ލިލީ އިންޓަނޭޝަނަލް ޕަބްލިކް ކުންފުންޏަކާ ދިމާލަށް!

ލިލީ އިންޓަނޭޝަނަލް ގެ މެނޭޖިން ޑިރެކްޓަރު، އާމިރު މަންސޫރު -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖެއަށް އެތެރެކުރާ، ދިވެހިން އެންމެ ގިނައި ބޭނުން ކުރާ އެފް އެން ބީ ނުވަތަ ފުޑް އެންޑް ބެވަރޭޖެސް އެތެރެކުރާ އެންމެ ބޮޑު އެއް ކުންފުންޏަކީ ލިލީ އިންޓަނޭޝަނަލް އެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި ކަމުގައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ ވާދަ ކުރެވޭ ފެންވަރުގެ އެ ބިޔަ ކުންފުންޏަކީ ރާއްޖޭގެ ރީޓެއިލް އަދި ހޯލްސޭލް މާކެޓުގެ 60 ޕަސެންޓު ހިއްސާ ކުރާ ކުންފުންޏެވެ.

ލިލީ އިންޓަނޭޝަނަލް އަކީ ލިލީ ގްރޫޕުގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެކެވެ. ރާއްޖޭގައި ބޭނުން ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތަތަކީ އެ ކުންފުނިން އެތެރެކޮށް ހޯލްސޭލް ކުރާ ތަކެއްޗެވެ. އެގޮތުން ނެސްލޭ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެ ކުރާ ހޯލްސޭލް ޑިސްޓްރިބިއުޓަރަކީ ވެސް ހަމަ އެކުންފުންޏެވެ.

އުމުރުން އެންމެ 16 އަހަރު ވެފައިވާ އެ ކުންފުނީގެ އަޒުމަކީ މިހާރު ކުންފުނި އެހެން ހަރުފަތަކަށް ގެންދިއުމެވެ. އެއީ ދިވެހިންނަށް އެންމެ ފައިދާ ކުރާނެ ގޮތް ކަމަށް ފެންނާތީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު މިހާރު ބޭނުން ވަނީ ކުންފުންޏަކީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލު ކުރުމެވެ.

މިހަފްތާގެ ވީކެންޑު ކިއު އެންޑް އޭ ގައި މި ގެނެސްދެނީ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު "ސަން" އަށް ދެއްވި އިންޓަވިއު އެވެ.

ލީލީ އިންޓަނޭޝަނަލް އަކީ ކޮން މަގްސަދެއްގައި އުފެއްދި ކުންފުންޏެއް ތޯ؟

"އެއީ ސަބްސިޑަރީއެއް ގޮތަށް ލިލީ ގްރޫޕުގެ ދަށުން އާމިރު އަމިއްލައަށް އުފެއްދި ކުންފުންޏެއް. އެކަމަކު ވަކި ކުންފުންޏެއް އެއީ. މި ކުންފުންޏަކީ ބޮޑަށް ހަމަ ރިސޯޓު ސަޕްލައިސްތަކާއި ރެސްޓޯރެންޓުތަކާއި ކޭޓަރިން ސާވިސްއަށް އުފެއްދި އެފްއެންބީ ތަނެއް އެއީ."

ކޮން ރެސްޓޯރެންޓުތަކެއްތޯ ކުންފުނީގެ ދަށުން ހިންގަނީ؟

"ކާނިވާ ސަރަހައްދުގަ ކުރިން ހިންގަމުން އައީ ލިލީ ކެފޭ. މިހާރު އެތަނުގެ ދެ ބުރީގެ އިމާރާތެއް އަޅަމުން މިދަނީ. ދެން ސީކްރެޓް ރެސިޕީ. ދެން މެރީ ބްރައުން. ސީކްރެޓް ރެސިޕީ ހިންގާތާ މިއީ ދެވަނަ އަހަރު. މެރީ ބްރައުން ހިންގާތާ މިހާރު މިއީ ފަސް ވަނަ އަހަރު. މިއީ ހަމަ ފްރާންޗައިސް އުސޫލުން ހިންގާ ތަންތަން. ދެން އަމިއްލަ ފްރާންޗައިސެއް އެބަ ހިންގަން ޕިއްޒާ މިއާ. އެއީ އަޅުގަނޑުމެން އަމިއްލައަށް އުފެއްދި ބްރޭންޑެއް."

އެތަންތަނުގެ އިތުރުން، އިތުރު ފްރާންޗައިސްތަކެއް ގެންނަން އެބަ ހިޔާލު ކުރައްވަންތޯ؟

"މިހާރުވެސް ވާހަކަ ދައްކަމުން އެބަ ދަން ހަމަ ފުދޭ ވަރަކަށް ގިނަ ތަންތަނާ. ތިން ތަނަކާ އެބަ ވާހަކަ ދައްކަން. ވަރަށް ރަނގަޅު ކޮފީ ލިބޭ ތަނެއް އެބަ ގެންނަން ވަރަށް އަވަހަށް ހުޅުމާލެއަށާ މާލެއަށް. އޭގެ އިތުރުން ބްރެޑުގެ އެއްޗެއް އެބަ ގެންނަން. އެއީވެސް ހަމަ ހުޅުމާލެއަށާއި މާލެއަށް. އަދިވެސް އެބަ ގެންނަން ބާބަކިއު ކޮންސެޕްޓްގެ ފްރާންޗައިސް އެއް. އެހެންވީމަ ޖުމްލަކޮށް ތިން ތަނެއް އަންނާނެ ވަރަށް އަވަހަށް.

މިހާރު ހުރި ތަންތަނުގެ ޑިމާންޑު ނުއެއް ވެއްޓޭ. ހުރިހާ ތަނެއްގެ ވެސް ހަމަ ވަރަށް ރަނގަޅު. މާކެޓިން އަކާ ނުލައި، ތިން ތަންވެސް މި ހިންގަނީ ވަރަށް ސްޓޭބަލްކޮށް. އެއްވެސް ވަރަށް ސޭލްސް ދަށްވުން ނެތި އެދަނީ. އިސްތިހާރު ކުރާކަށް ނުވެސް ޖެހޭ."

އިންޓަނޭޝަނަލް ބްރޭންޑުތައް ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރި ވައިޑް ސްކޭލްއެއްގަ ކުރާއިރު ކިހިނެއްތޯ ލިލީ އިންޓަނޭޝަނަލްގެ ވެއާ ހައުސްތައް ހުރީ؟

"ލިލީ އިންޓަނޭޝަނަލް އަކީ ހުރިހާ ބޮޑެތި ބްރޭންޑުތައް ހޯސްޓު ކުރާ ކުންފުނި. އަޅުގަނޑުމެންގެ ވެއާހައުސްތަކަކީ ހަމަ ސާޓިފައިޑް ވެއާހައުސްތަކެއް. އަޅުގަނޑުމެންގެ ވެއާހައުސްތައް އޮޑިޓްވެސް ކުރާނެ. އޮޑިޓް ކޮށްފަ އޭގެން ތަނެއްގަ ފަންކާއެއް ނިވިފަ އިނަސް ބޮތްކެއް ނިވިފަ އިނަސް އަޅުގަނޑުމެންނަށް އަންނާނެ އެ ރިޕޯޓު. ބަރާބަރަށް އޮޑިޓްކޮށް ބަލަހައްޓަމުން މިދަނީ."

ވެސްޓް ޕާކު ހިންގަންވެސް މީގެ ކުރިން 2012 ވަނަ އަހަރު ސަރުކާރުން އާމިރުއާ ހަވާލު ކުރި. ކޮބައިތޯ އެތަނުގެ މަސައްކަތް އޮތް ހިސާބަކީ؟ މައްސަލަ އޮތީ ކޯޓުގަ. ކިހިނެއްތޯ އެމަސައްކަތުގެ ކަންކަން އޮތީ؟

"އާމިރު އެ ބިޑު ވިން ކުރީ. އެއީ 2012 ވަނަ އަހަރު. ބިޑު ވިން ކުރީމަ އޭތި ދިޔައީ ކޯޓަށް. ދެން ކޯޓު މަރުހަލާގަ އޭތި ދެމެމުން ދެމެމުން ގޮސް މިހާތަނަށް އައި އިރު، އިހަށް ދުވަހު އަނެއްކާ ގޮސްފި ހައިކޯޓަށް. ހައި ކޯޓުން ނިންމީ އާމިރުއާ އެއްކޮޅަށް. ދެން މިހާރު އަނެއްކާވެސް ސުޕްރީމް ކޯޓަށް އެލަނީ. އެހެންވީމަ ކޯޓު މަރުހަލާތަކުގަ އުޅެނީ އެ މައްސަލަ.

އެތަން އެއިނީ ކުރަހާ ނިންމާފަ. ދެން ކޯޓު މަރުހަލާތައް ނިމުނީމަ ނޫނީ އިންވެސްޓު ކުރާކަށް ބޭނުމެއް ނޫން. ކޯޓުން ވަކި ގޮތެއް ނިންމާއިރު ފަހަރެއްގަ އޭރުން އާމިރުގެ އިންވެސްޓުމެންޓު ދިޔައީ. އިންވެސްޓު ނުކޮށް އެއޮތީ އެހެންވެ. މާދަންވެސް އެކަން ކުރަން ބޭނުން. ކޯޓު މަރުހަލާ ނިމުމުން އާމިރުއަށް އެތަން ލިބިއްޖެއްޔާ ހަމަ ވަގުތުން އިންވެސްޓު ކުރާނަން."

ލިލީ އިންޓަނޭޝަނަލް އިން ރާއްޖެ އެތެރެކުރާ ބްރޭންޑުތަކަށް އޮތް ޑީމާންޑު އޮތީ ކިހިނެއްތޯ؟

"ދުނިޔޭގެ އެންމެ ބޮޑު ކުންފުނިތަކުގެ ޕްރޮޑަކްޓްސްތަކާ ބްރޭންޑުތައް އަޅުގަނޑުމެން އެބަ ގެންގުޅެން. ގާތްގަނޑަކަށް 30 ވަރަކަށް އިންޓަނޭޝަނަލް ބްރޭންޑުތައް އުޅޭނެ. ޑިމާންޑު ދަށެއް ނުވޭ. ހަމަ އެއް ވަރެއްގަ އުޅެނީ"

މިފަހަރުގެ އެފްއެންބީ ޝޯގައިވެސް ލިލީ އިންޓަނޭޝަނަލް ބައިވެރިވޭ. ކޮން ކޮން ޕްރޮޑަކްޓްސްތަކެއް ތޯ ޕްރޮމޯޓު ކުރަން ހަމަޖައްސާފަ ވަނީ؟

"އަޅުގަނޑުމެންނަކީ އެ ޝޯގެ މެއިން ސްޕޮންސާ. ކޮންމެ އަހަރަކުވެސް. މިއަހަރުވެސް އަޅުގަނޑުމެން ޝޯކޭސް ކުރާނަން އަޅުގަނޑުމެންގެ ހުރިހާ ބްރޭންޑެއް. އަޅުގަނޑުމެން ނަގަނީ އެއް ހޯލު އެއްކޮށް. ނަގާފަ ހުރިހާ ޕްރޮޑަކްޓްސްތަކެއް ޝޯކޭސް ކުރަން.

އަޅުގަނޑުމެން އެ ޝޯ ތެރެއިން އިނާމުވެސް ދޭނަން. އެއީ ކަލިނަރީ އިވެންޓުތަކަށާއި އެކު. އަޅުގަނޑުމެންގެ ސްޓޯލު ހުންނާނީ ލައިވްކޮށް. ޓޭސްޓްވެސް ކުރެވޭ ގޮތަށް"

ކިހާ ވަރެއްގެ ކަސްޓަމާ ބޭސް އެއް އޮވޭތޯ ލިލީ އިންޓަނޭޝަނަލްގެ؟

އަޅުގަނޑުމެން ގާތްގަނޑަކަށް 126 ރިސޯޓަކަށް ސަޕްލައި ކުރަން. ދެން ގާތްގަނޑަކަށް ހުރިހާ ރެސްޓޯރެންޓުތަކަށްވެސް އަޅުގަނޑުމެން ސަޕްލައިކޮށްދެން. ގާތްގަނޑަށް ބުނާ ނަމަ ރެސްޓޯރެންޓުތަކުގެ 60 ޕަސެންޓު ރެސްޓޯރެންޓުތަކަށް އަޅުގަނޑުމެން ސަޕްލައި ކުރަން.

ކޮބައިތޯ ލިލީ ކުންފުނީގެ މައިގަނޑު އަމާޒަކީ؟

"އަޅުގަނޑު ވަރަށް ވިސްނާ ކަމެއް ކުންފުނި ޕަބްލިކް ކުރުން. ޕަބްލިކް ކުންފުންނަކަށް ހެދުން. އަޅުގަނޑުމެންގެ އެތެރޭގެ ހުރިހާ ކަމެއް ސިސްޓަމައިޒް ވެފަ އޮންނާނީ ޕަބްލިކް ކުންފުންޏަކަށް ހެދުމާ އަމާޒަށް ވާސިލް ވުމަށް. އެކަމަކު އަޅުގަނޑަށް ހީވަނީ އަދި ނަގާނެ ކަންނޭގެ ހަތަރު ވަރަކަށް އަހަރު. އެކަމަކު އެއީ ހަމަ އަޅުގަނޑުގެ ޑްރީމެއް."

comment ކޮމެންޓް