އަހަރެންގެ ހިތް އަނބުރާދީ

"ބައްޕަ ދުވަހަކު މިގަޑި ނުނަގަން ޕްރޮމިސްކޮށްބަލަ ޕްލީޒް....." އަޒަލް އެދުނެވެ.

"ވަޓް؟ " ހައިކަލް އިތުރަށް ހައިރާންވިއެވެ.

"ހެހެ........ބައްޕާ. ހާދަ ވަރަކަށޭ ކަންބޮޑުވީ. ދެންމެ މިވާހަކަ ކިޔާފައި މަންމަމަތިން ހަދާންވެ ހަމަ ރޮވުނުތަނާ ބައްޕަ ފެނުމުން އިމޯޝަނަލް ވެވުނީ......." އަޒަލް ހީގަންނަމުން ހަގީގަތް ފޮރުވަން މަސައްކަތްކުރިއެވެ. އަޒަލްއަށް މިހާރު އޭނަގެ އާއިލާގެ އެންމެންހެން ވަކިކުރާނެ ކޮންމެވެސް ކަމެއް ފާހަގަވެއްޖެއެވެ. އާޒީންގެ ބުޅި ދިގު އިސްތަށިގަނޑެވެ. މާއިޒްގެ އަތުގައި އޮންނަ ފަށެވެ. ބައްޕަގެ ގަޑިއެވެ. އަދި މާމަގެ އިނގިލީގައި އޮންނަ ރޫބީ އަނގޮޓިއާއި ބޮޑުދައިތަގެ ގަހަނާތަކާއި ސެންޓްވަހުން ދެނެގަނެވޭނެއެވެ. ކާފަގެ ނިތްކުރީގައި ހުންނަ ކަޅުތިލައެވެ. އޭރު ހައިކަލް ވިސްނަމުން ދިޔައީ އަޒަލްމެންގެ ކައިރީގައި މަންމައަކު ގެނެސްދޭނެވާހަކަ ބުނާނެ ގޮތަކާއިމެދުގައެވެ. އަޒަލް މަންމަމަތިން ހަދާންވާ ވާހަކަވެސް އެބުނީއެވެ. އެކަމަކު ދޮންމަންމައެއް ގެންނަން އެއްބަސްވާނީ ކޮންކުއްޖެއްހެއްޔެވެ؟ ނަމަވެސް ކައިވެނީގެ ކުރިން އޭނަ އެންމެ ފުރަތަމަވެސް އޭނަގެ ކުދިންގެ ޚިޔާލު ހޯދަން ބޭނުމެވެ.

އަނދިރި ބެލްކަންޏަށް ހަނދުވަރުގެ އަލިކަން ވެރިވެފައިވާއިރު ވަރަށް ހިތްގައިމެވެ. އެހިސާބުގައިވާ ގަސްތަކުގެ ފަތްތަކަށްވެސް ހަނދުގެ އަލި އެޅި ވިދުމެއްހުއްޓެވެ. ގަސްތަކުގެ ގޮފިތައް ހެލިލާއިރު ސިއްރުތައް ބުނަމުންދާފަދައެވެ. ދޭތެރެއަކުން ދުރުން އިވިލާ އުޅަދުތަކުގެ އަޑުން ހިމޭންކަން ފުނޑުކޮށްލާފަހަރު އައެވެ. ހައިކަލް މި އެކަނިވެރިކަމުން ހިތްހަމަޖައްސާލަން ސޯފާގައި ޖައްސާލުމާއިއެކު އަނެއްކާވެސް ވިސްނުން ހުއްޓުނީ އިސްމާއީލްގެ ދަރިފުޅާއިމެދުގައެވެ. ސިފަ އެހާ ރީތިނުވިޔަސް ދީނީ އަންހެނެކެވެ. ހުރިހާ އަޅުކަންތައް ބަރާބަރަށް ކުރަންޏާ ކުދިންނަށްވެސް އޭގެ ރަގަޅު އަސަރުކޮށްފާނެއެވެ. ހުޅަގުގެ އަވައިގާ ޖެހިފައިވާ ވަރުން މާއިޒްމެންވެސް ދީނީ ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ގުރުއާން ކިޔަވާ ރޯދަހިފުންފަދަ ކަންތައްތަކަކީ އެކުދިންނަށް އެއްވެސް މުހިއްމުކަމަކަށް ނުވެއެވެ. މަންމަމެންވެސް ބާރުއަޅަނީ އެކަނި ނަމާދުކުރުމަށެވެ. ނަމާދުވެސް އޭގެ ފުރިހަމަގޮތުގައި ކުރެވޭކަމެއް ހައިކަލްއަކަށްވެސް ނޭގެއެވެ. މިވީހާތަނަށް ދީނާއިމެދު ފިކުރު ހިންގައިނުލާ ހައިކަލްއަށް ފުރަތަމަ ފަހަރަށް އެކަމާއި ވިސްނާލުން މަޖުބޫރުކުރުވީ އެނަން ނޭގޭ އަންހެންކުއްޖާއެވެ. ހަޔާތުގެ ބައިވެރިޔަކަށް މިފަހަރު ދީނީ އަންހެނަކު ހޮވުމުން ވާގޮތް ތަޖުރިބާކޮށްލާނީއެވެ.

"އޯ ގޯޑް ވައި މީ. ތަގުދީރުގައި މިހިނގާ ކަންތައްތަކަށް އިންސާނުންގެ އެއްވެސް ބާރެއް ނުފޯރާނެ. ޔަގީނުންވެސް މިހިތުގައި ގަދަކަމުން ލޯތްބެއް ނުއުފެއްދޭނެ. އިންސާނުންގެ ބާރުގައިވާ ކަމެއްނަމަ އަމިއްލައަށްވެސް ހިތަށް ލޯބި ދަސްކޮށްދެވިދާނެ. އެކަމަކު ހިތެއްގައި ލޯބި ލައްވަނީ އެހެން ފަރާތަކުން. ލޯތްބަކީ އަހަރެންގެ ނަސީބުގައި ނުވާކަމެއްކަން މިހާރު ޔަގީންކުރާ ހިސާބަށް ހިގައްޖެ. ވީއިރު މިއީ ފޭޓްގައި ހުރިގޮތްކަމަށް ނިންމާފައި އެ އަޅުވެރި އަންހެނާއާއި ކައިވެނިކުރާނީ. އޭނަގެ ބައްޕަބޭނުންވާ ގޮތަށް ކޮލެޖަށް ފޮނުވާފައި ދާން ބޭނުން ދުވަހަކުން ދާންދޫކޮށްލާނީ. އެހިސާބަށް ފަހަރެއްގައި މާޒްމެންނަށްވެސް ކޮންމެވެސް ފިލާވަޅެއް ލިބިދާނެ. އޭނަވެސް މިގެއަށް އަންނާނީ ކޮންމެވެސް ރީޒަންއެއް އޮތީމަ......" ހައިކަލް ހަށިފުރާ ނޭވާއެއްދޫކޮށްލާފައި ދެލޯ މަރައިލިއެވެ.

މާޒީގެ އެތައް ދުވަހެއް ސިކުނޑީގެ ލޯގަނޑުގައި ނިއުޅެމުންދިޔައީ ފިލްމެއްގެ މަންޒަރުހެންނެވެ. ފުހެވޭފަދަ ފިތެއް އިންނަމަ ފޮހެލަންޖެހޭނެ ބައިތައްވެސް ހަޔާތުގެ ދަތުރު ކުރިމަތިކުރުވިއެވެ. މަރުވެފައިވާ ދަރިފުޅުގެ ހަނދާންތައްވެސް ހިތް ރޮއްވައިލިއެވެ. ހަޔާތުގައި ހުރިހާ އެއްޗެއް ލިބިފައިމެ އޭނައަށްވަނީ އިޝްގީ ލޯތްބަކީ ކޯންޗެއްކަން އަދިވެސް ނޭގިފައެވެ. އެލޯބީގެ ފޮނިމީރުކަން ދުވަހަކު މިންވަރުކުރައްވާފައި ނެތްކަމުގައި މިރޭ ގަބޫލުކުރެވިއްޖެއެވެ. އިސްމާއީލްފަދަ މީހަކަށްޓަކާ މިއަދު އޭނަ ޖެހިފައިމިވަނީ ފައިސާގެ އެހީތެރިކަން އެހެން ގޮތަކަށް ވެދޭށެވެ. ފައިސާއާއި ހިމާޔަތްވެސްމެއެވެ. ކައިވެނީގެ ނަމުގައެވެ. މާއިޒް އަޒަލް އަދި އާޒީންއާއި ދޭތެރޭގައި ވިސްނަންވެސް އެބަޖެހެއެވެ. އެކުދިންގެ ރުހުމާއި ނުލައި އޭނައަށް އެފަދަ ބޮޑުފިޔަވަޅެއް ކުރިއަކަށް ނޭޅޭނެއެވެ. އަޒަލް އެގޮތަށް ރުއިމުންވެސް އޭނަގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.

އިސްމާއީލް ހޮސްޕިޓަލުގެ ލައުންޖްތެރެއަށް ނަޒަރު ހިންގައިލުމާއިއެކު މޫނު ނިވާކޮށްގެން ހުރި އަންހެންކުއްޖާ ފެނުނެވެ. އިސްމާއީލްގެ ހިތްވެސް އޭރު އާސްމާނުގައި އުދުހޭހެން ހީވިއެވެ. އޭނަ އަމިއްލަ އެދުމެއް ނެތި އެއް ޒަމާނެއްގައި ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދިންކަމުގެ ބަދަލުގައި މިއަދު މިލިބުނީ ހިތަށްވެސް ނާރާފަދަ ނިއުމަތެކެވެ. ހައިކަލްފަދަ މޮޅު ގަދަރުވެރި ފިރިހެނެއްގެ ކައިރީގައި ހުރެގެން އޭނަގެ ދަރިފުޅު ސަލްވާއަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެ އަބުރުވެރި ދިރިއުޅުމެއް ހޯދިދާނެއެވެ. އޭނަގެ ލޮލުގެ ނޫރުކަމުގައިވާ ދަރިފުޅަށް ދެދުނިޔެއިންވެސް ނަސީބު ދެއްވާށިއެވެ. ކިތަންމެ މުއްސަދިމީހެއްގެ އަންބަކަށްވިޔަސް އިސްމާއީލް އެމީހުންގެ އަތުން ބައިލާރި ހޯދާކަށްވެސް ނޭދެއެވެ.

ސަލްވާ އޭނަގެ ބައްޕައާއިއެކު ހިނގަމުންގޮސް ބީޗާއި ދިމާލަށް ނުކުތެވެ. ތަންކޮޅެއް އެކަހެރި ސަރަހައްދެއްގައި ދެބަފައިން މަޑުކޮށްލިއިރު ހޫނުގަދަކަމުން ޖެހޭ ވައިގާވެސް ދިލަ އާތްވެއްވެއެވެ. ހިތާހިތުން ޝަކުވާކުރެވުނީ މޫނު ނިވާކުރަންވީމައެވެ.

ސަލްވާގެ އުމުރުން ސޯޅައަހަރުވީއްސުރެން ފެށިގެން އޭނަ ކަޅުހެދުންލާން ފެށިކަމުގައި ވިޔަސް މޫނުބުރުގާ އަޅާކަށް ޚިޔާލެއް ނުކުރެއެވެ. ނަމަވެސް ބައްޕަ ކުއްލިއަކަށް އަމުރުކުރީ މޫނު ބުރުގާ އެޅުމަށެވެ. ބައްޕަގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން އޭނަ އެކަންވެސްކުރިއެވެ. އޭރު ސަލްވާއަށް ބައްޕަގެ ނިޔަތެއްނޭގެއެވެ. އޭނަގެ ރައްކާތެރިކަމާއިމެދު ބައްޕަ ވިސްނާވަރެއް ރޭކާނުލިއެވެ. މީހުންގެ ލޯތަކުން ސަލާމަތްކޮށްގެންގޮސް ވަފާތެރި އިތުބާރުހިފޭ މީހަކާއި ހަޔާތުގެ ލަގަން ހަވާލުކޮށްފައި ނޫނީ އޭނަގެ ލޮލަކަށް ނިންޖެއް ނާންނާނެކަމެއްވެސް ނޭގުނެވެ. އޭނަގެ ރީތިކަމުގެ ސަބަބުން މީހުންގެ ނުބައިކަމުގެ ޝިކާރައަކަށްވެގެން ހިނގައިދާނެކަމެއް ސަލްވާފަދަ ތަޖުރިބާއެއްނެތް ކުއްޖަކަށް އެނގޭނީވެސް ކިހިނެއްހެއްޔެވެ؟

"ދަރިފުޅާ. ބައްޕަ މިއައީ ދަރިފުޅުގެ ކައިވެނި ހަމަޖައްސާފައި. ސަލްވާގެ ވާން އުޅޭ ފިރިމީހާގެ އެބަތިބި ދަރިފުޅަށްވުރެ ބޮޑެތި ދަރިންވެސް. އެކަމަކު ބައްޕަ އެހާ އިތުބާރުކުރާ ވަފާތެރި މީހެއް ހަޔާތުގައި ދިމާވެފައެއްނެތް. އޭނަ ބައްޕަގެ ކައިރީ ވަޢުދުވި ދަރިފުޅަށް ކިޔަވާ މޮޅުމީހަކަށް ހަދާދޭނެކަމަށް. ރަގަޅަށް އުޅޭކުދިންނަށް ދެދުނިޔޭގެ ނަސީބު މިންވަރުކުރައްވާނެ. ބަސްއަހައްޗޭ. ރަގަޅަށް އުޅެއްޗޭ. ބައްޕަގެ މަޖުބޫރީ ސަލްވާއަށް ރަގަޅަށް އެނގޭނެ......" އިސްމާއީލް ފެންކަޅިވުމާއިއެކު ދެލޯ ފޮހެލުމުން ސަލްވާގެ ހިތަށް އަސަރުކުރިއެވެ. އޭނަ ހިމޭނުން ހުރެ ބައްޕަގެ ނަސޭހަތް އަޑުއެހިއެވެ. ވީއިރު އޭނަގެ ކައިވެނި މިކުރެވެނީ ބައްޕަގެ އުމުރުގެ މުސްކުޅިއަކާއެވެ. ހިތަށް ތީރުތަކެއް ހަރައިލެވުނުފަދަ ނުބައި އިހުސާސެއްކުރެވުނެވެ. އޭނަގެ ބައްޕަ އޭނަ ވައްޓާލަން މިއުޅެނީ ކޮންފަދަ ވަޅުގަނޑަކަށްހެއްޔެވެ؟ ދިރިހުއްޓާ ވަޅުލިނަމަވެސް ހިތަށް މާ ފަސޭހަވާނެއެވެ. ނަމަވެސް އޭނަ އަދި ކައިވެންޏެއް ކުރާކަށް ބޭނުމެއްނޫނެވެ.

އާޗީ ކޮމިކް އަދި ޓޮމްއެންޑް ޖެރީގެ ފޭނަކަށްވީއިރު ސަލްވާގެ ގިނަވަގުތު ހުސްކޮށްލާފައިވަނީ ދީނީ ފޮތްތަކަށާއި ގުރުއާނަށެވެ. އިސްލާމީވާހަކަތައް ކިޔާ ކިޔާ އޭނަގެ ހިތުގައި ދީނީ ލޯބި އުފެދިފައިވަނީ ވަރަށް ބޮޑަށެވެ. ބަލިވެ ތަންމަތީގައި އޮތަސް އެންމެ ފަރުޟުނަމާދެއް ދޫނުކުރާތާގައި ސުންނަތް ނަމާދުތައްވެސް ބަރާބަރަށް ކުރާތީ ހިތަށް ރޫހާނީހަމަޖެހުން ލިބިފައިވެއެވެ. ކޮންމެ ކަމަކަށް އޭނަ ބަރޯސާވެ އިތުބާރުކުރަނީ ހެއްދެވި ފަރާތަށެވެ. އެހާ ޅައިރު ބައްޕަގެ އުމުރުގެ މީހަކާއި އިންނަންވުމުން ހިތަށް ތަދުވެ ރޮވޭގޮތްވީއިރުވެސް އެކަމުގައި ހިކުމަތެއް އޮންނާނެކަމުގައި ހިތަށް ވިސްނާދިނެވެ. ބައްޕައަށްޓަކާ އޭނަ އެކަމާއި ދެކޮޅަށް ޗުއްޕުވެސް ބުނެނުލާ އެއްބަސްވުމުން އިސްމާއީލްއަށް ވަކިން ގަދަޔަށް ރޮވުނެވެ.

ކޮންފަދަ ބަސްއަހާ ރަގަޅުދަރިއެއް ހެއްޔެވެ؟ މާތް ﷲ އޭނައަށް ލެއްވި ރަހުމަތެކެވެ. އެތައް ވަރަކަށް ހެޔޮ ދުޢާކޮށްފައި އިސްމާއީލް އޭނަގެ ދަރިފުޅާއިއެކު ގެއާއި ދިމާލަށް މިސްރާބުޖެހިއިރު އަނދިރި ގޯޅިގަނޑެއްގެ ތެރޭގައި އިސްކޮޅުން ދިގު ޒުވާނަކު އެމަންޒަރު ދެކެން ހުއްޓެވެ. އެ ޒުވާނާ އޭނަ އެމީހުންގެ ފަސްފަހަތުން ހިނގައިގަތެވެ. އެއަންހެންކުއްޖާގެ އަޑު ކަންފަތުގައި ޖެހުމަށްފަހު ކުރެވުނު ޝައްކެއްގެ ބޮޑުކަމުން ޔަގީންކުރަން އޭނަ ބޭނުންވީއެވެ. އެއީ ހަމަ ސަލްވާހެއްޔެވެ؟ އެއަޑަކީ އޭނަގެ ހިތުދަސްވެފައިވާ ފޮނި އަޑެވެ. އެރާގެވެ. ހިނގުމުގައިވެސް އެ ފަރިގޮތެވެ. ކަޅުހެދުމުގައި ފޮރުވިގެން ހުއްޓަސް އޭނައަށް ފިލައިގެނެއް ނޫޅެވޭނެއެވެ. އަވިއައިނު އަޅައިގެން މޫނުފޮރުވޭފަދަ ތޮތްޕެއް އަޅައިގެން ހުރެ އޭނަ އެމީހުންނާއި ދޭތެރޭގައި ފުދޭވަރެއްގެ ދުރުމިނެއް ބެހެއްޓިއެވެ. އެދެބަފައިންގޮސް ވަންގޭގެ އެޑްރެސް ބަލައިލުމަށްފަހު އޭނަ ވަނީ އެމަގުގައި ހުރި ހޮޓަލަކަށެވެ.

ސަލްވާވެސް ހުރީ ޝައްކެއްގެ މަތީގައެވެ. އޭނައަށް ކޮންމެވެސް މީހަކު ފާރަލާހެން ހީވެގެން ފަހަތަށް އެނބުރި ބަލާވެސްލެވުނެވެ. ވަހުމެކޭ ހިތަށް އަރުވާފައި ހިތްހަމަޖައްސާލަން އުޅުނަސް އެކަމެއްނުވިއެވެ. ހިތަށް ބިރުވެރިކަމާއި އެކު ހިތްގެނބޭފަދަ އިހުސާސެއްކުރެވުނެވެ. އެކަނިވެރިވުމާއިއެކު އޭނަ މުސައްލާ ފަތުރާލައިގެން އުޅެގަތީ ނަމާދުކުރާށެވެ. ނަމާދުކޮށްގެން ދުޢާއަށް އަތް އުފުލާލައިގެން އިންއިރު އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައެވެ. ހުރިހާ ހިތާމަތަކެއް ފިއްލަވާ ސާބިތުކަން ދެއްވުމަށް އެދި ދެންނެވުމުން އޭނަގެ ހިތަށް ބަޔާންކުރަން ނޭގޭފަދަ ފިނިކަމެއްލިބުނެވެ.

އިސްމާއީލް ހައިކަލްއަށް ގުޅުމަށްފަހު ދެއްކި ވާހަކަތަކުން ހައިކަލްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އެހާވަރުން އިސްމާއީލް އެކައިވެނި ސިއްރުކުރަން ބޭނުންވަނީ ހަމައެކަނި އޭނަގެ އާއިލާގެ ފަރާތުން އެއަންހެންކުއްޖާ ސަލާމަތްކުރަން ބާވައެވެ. އެންމެ ކުޑަވެގެން މާލޭގައި އެކައިވެނި ކުރުވާކަށްވެސް ނޫޅުނެވެ. އިސްމާއީލްގެ އެދުމަކަށްވީ އިންޑިއާގައި އެ ކައިވެނިކުރުމެވެ. އޭނަ ދަންނަ އިންޑިއާ އެކުވެރިޔަކު ހުރީ އެމީހުން އެކޮޅަށްދާ ދުވަހަކުން އެކައިވެނިކުރުވާގޮތަށެވެ. އޭނަ ބުނާ އައިޑީއަކަށް ހައިކަލްގެ ޕާސްޕޯޓް ކޮޕީ މެއިލްކުރުމުން ހަމަޖެހިދާނެއެވެ. ހައިކަލްވެސް ވިސްނާލުމުން އެގޮތް މޮޅުކަމަށް ގަބޫލުކުރެވުނެވެ. މަންމަމެންގެ ހުއްދަ ހޯދައިގެން އެކައިވެނި ކުރުން މުސްތަހީލުކަމަކަށް ވާނެއެވެ. މައިންބަފައިންގެ ހަރުކަށިކަމާއި ގޮތްދޫނުކުރާ މިޒާޖު އަދި އިއްޒަތާއި ގަދަރަށް ބަލާވަރު އެންމެ ކައިރިން ދެކޭ މީހަކީ އޭނައެވެ. އަމިއްލައަށް އަންބަކު ހޮވަން ބުނާއިރުވެސް މަންމަމެންގެ ޝަރުތުތަކަށް ފެތެންވާނެއެވެ. އޭނަގެ މަންމައާއި ބައްޕަވެސް ފާޅުގައި އެކަމަށް އިންކާރުކޮށް އެކަން ހުއްޓުވަން މަޖުބޫރުކުރާނެކަމާއިމެދު ޝައްކެއްނެތެވެ. ވީއިރު އޭނަ މަންމަމެންނަށް އެ ޚަބަރުދޭނީ ކައިވެންޏަށް ފަހުއެވެ. ހައިކަލް އޭނަގެ ޕާސްޕޯޓްމެއިލްކުރިއެވެ. އިސްމާއީލްއާއި ދަރިފުޅު އިންޑިއާއަށްދާން ޓިކެޓް ނަގާދިނެވެ. ހުރުމާއި ކެއުމުގެ ޚަރަދުދިނެވެ. ގާޒީން ކައިވެނިކޮށްދޭން ނިންމާ ތާރީޚަކަށް އޭނަ އިންޑިއާއަށް ގޮސްފާނެއެވެ.

އޭނަގެ އެކުވެރިއަކަށް މިކައިވެނީގެ ޚަބަރު ލިބުނަސް ވަރަށް ޖެއްސުންކުރާނެއެވެ. މޮޔައީ ވަކިވަރަކަށްހެއްޔޭ އަހާނެއެވެ. މަޝްހޫރު ނިއުރޯސާޖަންއަކު ބޭނުން ކޮންމެ އަންހެންކުއްޖަކު ލިބެން ހުއްޓާ ލޮލުންވެސް ނުދެކޭ އަދި ނަންވެސް ނޭގޭ އަންހެންކުއްޖަކާއި ކައިވެނިކުރުމަކީ ވަރަށް ތާކުންތާކު ނުޖެހޭކަމެކެވެ. ނޫނެކެވެ. މިއީ ހަގީގީ ކައިވެންޏެއްނޫނެވެ. މިއީ މީހަކަށް ވެދޭ އިހުސާންތެރިކަމެކެވެ. ހައިކަލްގެ ޟަމީރު އޭނައަށް ހަދާންކޮށްލަދިނުމުން ހިތަށް ލުޔެއްލިބުނެވެ.

އާއިލާއާއި އެކުވެރިންނަށް ސިއްރުން ހަޔާތުގެ އެހާބޮޑު ފިޔަވަޅެއް އެޅުން ހައިކަލްއަށްވެސް އުދަގޫވިއެވެ. ނަމަވެސް އޭނަގެ ޟަމީރުބުނަނީ ތަފާތު ބަދަލެއްކަމަށެވެ. އެންމެނަށް އަގުހުރި ފިލާވަޅަކަށްވެސް ވެދާނެކަމުގައެވެ. އެހެންނޫނަސް އެ އަންހެންކުއްޖާ އަންނަނީ އަބަދަށްޓަކައެއްނޫނެވެ. އޭނަ ހަޔާތުގެ ބައިވެރިޔެއް ހޮވަންދެނެވެ. އެހާތަނާއި ޖެހެންދެން އޭނަ އިސްމާއީލްގެ ލޯބިވާ ދަރިފުޅަށް ހިމާޔަތްދޭނެއެވެ.

ސަލްވާ އިސްތިޚާރާ ނަމާދުކުރަން އިންއިރު އެމޫނުގައިވަނީ މޮޅިވެރިކަމެވެ. ކޯތާފަތްމަތިން ތިރިއަށް ދެމެމުންދާ ކަރުނަތައް ހުސްވުމެއްނެތެވެ. ބޮޑުކަމެއް ކުރިމަތިވުމުން އިސްތިޚާރާ ކުރުމުން އެމީހަކަށް އޭގެ ފައިދާ ލިބޭލެއް ވަރަށްބޮޑެވެ. އެމީހަކަށް ފައިދާ ހުރިކަމަކަށްވަންޏާ އެކަމެއް ހިންމަވާ ދެއްވާނެއެވެ. ކޮންމެވެސް ދުވަހަކުން ގެއްލުމެއްވާން ހުރިއްޔާ އެކަމުން ދުރުކުރައްވާނެއެވެ. ސަލްވާވެސް ދެމަގުން ޚިޔާރުކުރަންވީ މަގެއް ނިންމަވަން ހަވާލުކުރީ އޭނަ ހެއްދެވި ފަރާތާއެވެ. އެދެ ދުވަހު ސަލްވާ އެތައްފަހަރު އިސްތިޚާރާކުރިއެވެ. ދުޢާކުރިއެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ހޭދަވީ ތިންދުވަހަކީ ސަލްވާގެ ހަޔާތުގައި އައި އެންމެ ދިގު ތިންދުވަހެވެ. ހިތް ފިނިވެ ސިހެމުންދިޔައެވެ. މީހަކަށް ބޭވަފާތެރިވެވިއްޖެކަމުގައި ހިތްބުނަނީއެވެ. އެކަމަކު އޭނަ އަމިއްލަ ނަފުސަށްވެސް ބާރެއްނެތެވެ. ބައްޕަ ހުއްދަނުދިނުމުން އޭނަ ފަދަ ނިކަމެތި އަންހެންކުއްޖަކަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ ތެދުވެރި ވަފާތެރި މީހަކަށްވާން މަސައްކަތްކުރެވިއްޖެއެވެ. އެހާވަރުން އޭނަގެ ޕަރުވާނާއަކަށްވެގެން ވަށައިގެން އެނބުރުނު ޒުވާނަކަށް ކެހިނުދޭން އޭނައަށް ވެވޭނީ މިހާކަށްހާ ވަރެވެ. ދުޢާކުރީމަވެސް އެކައިވެނި ހުއްޓޭނެ ގޮތެއްނުވިއެވެ. އެއީ އޭނަގެ ތަގުދީރުގައި ލިޔުއްވާފައިވާ ގޮތެވެ. އޭނަ ގެ މޮޔަ ހިތަށް ވިސްނާދިނެވެ. އޭނަޖެހޭނީ މިންވަރަށް ރުހޭށެވެ.

ކައިވެނި ކުރެވުނު ދުވަހު ސަލްވާ ތައްޔާރުވެލީ އާދައިގެ ގޮތަކަށެވެ. ސަލްވާ އަތާއި ފައިގާ ހީނާފަތް އެޅުވިއެވެ. އިންޑިއާ އަންހެންކުދިން ކައިވެންޏަށް ޒީނަތްތެރިވާއިރު އެގޮތަށް ހީނާފަތްއެޅުމުން އޭނައަށް ވަރަށް ހިތްގައިމެވެ. އިންޑިއާގައި ކައިވެނިކުރަންޏާ އެފަދަ ކަމެއްކޮށްލިޔަސް އެންމެ ރަގަޅުތާއެވެ. އެދޮން އަތާއި ފައިގާ ރީތި ޑިޒައިންއަކުން ހީނާފަތް އެޅުމުން ފެންނަލެއް ރީތިކަމުން ސަލްވާގެ ހިތަށް ކުޑަ ކުޑަ ހަމަޖެހުމެއްލިބުނެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނަށް ދިޔައިރު އެތަނުގެ މޭޒުވަށައިގެން ފިރިހެނުންތަކެއް ތިބުމުން ސަލްވާ އިސްއުފުލައި ބަލާވެސް ނުލިއެވެ. އިރުކޮޅެއްފަހުން އެންމެންގެ ނަޒަރު ދޮރާއި ދިމާލަށް ހުއްޓުނެވެ. ބައްޕަ އެމީހެއްގެ އަތުގައި ހިފާ ސަލާމްކޮށްލީ އޭނަގެ ވާންއުޅޭ ފިރިމީހާކަމުގައި ހީކުރެވުނީ ރަގަޅަށެވެ. ބައްޕަ ތަޢާރަފުކޮށްދިނެވެ.

"ހައިކަލް. މިއީ އަޅުގަނޑުގެ އަންހެން ދަރިފުޅު ސަލްވާ....." ދެމީހުން އެކަކު އަނެކަކާއި ކައިރީގައި ތިބިއިރުވެސް ސަލްވާއަކަށް އިސްއުފުލާ އެމޫނަށް ބަލައިލަން ނުކުރެނުވެ. ހައިކަލްއަށްވެސް ވީ އެވަރެވެ. ނޫނީ އޭނަ އެކުއްޖާގެ ދެލޮލަށް ބަލައިލަންވެސް ބޭނުންނުވީއެވެ. އެއީ އޭނައަށް އެހާ މުހިއްމުކަމަކަށްނުވީއެވެ. ދެލޮލާއި އަތްވެސް ހާމަޔަށްހުރިއިރު އެދިމާލަށް ނަޒަރު ހިންގައިލާކަށް ނޫޅޫނެވެ. ހައިކަލް އެތަނަށް ވަނުމުން ފިރިހެން ސެންޓެއްގެ މީރުވަސް ސަލްވާގެ ނޭފަތުގައި ޖެހުނުގޮތަށް ހަރުލިއެވެ. ސިކުނޑި ތާޒާކުރުވާފަދަ ހިތްގައިމު ވަހެކެވެ.

"އައްސަލާމް އަލައިކުމް..." ސަލްވާ ސަލާމްގޮވައިލިއެވެ. ހައިކަލްއަށް ޖަވާބުދޭން އުދަގޫވީހެއްޔެވެ؟ ނޫނީ އަނގައިން ބުނަން ބޭނުންނުވީއެވެ. ނޫނީ އޭނަގެ އަޑު މަޑުކަމުން ފަހުމް ނުވީއެވެ. އެހިސާބުން ހައިކަލްވެސް ގާޒީންނާއި ސަލާމްކޮށްފައި ކައިވެނީގެ ރަސްމިއްޔާތުފެށުނެވެ. އެންމެންވެސް ހިމޭނުންތިބެ ޚުތުބާއަޑުއެހިއެވެ. ހައިކަލް އިސްޖަހާލައިގެން އިނީ ފުންވިސްނުމެއްގައެވެ.

ސަލްވާގެ އަތާއިފައި ގަނޑުފެންކޮޅަކަށްވެ ހިތް ތެޅިގަތްލެއް ބާރުކަމުން ފުންމާލަފާނެފަދައެވެ. އަތުތެރެ ހިކި މޫނަށް ހޫނުވެއްޖެއެވެ. ތަފާތު ވައްތަރުގެ ބިރުވެރި ޚިޔާލުތައް އޭނަގެ ސިކުނޑި ހަފުސްކުރަނީއެވެ. ނިތްކުރިން ފިނިދަލެއްހިއްލައިފިއެވެ. އޭނަ ހަމަ ކުއްލިއަކަށް މީހެއްގެ އަންބަކަށްވެއްޖެއެވެ. ނުވެސް ދަންނަމީހެއްގެއެވެ. މުސްކުޅި ފިރިހެނެއްގެއެވެ. މިއީ ކާކުކަމެއް ކޮންފަދަ މިޒާޖެއްގެ މީހެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ. ބިރުވެރިކަން ވަށާލާ މާބޮޑަށް ހާސްވާން ފެށުމުން އަނބުރައިނުގަތީވެސް ކިރިޔާއެވެ. ނަސީބަކުން ފަނަރަމިނިޓަށްފަހު ފޮނި ކާއެއްޗަކާއިއެކު އެ ރަސްމިއްޔާތު ނިމިގެން ގާޒީންވެސް ސަލާމްކޮށްފައި ނުކުންނާން ހިނގައިގަތެވެ. ސަލްވާވެސް އޭނަ އުޅެން ހަމަޖެހިފައިވާ ކޮޓަރިއަށްވަންގޮތަށް އެނދުގައި އިށީންއިރު ހިލައިގެ ބުދެކޭ އެއްވަރެވެ. ބައްޕަ އިރުކޮޅެއްފަހުން ކޮޓަރިއަށް ވަދެފާ ނަސޭހަތްދިނެވެ. ހައިކަލްއާއިއެކު އާ ހަޔާތެއް ފެށުމަށްފަހު ދެން ސަލްވާ އެގޭމީހުންނާއި ގުޅިގެން އުފަލުގައި ކޮލެޖް ނިންމަން ބައްޕަ އެދުނެވެ. ބައްޕަ އަމިއްލައަށް ނާންނަނީސް ބައްދަލުކުރަން ނޫޅެންވެސް ނަސޭހަތްތެރިވިއެވެ. ސަލްވާ ހުރީ ކަރުނަތައް ހިފަހައްޓާލައިގެންނެވެ.

ކައިވެންޏަށްފަހު މަޑުނުކޮށް ހައިކަލް ފުރީ އޭނަގެ ޑިއުޓީގެ ގޮތުން މަޑުވެވެން ނެތްކަމަށް އެދި މާފަށް އެދިފައެވެ. ސަލްވާ މާލެ އައުމުން ބަލާ އަންނާނެކަމުގައި ހައިކަލް ވައުދުވިއެވެ. އިސްމާއީލްއަށް ފަރުވާލެއްނެތެވެ. ކައިވެނީގެ ސެޓްފިކްޓްތައް ހަދާނިމެންދެން އެމީހުންނަށް އެކުވެރިޔާގެ ގޭގައި މަޑުކުރެވިދާނެއެވެ. ހަފްތާއެއްގެ ތެރޭގައި ސެޓްފިކެޓްތައް ހަވާލުކުރާނެކަމުގެ ޔަގީންކަން އިސްމާއީލްގެ އެކުވެރިޔާ ރިޒްވާންދިނެވެ.

ރޯޒްމެހެލްގެ ގޭޓުކައިރިއަށް ކާރު ހުއްޓައިލުމުން ޑްރައިވަރު އަވަސްވެގަތީ ޑިކީއިން ދަބަސް ނަގާދޭށެވެ. އޭނައަށް އެދަބަސްތައް ބަރުވެގެން ބައްޕަވެސް އެހީތެރިވެދިނެވެ.

"މިއީ ދެން ދަރިފުޅުގެ މަންޒިލް. ބައްޕަގެ ދުޢާއަކީ ދަރިފުޅު އުފަލުގައި ލެހެއްޓެވުން. މާތް ﷲ ދެރަގޮތެއް މެދުވެރިނުކުރައްވާނެ. ރަގަޅަށް އުޅެއްޗޭ. ފިރިމީހާގެ ހިތުން މަގާމެއް ހޯދުމަކީ ލިބޭނެ އެންމެ ބޮޑު އެއްނަސީބު. މިއޮތީ ބައްޕަގެ ފަރާތުން ދޭ ކުޑަހަދިޔާއެއް......" އިސްމާއީލް ފައްސަތޭކަ ރުފިޔާގެ ނޫޓްކޮޅެއް ސަލްވާގެ އަތަށް ލެއްވިއެވެ. އޭރު ހައިކަލް ގޭޓާއި އަރާހަމަވީއެވެ. އިސްމާއީލް ހައިކަލްއާއި ސަލާމްކޮށްލުމަށްފަހު އޭނަގެ ދަރިފުޅު ސަލާމަތުން ހައިކަލްއާއި ހަމަޔަށް ގެނެސްދެވުނުކަމަށްޓަކާ އުފާކުރަމުން އެދަރިފުޅު ރަގަޅަށް ބަލާދިނުމަށް އެދުނެވެ. ހައިކަލް ހިނިތުންވުމަކާއިއެކު ޔަގީންކަން ދިނެވެ. އޭރު ސަލްވާ ހުރީ ކަންބޮޑުވިގޮތަށް ބިމަށް ބަލަހައްޓައިގެންނެވެ. ހިރިލާންވެސް ނުކެރިފައެވެ.

"ވެލްކަމް ހޯމް...." ހައިކަލްގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމުން ސަލްވާގެ ހިތް ރޫރޫއަޅާކަހަލަ ގޮތެއްވިއެވެ. ހަތަރެސްފައި ފިނިވެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ހާސްކަމާއި ނުތަނަވަސްކަން އޭނަ ވަށާލާ ހިއްސުތައްވެސް ގަނޑުކޮށްލިހެން ހީވިއެވެ. އެއަޑުކަންފަތުގައި ޖެހުމުން މޫނަށް ބަލާނުލިޔަސް އެއީ ހައިކަލްކަން އޭނައަށް އެނގޭނެއެވެ. އެވަރުންވެސް ހައިކަލްގެ މޫނަށް ބަލައިލާނެ ހިތްވަރެއް ނުލިބުނެވެ. ހައިކަލް އެބަރު ދަބަސްތައް ދެއަތުން އުފުލައިލިތަން ފެނިފާ ސަލްވާ އެއްޗެކޭ ބުނަން އުޅުނެވެ. ފޮތްތައް ގިނަކަމުން ބަރުވާނެކަމުގެ އިންޒާރުދޭން ބޭނުންވިއެވެ. ނަމަވެސް ޖެހިލުންވިއެވެ. އަޖައިބުވީ އޭނަ ދާދި ފަސޭހައިން ދެއަތުން ދެ ދަބަސް ހިއްލާލިގޮތަށް ކުރިއަށް ހިނގައިގަތުމުންނެވެ. ވަރުގަދަ މުލައްދަނޑިއެއް ލިބިފައިވާ ފިރިހެނެކެވެ.

ސަލްވާ ގޭޓުން އެތެރެއަށް ފިޔަވަޅު އެޅީވެސް ބިސްމިކިޔާފައެވެ. ހެއްދެވިފަރާތް މަތިން ހަނދާންކޮށްފައެވެ. އޭނައަށް އަމާންކަމާއި ރައްކާތެރިކަން އެދި ދުޢާކޮށްފައެވެ. ވަށައިގެން ބަލައިލަން މަޖުބޫރުކުރީ މެދުގޯތީގެ ބޮޑުކަމާއި ފެހިކަން ގަދަ ގަސްތައް ފެނިފައެވެ. ފެހިދޫލައެއްފަދަ ވިނަގަނޑުވެސް އެއްވަރަކަށް ކޮށާލާފައިވާއިރު ހާދަ ހިތްގައިމެވެ.ފިލްމުތަކުން ފެންނަފަދަ މަންޒަރެކެވެ. ފައިދަށުގައިވެސް މިއޮތީ މަރުމަރުހިލައިގެ ތަޅުންގަނޑެއްހެއްޔެވެ؟ މަޑުމަޑުން ފިޔަވަޅުތައް ނެގިޔަސް ހިތް އަވަސްވެ މުޅިކުއްޖާ ހުރީ ފިނިވެފައެވެ.

މަރުމަރުހިލައިން ހަދާފައިވާ ފުޅާ ފަތްތަރުތައްވެސް އޮފްގަދަކަމާއިއެކު އިރުގެ ދަޅަ އެޅިގެން ޖަވާހިރުފަދައިން ވިދައެވެ. އެފަތްތަރުމަތީގައި ފައި އަޅަންވެސް ޖެހިލުންވިއެވެ. ހިރަފުސްކޮޅެއް ހޭކިދާނެތީއެވެ. ވަދެވުނީ ފުޅާ ފެންޑާއަކަށެވެ. އެތަނުގައިވާ މުށިތަކާއި މަތީގައި އެލުވާފައިވާ ވަށިތަކުގައިވެސް ދުވަހަކު ނުދެކޭ ޒާތުގެ ނާދިރު މާއަޅާފައެވެ. އެއްފަރާތުގައި ހުރި ގޮދަޑިޖެހި ދިގު ގޮޑީގައި ކުދި ބާލީސްތަކެވެ. ފުރިހަމަކަމުން ތަލިން ކުޅުހިކޭހާވެއެވެ. މުއްސަދިކަމުގެ ދެވަނައެއްނެތްފަދައެވެ. ހައިކަލްއަކީ ގަދަރުވެރިމީހެކޭ ބުންޏަސް އޭނަ ފަހަރެއްގައިވެސް މިފަދަ ހުވަފެނީތަނަކަށް އުއްމީދެއްނުކުރެއެވެ. ކުއްލިއަކަށް ހައިކަލް ކުޑަކޮށް އެނބުރުނެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން...." ހައިކަލް ގެ ޖުމްލައިން ސަލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. ހައިކަލް ބުނަން އުޅެނީ ކީކޭބާވައެވެ. ހިތް ކުރިއަށްވުރެ ބާރުވެލިއެވެ.

"ލައްބަ......" ސަލްވާ ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

(ނުނިމޭ)

comment ކޮމެންޓް