އަޅުގަނޑަކީ ޔާމީންގެ ސަޕޯޓަރެއް، އެކަމަކު ބުނަން ޖެހުނު އެއްޗެއް ބުނާނަން: މޫސަ

މަޖިލީހުގެ ރައީސް ރީކޯ މޫސަ މަނިކު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ: މަޖިލީހުގެ ނައިބު ރައީސްކަމަކީ އޭނާ ބޭނުންވާ މަގާމެއް ނޫން ކަަމަށް ވިދާޅުވި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަޕޯޓަރެއް ކަމަށް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ތައުރީފު ކުރައްވައި ރީކޯ މޫސާ މަނިކު ވާހަކަފުޅު ދައްކަވައިފި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން މަޖިލިސް ކުރާ ގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މޫސަ ވިދާޅުވީ ރައީސް ޔާމީނަކީ ގާތް ރައްޓެއްސެއް ކަމަށާއި ވަރަށް ތާއިދު ކުރައްވާ ބޭފުޅެއް ކަމަށެވެ.

"ރައީސް ޔާމީން ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އަޅުގަނޑު ވަރަށް ތާއިދު ކުރަން. އަޅުގަނޑުގެ ވަރަށް ބޮޑު ރައްޓެއްސެއް. ވަރަށް ގިނަ ދުވަސްވަންދެކަށް މި ރައްޔިތުންގެ މަޖިލީހުގައި ވަރަށް ބުރަކޮށް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްފައިވާ ގާތް ރައްޓެއްސެއް އެއީ،" މޫސަ ވިދާޅުވި އެވެ.

ރައީސް ޔާމީނާ ދެމެދު އެއްވެސް މައްސަލައެއް މިހާތަނަށް ޖެހިފައި ނުވާ ކަަމަށް ވިދާޅުވެ، މޫސަ ވިދާޅުވީ އޭނާއަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް ކަމަށެވެ.

ނަމަވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމެއްގައި ބުނަން ޖެހުނު އެއްޗެއް ބުނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"ބައްލަވާ އަޅުގަނޑަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް ކަމަށް. އެހެން ނަމަވެސް ސިޔާސީ ގޮތުން ހިޔާލުތަފާތު ވުމެއްގައި އަޅުގަނޑު ބުނަން ޖެހުނު އެއްޗެއް ބުނާނަން،" ރައްޔިތުންގެ މަޖިލީހުގައި ހުޅުހެންވޭރު ދާއިރާ ތަމްސީލު ކުރައްވާ މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ހުޅުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މޫސައަކީ މަޖިލީހުގައި މިހާރު މިނިވަން މެމްބަރެކެވެ.

މަޖިލީހުގެ ރައީސް މަސީހާއި މަޖިލީހުގެ ނައިބު ރައީސް މޫސަ ރައީސް ޔާމީންގެ އަރިހުގައި--- ފޮޓޯ/ ރައީސް އޮފީސް

މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކޮށްފިނަމަ އިދިކޮޅު ފަރާތްތަކާ ގުޅޭނަންތޯ ސުވާލު ދެންނެވުމުން މޫސަ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ އޭނާއަކީ ސަރުކާރުގެ މެމްބަރެއް އަދި އިދިކޮޅު ފަރާތްތަކުގެ މީހެއް ވެސް ނޫން ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމަކީ ބޭނުންވާ މަގާމެއް ނޫން: މޫސަ

މަޖިލީހުގެ ނައިބު ރައީސް ކަމަކީ ޝައްގުވެރިވާ މަގާމެއް ނޫން ކަމަށާއި އެ މަގާމު ބޭނުން ނުވާ ކަމަށް މޫސަ މިއަދު ވަނީ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަންޖެހޭނެ ކަމަށް ގަބޫލު ކުރައްވަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މޫސަ ވިދާޅުވީ "އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން،" ކަމަށެވެ.

"އަޅުގަނޑަކީ މަގާމުގެ ދަހިވެތި ކަމުގައި އުޅޭނެ މީހެއް ނޫން."

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް ކަމުން މޫސަ ވަކިކުރުމަށް 15 މެމްބަރުންގެ ސޮއާއެކު އިއްޔެ ވަނީ މަޖިލީހަށް މައްސަލަ ހުށަހަޅާފަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާއެކު، ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެމްބަރުންނަށް ފޮނުވަންވާނެ އެވެ. އެ ނޯޓިހުގެ ތާރިހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަންވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް