ފާރުގަނޑު ފަސޭހަނުވެ ނުކުޅެދޭ ހާލަތަށް

ޝައްޔާނުގެ ފައިފާރުވެފައި--

މ. ފެމްލެޓް، 12 އަހަރުގެ އަހުމަދު ޝައްޔާން ހަލީމް އަކީ އުފެދުމުގައި ހުންނަ މައްސަލައެއް ކަމަށްވާ ސްޕައިނަލް ޑައިސްރަފިޒަމް ހުންނަ ކުއްޖެކެވެ. އެކަމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށް ދަތިވެ އެތައް ވޭނެއް އޭނާ މިހާރުވެސް ދަނީ ތަހައްމަލް ކުރަމުންނެވެ.

ސްޕައިނަލް ޑައިސްރަފިޒަމް އަކީ އުފެދުމުގައި ސްޕައިނަލް ކޯޑަށް ދިމާވާ ނުކުޅެދުންތެރިކަމަކަށް ކިޔާ މެޑިކަލް ޓާމެވެ. މި ހާލަތު މެދުވެރިވަނީ ސްޕައިނަލް ކޯޑުގެ ނާރުތަކަށް ދިމާވާ މައްސަލައަކާ ގުޅިގެންނެވެ. ނުވަތަ ސްޕައިނަލް ކޯޑުގައި ނާރު އުފެދެން ޖެހޭ ގޮތަށް ނުއުފެދުމުގެ ސަބަބުންނެވެ.

ދެ މަހުން ފެށިގެން އެޑޮޕްޓްކޮށްގެން ޝައްޔާން ބަލަމުން އަންނަ ގާނޫނީގޮތުން އޭނާގެ ބެލެނިވެރިފަރާތްކަމަށްވާ އައިމިނަތު ވަހީދާ ބުނިގޮތުގައި ޝައްޔާނުގެ ސްޕައިނަލް ކޯޑަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އޭނާގެ އުނަގަނޑުން ތިރިއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އޭގެ ސަބަބުން ޝައްޔާހްގެ ދެފައިވެސް ހިމައެވެ.

"ދެފައި ހިމަ އެކަމަކު އިރާދަކުރެއްވީތީ ހިނގާ އުޅެވޭ. ނަމަވެސް ދެފައިވެސް ހިމަވާނެ މިފަދަ ކުދިންގެ. އެކަން ރަނގަޅުކުރުމަށް ވަރަށް ފަރުވާކޮށްފިން،" އައިމިނަތު ބުންޏެވެ.

ޝައްޔާންގެ އުމުރުން ހަތް އަހަރުވީއިރު އޭނާއަށް ދިމާވެފައިވާ ސިއްހީ މަސައްލައަށް ޝީފާއެއް ހޯދުމަށް ހަތް އޮޕަރޭޝަނެއް ވަނީކޮށްފައެވެ. ގިނައިން ފަރުވާހޯދީ އިންޑިއާއިންނެވެ. ފަހުން ޑޮކްޓަރުން ބުނީ އޭނާއަށް ހިނގޭނަމަ އޮޕަރޭޝަން ކުރުން ބުއްދިވެރި ނޫން ކަމަށެވެ.

"ޑޮކްޓަރުން ބުނީ ފަހަރެއްގައި ޕެރަލައިޒްވެދާނެއޭ. އެހެންވެ ހިނގޭނަމަ ކުރާނެ ކަމެއްނެތޭ، އޮޕަރޭޝަންގެ ތެރެއިން އެހެންވެދާނެތީ،" އައިމިނަތު ބުންޏެވެ.

ޑޮކްޓަރުން އެގޮތަށް ލަފާ ދިނުމުން ޝައްޔާންގެ އޮޕަރޭޝަން ނުކޮށް މަޑުޖައްސާލިއެވެ. އެހެން އުޅެނިކޮށް 2014 ވަނަ އަހަރުގެ މާރިޗްމަހު އޭނާ ކުޅެން އުޅުމުގެ ތެރެއިން ފައިގެ ފުންނާބު ޓިނުގަނޑެއްގައި ޖެހި ކަފައިގެންދިޔައެވެ.

"ފުންނާބު ހަލާކުވެފައި ފާރުވީ. އަށް ފަހަރު ސާޖަރީ ހަދައިފިން. މާލެއިން ހަތަރު ފަހަރު، އިންޑިއާއިން ހަތަރުފަހަރު، އެކަމަކު ރަނގަޅެއްނުވޭ ފާރުގަނޑު އިންނަނީ،" ޝައްޔާންގެ ހާލަތު ކިޔައިދެމުން ބުންޏެވެ.

ސްޕައިނަލް ޑައިސްރަފިޒަމްގެ ސަބަބުން ފާރުގަނޑު ފަސޭހައެއްނުވެއެވެ. އެއީ ނާރުތަކުގެ ބާރު ދަށްވުމުގެ ސަބަބުންނެވެ. ޝައްޔާންގެ ފައިގެ ފުންނާބު ވަނީ ފާރުވެ އިންފެކްޓްވެފައެވެ. މިހާރު އޭނާއަށް ހިނގާ ބިނގާވެ އުޅުމަށް ދައްޗެވެ. އަދި ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެއެވެ.

"ހުންވެސް އާދޭ، ދުޅަވެފައި އިންނަނީ، އެކަމާހެދި މިއަހަރު ސުކޫލަށް ދެވުނީ ހަތަރު ދުވަހު، މިހާރު އެއުޅެނީ ގުރޭޑް ހަތެއްގަ،"

އައިމިނަތު ބުނީ އިންޑިއާގެ ކޮޗިންއިން ފަރުވާކުރިއިރު ރަނގަޅުކަމަށާއި ފާރުގަނޑު އިތުރަށް ބޮޑުވީ މާލެއައިސް ބޭސް ބަދަލުކުރަން ފެށުމުގެ ތެރެއިން ކަމަށެވެ. މިހާރު އެމީހުން އަނެއްކާވެސް މަސައްކަތް ކުރަނީ ރާއްޖެއިން ބޭރުން އެކަމަށް ފަރުވާ ހޯދުމަށެވެ.

"އަލިމަގެއް ފެންނަންދެން އިންޑިއާގައި ހުންނަން މިފަހަރު ބޭނުމީ. އެކޮޅުން ފަރުވާ ކުރާއިރު ވަރަށް ރަނގަޅު،" އައިމިނަތު ބުންޏެވެ.

ޝައްޔާންގެ ފަރުވާއަށް އާސަންދަ ލިބެއެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި އުޅެންޖެހޭނެ ވަކި މުއްދަތެއް ނޭނގުމާއި އެކޮޅުގައި ތިބުމާއި ކެއިންބުއިންފަދަ ޒަރޫރީ ބޭނުންތަކަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ މިހާރުވެސް އެބައްޔަށް އެތައް ހަރަދެއްކޮށްފައިވާ އެ އާއިލާއަށް ދައްޗަކަށްވުމުން އެ އާއިލާއިން އެދެނީ ދީލަތި އެހީތެރި ކަމަކަށެވެ.

އެހީތެރިވުމަށް:

އައިމިނަތު ވަހީދާ: 9866445

އެކައުންޓް ނަމްބަރު:

އައިމިނަތު ވަހީދާ: 7704161864101

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް