއްފުށިން ކުރި ހޯދާފައިވަނީ 4-2 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕް 2017ގެ ފުރަތަމަ މެޗުގައި ފަހަތުންއަރައި ހދ. ކުރިނބީ ބަލިކޮށް، ހދ. ކުޅުދުއްފުށިން ފެށުން ރަނގަޅުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު އަމިއްލަ ރަށުގައި ކުޅުނު މެޗުގައި ކުރިނބީ ޓީމުގެ މައްޗަށް ކުޅުދުއްފުށީ ޓީމުން ކުރި ހޯދާފައިވަނީ 4-2 ލަނޑުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ އެންމެ ލަނޑެކެވެ. މެޗުގެ 35 ވަނަ މިނެޓުގައި ކުރިނބީ ޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަނާންއެވެ. މެޗުގެ 65 ވަނަ މިނެޓުގައި ކުރިނބީ ޓީމަށް ލީޑު ފުޅާކޮށްދިނީ ހާމިދު އާދަމްއެވެ.

ކުރިނބީ ޓީމުން ދެ ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، މެޗު ނިމުމުގެ ކުރިން ކުޅުދުއްފުށިން ވަނީ ހަތަރު ލަނޑު ޖަހައިފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ކުޅުދުއްފުށީގެ ފުރަތަމަ ލަނޑު އަންވަރު އާދަމް ކާމިޔާބުކޮށްދިންއިރު، މެޗުގެ 80 ވަނަ މިނެޓުގައި ކުޅުދުއްފުށީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަންވަރެވެ.

ކުޅުދުއްފުށީ ޓީމުގެ ބައެއް ސަޕޯޓަރުން: މިނިވަން ޗެމްޕިއަންޝިޕް 2017ގެ ފުރަތަމަ މެޗުގައި ކުރިނބީގެ މައްޗަށް ކުޅުދުއްފުށިން ކުރި ހޯދާފައިވަނީ 4-2 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ 83 ވަނަ މިނެޓުގައި ކުރިނބީ ޓީމުގެ ހުސައިން ޝިފާއުއަށް ރަތް ކާޑެއް ދެއްކައި، ރެފްރީ ޝިފާން އަބްދުއްރަހީމް ވަނީ ކުޅުދުއްފުށްޓަށް ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީން ކުޅުދުއްފުށީގެ ތިންވަނަ ލަނޑު އިބްރާހިމް ހަސަން ކާމިޔާބުކޮށްދިންއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ކުޅުދުއްފުށީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސާމިލްއެވެ.

އެ މުބާރާތުގެ ހދ. އަތޮޅު ބުރު ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޅުދުއްފުށްޓާއި، ކުރިނބީ އަދި ކުމުންދޫއެވެ. ގްރޫޕް ދޭއްގައި ނޮޅިވަރަމްއާއި، ފިނޭ އަދި ނޮޅިވަރަންފަރު ހިމެނޭއިރު، ގްރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދުއާއި، ނޭކުރެންދޫ އަދި ހިރިމަރަދޫއެވެ.

މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމުލަ 81 ރަށަކުން ވާދަކުރާނެއެވެ. އެ މުބާރާތް ފެށިގެންދާނީ އަތޮޅު ބުރުންނެވެ. އަތޮޅު ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.

އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ބ. އޭދަފުށްޓެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ތ. ތިމަރަފުށި 1-0 ލަނޑުން ބަލިކޮށްގެންނެވެ.

comment ކޮމެންޓް