ރެއާލުން އެމްބާޕޭ ފެނިދާނެކަމުގެ އިޝާރާތެއް

މޮނާކޯގެ ހުނަރުވެރި ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭ --- ފޮޓޯ/ އޭޕީ

އަންނަ ސީޒަނުގައި ރެއާލް މެޑްރިޑުން މޮނާކޯގެ ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭ ފެނިދާނެ ކަމުގެ އިޝާރާތެއް ރެއާލްގެ ރައީސް ފްލޮންރެންޓީނޯ ފެރޭޒް ކޮށްފިއެވެ.

އުމުރުން 18 އަހަރުގެ ފޯވަޑަކީ މޮނާކޯގައި މިވަގުތު ހިމެނޭ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ފްރާންސް ލީގުގެ އެއްވަނަ މަގާމު މޮނާކޯއަށް ހޯދައިދީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް މޮނާކޯ ގެންގޮސްދިނުމަށް އެމްބާޕާބޭގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

މޮނާކޯގައި އެމްބާޕޭ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ފުރަތަމަ ފަހަރަށް ފްރާންސް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ދިންއިރު، ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކުން އޭނާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމުގެ ހަބަރުތަކެއް ވެސް ވަނީ ދެކެވިފައެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ޗެމްޕިއަން ރެއާލް ފާހަގަކޮށްލެވެއެވެ.

"ކަރިމް ބެންޒެމާއާއި އެމްބާޕޭ އެކުގައި ކުޅޭތަން ފެނިދާނެ. ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް. އެކަމަކު މި ސީޒަނުގައި އެވާހަކަތައް ދައްކާކަށް އަހަރެން ބޭނުމެއް ނޫން،" ރެއާލްގެ ރައީސް ޕެރޭޒް ބުންޏެވެ.

މި ސީޒަނުގައި ފްރާންސް ފޯވަޑް ބެންޒެމާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވި ނަމަވެސް، ކުރިއަށްއޮތް ސީޒަނުގައި ވެސް ރެއާލަށް އޭނާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ޕެރޭޒް ބުނެފައިވެއެވެ. މިސީޒަނުގެ ސްޕެނިޝް ލަލީގާގައި ބެންޒެމާއަށް ކާމިޔާބުކުރެވިފައިވަނީ އަށް ލަނޑެވެ.

"ބެންޒެމާއަކީ ދުނިޔޭގެ އެންމެ މޮޅު ސްޓްރައިކަރު. އޭނާ މި ކްލަބުގައި މަޑުކުރާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. އެކަމަކު އޭނާގެ ކޮންޓްރެކްޓް އާކުރުމާ ބެހޭގޮތުން އަދި މަޝްވަރާއެއް ނުކުރެވޭ. އަހަރެން ނިންމުމެއް ނިންމާނަމަ، މި ކްލަބުގައި ބެންޒެމާގެ ފުޓްބޯޅަ ކެރިޔަރު ނިންމާލަންދެން ބަހައްޓާނަން،" އޭނާ ބުންޏެވެ.

އިންޓަނޭޝަނަލް ބްރޭކަށް ލަލީގާ މެދުކަނޑާލިއިރު، ރެއާލް އޮތީ ތާވަލުގެ އެއްވަނައިގައެވެ. ފައިދާ އެއް މެޗު އޮތް ރެއާލްއާއި ބާސާއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.

comment ކޮމެންޓް