ސަރުކާރާ އެއްކޮޅަށް ފާޅުގައި ވޯޓުލާނެ އެމްޑީޕީ އަދި ޖޭޕީ ބޭފުޅުން އެބަތިބި: ނިހާން

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓު، މަޖިލީހުގައި ސަރުކާރަށް މިހާރު އޮތް މެޖޯރިޓީއާ އެކު ފެއިލް ކޮށްލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިހާން މިރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅެނީ ވަގުތު ބޭކާރު ކުރުމުގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކަށް ކަންތައްތަކެއް ދެއްކުމަށް ކަމަށެވެ.

"ވޯޓު ހަމަވެގެން ކުރާކަމެއްވެސް ނޫން މިއީކީ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތިގެން އުޅޭނަމަ މައްސަލަ ވައްދާނީ މިއަދަކު ނޫން. މިއަށް ވުރެ މާ ކުރީން ލާނެ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅެނީ މަޖިލީހުގެ ރައީސް ގޯސް ވެގެނެއް ނޫނެވެ.

"މިވަގުތު ހާލަތު ހަލަބޮލިކޮށްލައި، ރައީސް ޔާމީންގެ އެޖެންޑާތަކަށް ސިޔާސީ ކިލަނބުކަން ވައްދާލެވޭނެ ގޮތެއް އެމްޑީޕީއަށް ހީވަނީ މި ލިބުނީއޭ، ކުރީގެ ސިޔާސީ ހަތުރުން އެއްވީމަ،" އިދިކޮޅު ފަރާތްތަކުން އެކުގައި ކުރަމުން ގެންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އަންނަ ހޯމަ ދުވަހު މަޖިލީހުގައި ނަގާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ސަރުކާރުން ފެއިލްކޮށްލައި، ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ސަރުކާރާ އެއްކޮޅަށް ވޯޓުދޭނެ އިދިކޮޅު މެމްބަރުންވެސް އެބަ ތިބި ކަމަށެވެ.

"އިދިކޮޅު އެމްޑީޕީގައި އެބަތިބި މި ޖަހާ ސިޔާސީ ސަކަރާތުގައި ބޯލަނބަން ބޭނުން ނުވާ، އެކަމަކު ބައެއްކަހަލަ ދަތިތަކާ ހުރެ މި ވޯޓުގައި ބައިވެރިވާނެ [ބޭފުޅުން]. އެކަމަކު އަޅުގަނޑުމެންނާ އެކު ވޯޓު ދެއްވަން ތައްޔާރަށް ތިބި މެމްބަރުން އެބަތިބި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގައިވެސް،"

ނިހާން މިހެން ވިދާޅުވެފައިވާ އިރު، މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކީ "ނިމިފައި އޮތް ކަމެއް"ގެ ގޮތުގައި ބެލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ހޯމަ ދުވަހު ސަރުކާރާ އެއްކޮޅު މެމްބަރުން ނުކުމެ، "އެމްޑީޕީއާއި އެމްޑީޕީއާ ގުޅިފައިވާ ފަރާތްތަކަށް ސިޔާސީ ގޮތުން ހޭލަމޭލަވެ ނޫޅެވޭ ވަރަށް" ވޯޓުން ބަލިކުރައްވާނެ ކަމަށެވެ.

"އުންމީދަކީ އެދުވަހުގެ ފަހުން އެމްޑީޕީން މި ސިޔާސީ ސަކަރާތް ޖެހުން ހުއްޓާލުން، މިއަހަރުވެސް ވަރަށް ބައިވަރު މަޝްރޫއުތައް ރާވާފައި އެބަހުއްޓޭ، އަޅުގަނޑުމެންނަށް މަސައްކަތް ކުރުމަށް ފުރުސަތު ދޭށޭ،" ނިހާން ވިދާޅުވިއެވެ.

comment ކޮމެންޓް