މަސީހު ވަކިކުރުމަށާއި، އިދިކޮޅު ފަރާތްތަކާ ގުޅުމަށް ޖޭޕީން ނިންމައިފި

މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ/ ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީއިން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް މިއަދު ލަފާ ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީ، ޖޭޕީ އަދި ރައީސް މައުމޫނަށް ވަފާތެރި މެމްބަރުން ހިމެނޭ ގޮތަށް 25 މެމްބަރުންގެ ސޮޔާ އެކުއެވެ.

މިއަދު ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީ ނުވަތަ ކައުންސިލްގެ 96 ވަނަ ބައްދަލުވުމުގައި، އެޕާޓީއިން ވަނީ މުހިންމު ކަންތައްތަކެއް ނިންމައިފައެވެ. އެ ބައްދަލުވުމުގައި ކައުންސިލުގެ 31 މެމްބަރުންގެ ތެރެއިން 25 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު "ސަން"އަށް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި، ގައުމުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީއާއި ރައީސް މައުމޫނާއި އަދާލަތު ޕާޓީއިން ކުރަމުންދާ މަސައްކަތާ ޖުމްހޫރީ ޕާޓީއިން ގުޅިގެން ކުރިޔަށް ދިއުމަށެވެ.

ސަމީރު ވިދާޅުވީ އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު، ކައުންސިލުގެ އިއްތިފާގުން މިއަދު އެޕާޓީގެ ލީޑަރު ގާސިމް އިބްރަހީމަށް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މަޖިލީހަށް މިހާރު ވައްދާފައިވާ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ކައުންސިލުން ލަފާ ދިންކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީއަކީ އެޕާޓީގެ އެންމެ އިސް ގުނަވަނަށް ވާ އިރު، އެ ކޮމިޓީން ނިންމާ ގޮތަށް ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވަނީ ހަތް މެމްބަރުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް އިއްޔެ ފްރީޒްކޮށްފައިވާ އިރު، ގާސިމް ވަނީ ސަރުކާރާ ހިތްހަމަޖެހިވަޑައިނުގެން، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫނަށް ބައިއަތުވެސް ހިއްޕަވައިފައެވެ.

comment ކޮމެންޓް