ރޯގާއާ ގުޅިގެން ކަންމަތީ ފިހާރަތަކަށް ފަޅުކަން!

މާލޭގެ ފިހާރައެއްގައި މީހުން ވިޔަފާރިކުރުމުގައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގައި ހަލުއިކަމާއެކު ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން ވައިރަސް ފެތުރެން ފެށުމާ ގުޅިގެން، ބަލީގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ސިއްހަތާ ބެހޭ އިދާރާތަކުން އާންމުންނަށް ދިން އެންމެ މުހިންމު އިރުޝާދަކީ ބޭރުތެރެއަށް ނުކުމެ ނޫޅުމެވެ.

އެޗްވަންއެންވަން ވައިރަސް ރާއްޖެއިން ފެންނަމުންދާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުންނަށް އެންގީ މާޗު 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައެވެ. އެއާ އެކު ގިނަ ބަޔަކު ސިއްހީ ގޮތުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަންފެށިއެވެ.

ވައިރަހުގެ ޚަބަރާ އެކު ފަޅުވީ މަގުތަކާއި ޕާކުތައް އެކަންޏެއް ނޫނެވެ. މާލޭގެ ގިނަ ފިހާރަތައްވެސް ވީ ފަޅެވެ.

"ސަން"އިން ސުވާލުކުރި ގިނަ ފިހާރަތަކުން ބުނި ގޮތުގައި، މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އެ ފިހާރަތަކަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.

ނަމަވެސް ކަސްޓަމަރުން އަންނަ ފަހަރުތަކުގައި ވަރަށް ގިނައިން ތަކެތި ގަންނަ ކަމަށް މާލޭގައި ފިހާރައެއް ހިންގާ ފަރާތަކުން ބުންޏެވެ.

އެއްޗެހި ގަނެގެން ބަޔަކު ދަނީ: ސަން ފޮޓޯ--މުހައްމަދު އަފްރާހް

"މިދިޔަ ދުވަސްކޮޅު އެހާ ގިނައިން މީހުންނެއް ނާދޭ. އެކަމަކު ފިހާރައަށް އަންނަ ފަހަރު ގިނައިން އެއްޗެހި ގަނެގެން ދަނީ. މަދުން ނަމަވެސް ނުކުމެވޭ ފަހަރުގައިތާ އެއްޗެހި ގަނެވޭނީ،" ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

ގިނަ ފިހާރަތަކުން ބުނާ ގޮތުގައި، މިދިޔަ ދެ ހަފްތާ ތެރޭގައި، ހޭންޑް ސެނިޓައިޒާ އަދި ސައިބޯނި ފަދަ ތަކެތި، ކުރިން މީހުން ނުގަންނަ ވަރަށް ގަނެފައިވެއެވެ.

އެޗްވަންއެންވަން ވައިރަސް ފެތުރެން ފެށުމާ އެކު، ސިއްހީ އިދާރާތަކުން ދިން ލަފާތަކުގެ ތެރޭގައި ސާފުތާހިރުވުމާއި، ގިނަގިނައިން އަތް ދޮވުމާއި، ހޭންޑް ސެނިޓައިޒަރ ފަދަ ތަކެތި ބޭނުންކުރުން ހިމެނެއެވެ.

މައްޗަންގޯޅީގައި ހުންނަ، ގިނަ ބަޔަކު އާންމުކޮށް ވިޔަފާރިކުރާ ފިހާރައަކުން ބުނި ގޮތުގައި، މިދިޔަ ދެ ހަފްތާ ތެރޭގައި އެ ފިހާރައިގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

"މިދުވަސްވަރު 6،000 ރުފިޔާގެ ސޭލްސްވެސް ނުލިބޭ. މީހުން އަންނަ ވަރު މަދީ ހަމަ،"

މާލޭގައި ފިހާރައެއް -- ސަން ފޮޓޯ: އަހްމަދު އާޒިފް

ގަލޮޅުގައި ހުރި ފިހާރައެއްގެ ސޭޓަކު ބުނި ގޮތުގައި، އެ ފިހާރައަށް އަންނަ މީހުން މަދުވަނީ މިހަފްތާގައި ސްކޫލްތައް ބަންދުވެފައި އޮތުމުންނެވެ.

"އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވާނެ އެއްނު. އެހެންވީމަ ފިހާރައަށް އަންނަ މީހުން އަނެއްކާވެސް ގިނަވާނެހެން ހީވޭ ވަރަށް،" އޭނާ ބުންޏެވެ.

މިހިނގާ ހަފްތާއަކީ ސްކޫލްތަކުގެ މިޑްޓާމް ހޮލިޑޭއަށް ވީ އިރު، ސްވައިން ފްލޫގެ ނުރައްކަލާ ހެދި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތައް ތަންކޮޅެއް ކުރިން ބަންދުކޮށްފައެވެ. މިޑްޓާމް ހޮލިޑޭގެ ނިމުން މިހާރު ގާތްވެފައިވާ އިރު، ކުރިންވެސް ރާވާފައިވާ ގޮތަށް މާޗު 26 ވާ އާދީއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާނެއެވެ.

comment ކޮމެންޓް