ޓީސީއާ ޔޫވީގެ މެޗުން އަންނަ މަހުގެ 7ގައި މާލޭ ލީގު އަލުން ފަށަނީ

މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗު 3-0 ލަނޑުން ކާމިޔާބުކުރީ ޓީސީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގައި ހަލުވި ކަމާ އެކު އެޗް1އެން1 ރޯގާ ފެތުރޭން ފެށުމާ ގުޅިގެން މެދުކަނޑާލާފައިވާ މާލޭ ލީގުގެ ކުޅުން އަންނަ އޭޕްރީލް މަހުގެ 7 ވަނަަ ދުވަހު ފަށާގޮތަށް ހަމަޖައްސައި މުބާރާތުގެ ޝެޑިއުލް އާންމުކޮށްފިއެވެ.

މާލޭ ލީގު މެދު ކަނޑާލިއިރު މުބާރަތުގައި ބައެއް ޓީމުތައް ދެ މެޗު އަދި ބައެއް ޓީމުތައް ވަނީ ތިން މެޗު ކުޅެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން މެދުކަނޑާލި މާލޭ ލީގު އަލުން ފަށާއިރު އެފްްއޭއެމުން މިއަދު އާންމުކޮށްފައިވާ އެ މުބާރާތުގެ ޝެޑިއުލް ބުނާ ގޮތުން މުބާރާތް އަލުން ފާށާ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކުލަބާ ޔުނައިޓެޑް ވިކްޓަރީއެވެ. އަދި ހަތްވަނަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާ ވެލެންސިއާއެވެ.

މާލޭ ލީގުގެ ތާވަލްގެ އެއްވަނައިގައި ނިއުރޭޑިއަންޓް އޮތް އިރު ދެވަނައިގައި އޮތީ މާޒިޔާއެވެ. ތިންވަނައިގައި އޮތީ އީގަލްސްއެވެ.

މާލޭ ލީގު އަލުން ފަށާނެ ތާރީހެއް އިއުލާންކޮށްފައިވާއިރު، ރޯގއާ ގުޅިގެން އެފްއޭއެމުން މެދު ކަނޑާލާފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްވެސް މިއަދު ވަނީ ފަށައިފައެވެ.

comment ކޮމެންޓް