ޓީމު އޮތީ ވަރަށް ޖޯޝުގައި، އެދެނީ ދަނޑު ރަތްކޮށްލަދިނުން

މިދިޔަ އަހަރު ގައުމީ ޓީމާއި ގޯލްޑް ޓީމު ކުޅުނުމެޗަށް ފަހު ކުޅުންތެރީން ސަޕޯޓަރުންނާ ސަލާމްކުރަނީ. ފަލަސްތީނު މެޗުގައި ވެސް ދިވެހި ޓީމު ބޭނުންވަނީ ރަތާއި ފެއްސާ ހުދުގެ ސަޕޯޓެއް -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަންނަ އަންގާރަ ދުވަހަކީ އަނެއްކާވެސް ދިވެހި ފުޓްބޯޅައަށް ވަރަށް ޚާއްސަ ދުވަހެކެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު، އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ފަށާ ދަތުރުގެ ފުރަތަމަ މަންޒިލަކަށް ވާނީ ފަލަސްތީނެވެ. އެ ދަތުރަށް ގައުމީ ޓީމު ފުރަތަމަ ވެސް ފައްޓާނީ، ދިވެހީންގެ ފުޓްބޯޅައިގެ އެންމެ ގިނަ ހަނދާންތަކެއް އެކުލެވިގެންވާ ގަލޮޅު ފުޓްބޯޅަ ދަނޑު ނުވަތަ މިހާރުގެ ނަމުން ނަމަ ގައުމީ ފުޓްބޯޅަ ދަނޑުންނެވެ.

ދިވެހީންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި ގައުމީ ފުޓްބޯޅަ ޓީމު ވަނީ މިހާރު ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މާރިޗް 28 ވަނަ ދުވަހު ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ދިވެހި ކުޅުންތެރީންގެ ޒުވާން ލަޝްކަރެއް ނުކުންނައިރު، އެ ފަހުލަވާނުންގެ ވަރަށް ބޮޑު އެދުމެއް އެބައޮތެވެ. އެއީ، އެ ލަޝްކަރުގެ 12 ވަނަ ކުޅުންތެރިޔާ، ނުވަތަ ލަޝްކަރަށް ހިތްވަރުދޭން ތިބި ސަޕޯޓަރުންގެ ފަރާތުން އެދޭ އެދުމެވެ.

ގައުމީ ޓީމުގެ ހުނަރުވެރި، ޒުވާން ކުޅުންތެރީން ވަނީ ސަޕޯޓަރުންގެ ކިބައިން އެ ކުޅުންތެރީން ބޭނުންވާ ކަންތައް ސަން ސްޕޯޓްސްއާ ހިއްސާކޮށްފައެވެ.

މެޗެއްގައި ނަތީޖާ ނެރުމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ޑިޕާޓްމަންޓަކީ ފޯވާޑް ލައިނަށް ވާނެއެވެ. ގައުމީ ޓީމުގެ ހުނަރުވެރި އަދި ތަޖުރިބާކާރު ފޯވާޑް އަސަދުﷲ "އަސައްކޮ" އަބްދުﷲ ބުނީ، ގައުމު ފަޚްރުވެރިކޮށްދިނުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް ކުޅުންތެރީން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

"ފަލަސްތީނު މެޗަށް ނުކުންނަ އިރު، ކުޅުންތެރީން މިތިބީ ހަމަ ޓީމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ގައުމަށް ރީތި ނަން ހޯދައިދިނުމަށް މެޗު ކާމިޔާބުކުރާން. އަޅުގަނޑުމެންނަށް ހިތްވަރުދިނުމަށްޓަކައި ދަނޑުފުރާ ސަޕޯޓަރުން އައިސް ސަޕޯޓުކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" އަސައްކޮ ބުންޏެވެ.

ޑިސެމްބަރު، 24، 2015: އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި ސާފް ސުޒުކީ ކަޕުގައި ބޫޓާނާ ދެކޮޅަށް ދިވެހި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ޓީމުގައި މިވަގުތު ހުރި އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިޔަކީ މިޑްފީލްޑަރު މުޙައްމަދު އުމައިރުއެވެ. އޭނާ ވެސް ހުރީ މެދުތެރޭން އެދޭ ސަޅި ޕާސްތަކާއެކު ކުރިއަށް ކުޅޭ ކުޅުންތެރީންނަށް އޭނާގެ ފަރާތުން ދެވޭނޭ ހުރިހާ ސަޕޯޓެއް ދީގެން ގައުމަށް ރީތި ނަން ހޯދައިދޭން ވަރުގަދަ އަޒުމެއްގައެވެ. އެހެން ނަމަވެސް 12 ވަނަ ކުޅުންތެރިޔާގެ އެހީ އުމައިރުވެސް ވަރަށް ބޮޑަށް ބޭނުމެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުރިހާ ކުޅުންތެރީންވެސް މަސައްކަތް ކުރާނަނަށް ގައުމަށް ރީތި ނަން ހޯދައިދޭން. ދެން ހަމަ ދިވަހި ސަޕޯޓަރުންނަށް ބުނެލާނީ، ހަމަ ކުރިއެކޭވެސް އެއްގޮތަށް ދިވެހި ޓީމަށް ސަޕޯޓު ދެއްވާށޭ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ހުރިހާ ކުޅުންތެރީންވެސް މަސައްކަތް ކުރާނަމޭ ގައުމަށް ރީތި ނަން ހޯދައިދޭން. އެ އަޒުމުގައޭ އަޅުގަނޑުމެން މި ތިބީ،" މުހައްމަދު އުމައިރު ބުންޏެވެ.

ޑިސެމްބަރ 31، 2015: ސާފް ސުޒުކީ ކަޕް ސެމީ ފައިނަލްގައި ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގައި ދިވެހގި ސަޕޯޓަރުން ގައުމީ ޓީމަށް ސަޕޯޓް ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކުޅުންތެރިއެއްގެ ހިތްގައިމު ކުޅުން ދެކިލާންވެސް ގިނަބަޔަކު ދަނޑަށް ވަންނަ، އިސްމާއީލް "މެސީ" އީސާ ވެސް ބުނަނީ، ރަނގަޅު ކާމިޔާބީއެއް ހޯދުމުގައި ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

"އަޅުގަނޑު ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ، ގަލޮޅު ދަނޑަށް އައިސް ސަޕޯޓު ކޮށްދެއްވާށޭ އަޅުގަނޑުމެންނަށް. އިރާދަކުރެއްވިއްޔާ، ރަނގަޅު ކާމިޔާބަކަށް ޓީމު މަސައްކަތް ކޮށްދޭނަމޭ،" މެސީ ބުންޏެވެ.

ދެންއޮތީ، ދިފާއީ ބާރުގެ ވާހަކައެވެ. މިފަހަރު ގައުމީ ޓީމުގެ ޑިފެންސް ލައިން ބެލެހެއްޓުމުގައި މުޅިން އަލަށް އަވަދި ނެތި ހަރަކާތްތެރިވާނޭ އެއް ކުޅުންތެރިއަކީ ޓީސީ ސްޕޯޓްސްއަށް، ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އައްޒާމް މުޙައްމަދެވެ.

"ކުޅުންތެރީން ވަރަށް ބޮޑަށް ތައްޔާރުވަމުން މިދަނީ. ދެން ސަޕޯޓަރުންގެ ކިބައިން ވަރަށް ބޮޑަށް އެދެން ސަޕޯޓުކޮށްދެއްވަން ވަޑައިގެން ދެއްވުމަށް. ދެން ދިވެހި ޓީމާއެކު ތިބުމަށް ފަހު ވަގުތާ ޖެހެންދެންވެސް. އަދި ބަލިވިޔަސް މޮޅުވިޔަސް ކޮންމެ ނަތީޖާއެއް ނުކުތަސް. ސަޕޯޓަރުން ޓީމާއެކު ތިބުމަށް ބޭނުންވަނީ." ފަލަސްތީނާ ދެކޮޅަށް ނުކުންނަ މެޗަށް ދިވެހި ސަޕޯޓަރުންގެ މުހިއްމުކަން ފާހަގަކުރަމުން އައްޒާމް ބުންޏެވެ.

ސެޕްޓެމްބަރ 6، 2016: އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގައި ދިވެހި ސަޕޯޓަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންގާޅުގައި ނިމިގެން ދިޔަ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުން ޓީސީއަށް ރަންމެޑަލް ހޯދައި ދިނުމުގަައި އެ ކުޅުންތެރިއެއްގެ ހިއްސާ އެންމެ ބޮޑު އެއް ކުޅުންތެރިއަކީ، މިނިވަން ޗެމްޕިއަންޝިޕް 2015 ފުޓްބޯޅަ މުބާރާތް އައްޑޫ ސިޓީގެ ފޭދޫ ޓީމަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އައްޑޫގެ ޒުވާން ފޯވާޑް އިބްރާހީމް "ފޭދޫ އިއްބެ" މަހުދީއެވެ. އިއްބެ ބުނީ، ޓީމު ހެސްކިޔާފަ ރެޑީ ވެފަ އޮތް ނަމަވެސް ޓީމުގެ 12 ވަނަ މެމްބަރެއްގެ ގޮތަށް ސަޕޯޓަރުން ދަނޑަށް އައުމަކީ އޭނާގެވެސް އެންމެ ބޮޑު އެދުން ކަމަށެވެ.

"ހުރިހާ އެންމެންނާސް މެޗާ ބަލާއު އޭހެތި. ޓީމު އޮތީ ވަރަށް ރަނގަޅަށް ރެޑީ ވެފައި. ޓީމުގެ 12 ވަނަ ސަޕޯޓަރުގެ ގޮތަށް މިތާށް އެންމެން އާސްދިނުމަކީ މަގޭ ވަރަށް ބޮނޑަ އެދުމަކި. އެހެންމެއި އެންމެންނަސް އޭހެތި،" މިފަހަރު މުޅިން އަލަށް ގައުމީ ޓީމުގެ ތަޖްރިބާ ކުރާނޭ އިއްބެ ބުންޏެވެ.

އޮގަސްޓް 29، 2016؛ ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމް ބައްދަލު ކުރި މެޗުގައި ގައުމީ ޓީމުގެ ސަޕޯޓަރުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު އީގަލްސްގެ މެދުތެރޭން މިއަަހަރު މުޅިން އަލަށް ފެންނަ ރިހާމް "ބޮބީ" އަބްދުލް ޣަނީ އަކީ ވެސް މިފަހަރު ގައުމީ ޓީމުން އަލަށް ފެނިގެންދާނޭ މޫނެކެވެ. މި ހުނަރުވެރި ޒުވާން ކުޅުންތެރިޔާވެސް ބައިނަލްއަގްވާމީ ފުރަތަމަ ތަޖްރިބާއަށް ތައްޔާރުވަމުން ދާއިރު، ގައުމަށް ފަޚުރުވެރި ނަމެއް ހޯދައި ދިނުމަށް އޭނާގެ ޓީމާ ގުޅުމަށް ގޮވައިލީ 12 ވަނަ ކުޅުންތެރިޔާއަށެވެ.

"ޓީމުގެ ހުރިހާ އެންމެންގެ ވެސް އުންމީދަކީ، ސަޕޯޓަރުން ދަނޑަށް އައިސް، ޓީމަށް އެއްކޮށް ހަމަ ހިތްވަރު ލައިދީ، ސަޕޯޓްކޮށްދިނުން. ޓީމު މިއޮތީ ހަމަ 100 ޕަސެންޓް ތައްޔާރުވެފައި. އެނެްމެންގެ ވެސް އުންމީދަކީ ހަމަ ފަލަސްތީނު މެޗު ކާމިޔާބުކުރުން،" ސަޕޯޓަރުންގެ މުހިއްމުކަން ހާމަކުރަމުން ބޮބީ ބުންނެވެ.

ގައުމީ ޓީމުގެ އަރިމަތިންނާއި މެދުތެރޭން މޮޅު ކުޅުމެއް ދައްކަމުންދާ، ފޯވާޑް އަލީ "ސެންޓޭ" ފާސިރު ވެސް ހުރީ ފަލަސްތީނު މެޗަށް ކެތްމަދުވެފައެވެ. މީގެ ކުރީން ފަލަސްތީނާ ދެކޮޅަށް ކުޅުމުގެ ތަޖްރިބާ ހާސިލްކޮށްފައިވާ ސެންޓޭ ބުނީ ސަޕޯޓަރުން 90 މިނިޓްވަންދެން ހިތްވަރު ދީފިނަމަ އިރާދަކުރެއްވިޔާ ދަނޑުން ފައިބާނީ މޮޅުވެގެން ކަމަށެވެ.

"ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ މި މެޗަށް. ދެން ހަމައެކަނި ޔަންގު ޕްލޭޔަރުން ތިއްބަސް ވާހަކައަކީ ރަނގަޅު ފައިޓެއް ދެވޭނެ ހަމަ. ސަޕޯޓަރުންނަށް ބުނެލާން އޮތީ، ސަޕޯޓަރުން ދަނޑަށް އައިސް ހަމަ ފޯރިގަ ޓީމަށް 90 މިނިޓް ވަންދެން ރަނގަޅަށް ސަޕޯޓް ދޭށޭ. މޮޅުވެގެންނޭ އިރާދަކުރެއްވިއްޔާ ފައިބާނީ،" ސެންޓޭ ބުންޏެވެ.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގައި ސެންޓޭ ބޯޅަ ފޮނުވާލަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

މިފަހަކަށް އައިސް ގައުމީ ޓީމުގެ ފޯވާޑު ލައިނުން ފެނިގެންދާ އެންމެ ހަލުއި، އަދި އިދިކޮޅު ޓީމުތަކަށް ނުރައްކާ ކުރާ އެއް ކުޅުންތެރިއަކީ ނިއުގެ ޒުވާން ފޯވާޑް ހަމްޒާ "ހަމްޕު" މުޙައްމަދު އެވެ. ރާއްޖޭގެ ގައުމީ ޓީމާއެކު އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުޅުނު ހަމްޕުގެ ވިސްނުން ހުރީ، ހަމައެކަނި ކޮލިފައި ވުމަކަށް ވެސް ނޫނެވެ. އޭގެ އިތުރުން ގްރޫޕް ސްޓޭޖް ފަހަނައަޅައި އޭޝިއަން ކަޕްގައި ވާދަކުރުމަކީވެސް ހަމްޕު ދެކޭ ހުވަފެނެކެވެ. އެހެން ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށް، ގައުމީ ސަޕޯޓަރުންނަކީ ހަމްޕުއަށް ވެސް ވަރަށް މުހިއްމު ބައެކެވެ.

"ޓީމު މިއޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އޭޝިއަން ކަޕަށް ކޮލިފައިވާން. ދެން ހަމަ ގައިމުވެސް މިހާރު ބޭނުންވަނީ ސަޕޯޓަރުންގެ އެހީ. ސަޕޯޓަރުންގެ އެހީއާއެކު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގްރޫޕް ސްޓޭޖް ފަހަނައަޅައި ދާނަން،" ހަމްޕު ބުންޏެވެ.

މިއީ މިމަހުގެ 28 ވަނަ ދުވަހު އަމިއްލަ ފަސްގަނޑުގައި ފަލަސްތީނާ ދެކޮޅަށް ގައުމީ ޓީމު ނުކުންނައިރު ޓީމުގެ ކުޅުންތެރީންގެ ރޫހު ހުރިގޮތެވެ. 12 ވަނަ ކުޅުންތެރިޔާގެ މުހިއްމުކަން ހަމަ އެއިން ކޮންމެ ކުޅުންތެރިއަކުވެސް ފާހަގަކުރަނީ، އެންމެ މަތީ ދަރަޖައަށެވެ.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މީގެ ކުރީން ފަލަސްތީނާ ދެކޮޅަށް ދެފަހަރެއްގެ މަތީން ރާއްޖެ ވަނީ ވާދަކޮށްފައެވެ. އެގޮތުން ފުރަތަމަ ފަހަރު، ނޭޕާލްގައި އޮތް 2012 ވަނަ އަހަރުގެ ޗެލެންޖް ކަޕްގައި ފަލަސްތީނު އަތުން ރާއްޖެ ވަނީ 2-0 ލަނޑުން ބަލިވެފައެވެ. އަދި އޭގެ ފަހުން ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ޗެލެންޖު ކަޕްގައި މި ދެޓީމު ވާދަކުރި މެޗު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުވަދެ އެއްވަރުވެގެންނެވެ.

ޔޫއޭއީގައި 2019 ވަނަ އަހަރު ބާއްވާ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައި ވުމަށް ރާއްޖެ ފަށާ ދަތުރުގައި، ފަލަސްތީނުގެ އިތުރުން އޮމާން އަދި ބޫޓާނާ ވެސް ވާދަކުރާނެއެވެ. އެހެން ނަމަވެސް، ފުރަތަމަ އޮތީ ފުރަތަމަ މަންޒިލެވެ. އެއީ ފަލަސްތީނު މެޗެވެ. މި މެޗަށް ގައުމީ ޓީމާއި ކުޅުންތެރީންނާއި ކޯޗުންވެސް ފުރިހަމައަށް ތައްޔާރުވެފައި ވާއިރު އެ ހުރިހާފަރާތެއްގެ ވެސް އެދުމަކީ، ސަޕޯޓަރުން ދަނޑަށް ވަދެ، މުޅި ދަނޑު ރަތްކޮށްލުމެވެ. ސަޕޯޓަރުންގެ ހިތްވަރު ދިނުމާއެކު މާތްﷲގެ އިރާދަފުޅުން މި ފަހަރު ފަލަސްތީނު އަތުން މޮޅުވުމަކީ ހުރިހާ ކުޅުންތެރީންގެވެސް އަޒުމެވެ.

comment ކޮމެންޓް